06 Jul 2013, 14:25
ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ރައީސް ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާސިމް އަހްމަދު އައްޔަންކޮށްފައި ވަނީ ގަވާއިދާ ޚިލާފަށް ކަމަށް ބުނެ އެ އޮތޯރިޓީގެ ނައިބު ރައީސް ޝުޖާއު ހުސައިން ހުށަހެޅުއްވި ދައުވާ ސިވިލް ކޯޓުން ބޭރުކޮށްލައިފި އެވެ.
ސިވިލް ކޯޓުން ބުރާސްފަތި ދުވަހު ކުރި ހުކުމްގައި ބުނެފައި ވަނީ ޝުޖާއު އަކީ އެލްޖީއޭގެ ނާއިބް ރައީސް ކަމުގައި ވިޔަސް އޭނާ އެ ދައުވާ ކުރައްވާފައި ވަނީ އޭނާގެ އަމިއްލަ ހައިސިއްޔަތުން ކަމަށެވެ.
އެ ހުކުމްގައި ބުނެފައި ވަނީ ޝުޖާއުގެ މަގާމާ ގުޅުމެއް ނެތްގޮތުން އަމިއްލަ ފަރުދެއްގެ ހައިސިއްޔަތުން އޭނާ އަށް އެ ދައުވާ ކުރުމުގެ ހައިސިއްޔަތު ލިބިގެންންވާކަމަށް ޝަރީއަތަށް ގަބޫލުނުކުރެވޭތީ އެ ދައުވާ އިތުރަށް ކުރިއަށް ގެންދެވޭނެ ތަނެއް ނެތްކަމަށެވެ.