ޕެންކްރިއޭޓިކް ކެންސަރަކީ ކެންސަރުގެ ބާވަތްތަކުގެ ތެރެއިންވެސް ފުރާނައަށް ނުރައްކާވާ ކެންސަރުގެ ބާވަތެކެވެ. ޕެންކްރިއޭޓިކް ކެންސަރު ޖެހިގެން މަރުވާ މީހުން ނިސްބަތުން އިތުރު ވަނީ، އެ ބަލީގެ ފުރަތަމަ މަރުހަލާގައި ބަލި ޖެހިފައި ހުރިކަން ދެނެ ނުގަނެވުން ނުވަތަ ދެނެގަތުމަށް އުނދަގޫ ކަމުންނެވެ.

ޕެންކްރިއޭޓިކް ކެންސަރު ޖެހުމުން އެކަމަށް ފަރުވާ ހޯދުމާއި އަދި އެ ބަލިން ސަލާމަތްވާ މީހުންގެ އަދަދު މަދުވަނީ، އެ ބަލި ޖެހިފައި ހުންނަ މީހެއްގެ ހަށިގަނޑުން، ބަލީގެ ކުރީކޮޅުގައި ބަލި ޖެހިފައި ހުންނަ ކަމުގެ އަލާމަތްތައް ފެންނަލެއް މަދު ވުމުންނާއި އަދި އެކަން ދެނެ ގަންނަން ގިނަ ފަހަރު ނޭނގޭތީ އެވެ.

އެމެރިކާގެ މޭރީލޭންޑްގެ ނޯތު ކައުންޓީ ހައި ސްކޫލްގައި ކިޔަވަމުންގެންދާ އުމުރުން އެންމެ 16 އަހަރުގެ ސައިންޓިސްޓް، ޖެކް އެންޑްރެކާއަށް، ކެންސަރު ދެނެގަންނާނޭ ފަސޭހަ ގޮތެއް ހޯދުމުގެ ޝައުގުވެރިކަން އުފެދުނީ، އޭނާގެ އާއިލާގެ ބޮޑުބޭބެއެއްފަދަ ގާތް މީހަކު ޕެންކްރިއޭޓިކް ކެންސަރުގައި މަރުވުމުންނެވެ. އެހާ ހިސާބުން ފެށިގެން ކެންސަރު ބައްޔާބެހޭގޮތުން އޭނާ ދިރާސާތައް ފެށިއެވެ. އަދި އޭނާގެ ހޯދުން ތަކުން އެނގުނީ، ޕެންކްރިއޭޓިކް ކެންސަރު ޖެހޭމީހުންގެ 85 އިންސައްތަ މީހުން މަރުވަނީ، އެ ބަލި ޖެހިފައި ހުރިކަން ދެނެގަތުން މާބޮޑަށް ލަސްވާތީ އެވެ. އަދި ބަލި ޖެހޭމީހުންގެ ތެރެއިން ސަލާމަތްވަނީ އެންމެ ދެ އިންސައްތަ މީހުން ކަމެވެ. އަދި ބަލި ދެނެގަތުމަށް ހުރި ވަސީލަތްތަކުގެ އަގު ބޮޑުވުމާއި އެ ފަދަ ވަސީލަތްތަކުން ނެރެވޭ ނަތީޖާ އެހާ ބޮޑަށް ސީދާ ނުވަތީ އޭނާ އަޒުމް ކަނޑައެޅި ޕެންކްރިއޭޓިކް ކެންސަރު ފަސޭހައި ދެނެގަނެވޭ އަގުހެޔޮ ވަސީލަތެއް އީޖާދު ކުރުމަށެވެ.

ފުރާވަރުގެ ސައިންޓިސްޓް އޭނާގެ ކިޔެވުމުގެ ގިނަ ވަގުތުތަކެއް، ކެންސަރު ދެނެގަތުމަށް ހަދާ ބަޔޯމާކާ އެއް ކަމަށްވާ، މެސޮތެލިންއާ ބެހޭގޮތުން ދިރާސާތައް ކުރުމުގައި ވަގުތުތައް ހޭދަކުރި އެވެ. އަދި އޭނާގެ ހޯދުންތަކުގެ ތަފްސީލީ "ރިސާޗް ޕްރޮޕޯސަލް"އެއް އެކުލަވައިލުމަށްފަހު ޖޯން ހޮޕްކިންސް ޔުނިވާސިޓީ (ޖޭއެޗްޔޫ)އާއި ނޭޝަނަލް އިންސްޓިޓިއުޓް އޮފް ހެލްތުގެ ސައިންސްވެރިންނަށް އެ ޕްރޮޕޯސަލް އީމެލްއިލްގެ ޒަރީއާއިން ފޮނުވި އެވެ. އެހެން ނަމަވެސް އޭނާގެ އެ މަސައްކަތް ގިނަ ސައިންޓިސްޓުން ބަލައެއް ނުގަތެވެ. އެންޑްރެކާގެ އެ މަސައްކަތް ބަލައިގަތީ، ޖޭއެޗްޔޫގެ ޕެތޮލޮޖިސްޓެއް ކަމަށްވާ އަނިރްބަން މެއިޓްރާ އެވެ. އަދި އޭނާގެ ލެބޯޓަރީއިން އެންޑްރެކާއަށް ތަހްލީލު ކުރުމަށާއި އިތުރަށް ދިރާސާތައް ކުރުމުގެ ފުރުސަތު ތަނަވަސް ކޮށްދިނެވެ.

ހަތް މަސް ދުވަސް ވަންދެން ކޮންމެ ދުވަހަކުހެން ކުރި މިންނެތް ބުރަ މަސައްކަތުން އެންޑްރެކާ ވަނީ، އޭނާގެ ހުވަފެން ހަގީގަތަކަށް ހަދާފަ އެވެ. އަދި 2012 ވަނަ އަހަރު ޕިޓްސްބާގުގައި އޮތް އިންޓެލް އިންޓަނޭޝަނަލް ސައިންސް އެންޑް އިންޖިނިއަރިން ފެއާގައި އޭނާގެ އެ މަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން ވަނީ 750000 ޑޮލަރުގެ އަގުބޮޑު ސްކޮލާޝިޕެއް ދީފަ އެވެ.

އެންޑްރެކާގެ ރިސާޗް އަދި 200 ސައިންސް ޕްރޮފެސަރުންނަށް އޭނާ ފޮނުވި ލިޔުންތަކުގެ އެހީގައި މިހާރު އޭނާވަނީ، "ޑިޕްސްޓިކް ޑައިގްނޯސްޓިކް ޓެސްޓް" ބަޔޯމާކާއެއް އުފައްދާފަ އެވެ. އަދި އެ ބަޔޯމާކާގެ އެހީގައި، ޕެންކްރިއޭޓިކް ކެންސަރުގެ އިތުރުން ފުއްޕާމޭގެ ކެންސަރާއި ރަހިމުގެ ކެންސަރު ވެސް ފަސޭހަކަމާއެކު ދެނެގަނެވޭނޭ ކަމަށްވެ އެވެ.

އެޑްރެކާ އުފެއްދި ޓެސްޓް ކިޓަކީ ކެންސަރު ދެނެގަތުމަސް މިހާރު ބޭނުންކުރަމުން ގެންދާ ވަސީލަތްތަކަށްވުރެ މާބޮޑަށް ވެސް ފުރިހަމަ އަދި ނަތީޖާ އެހާމެ ސީދާ، މިހާރު ބޭނުން ކުރާ އަގުބޮޑު ވަސީލަތްތަކަށްވުރެ، 26،000 ގުނަ އަގުހެޔޮ، 400ގުނަ ސެންސިޓިވް އަދި 168 ގުނަ އަވަހަށް ނަތީޖާ ދެނެގަތުމުގެ ގާބިލްކަން ލިބިފައިވާ އީޖާދެކެވެ.