06 Jul 2013, 12:16
"ގައުމާއިގެން ކުރިއަށް ކޯލިޝަން" ގެ ސަރުކާރެއްގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ޕްރީސްކޫލް ޚިދުމަތް ގާއިމް ކުރަނީ އެކަށީގެންވާ ޖާގައާއި ވަސީލަތްތަކާއި އަދި ތަމްރީން ލިބިފައި ތިބި ޓީޗަރުންނާ އެކު ކަމަށް ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ރަނިންމޭޓް އަހްމަދު ތަސްމީން އަލީ ވިދާޅުވެއްޖެ އެވެ.
ށ. ކަނޑިތީމުގައި "ގައުމާއިގެން ކުރިއަށް ކޯލިޝަން" ގެ ޖަގަހަ ހުޅުވުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ތަސްމީން ވިދާޅުވީ އަންނަން އޮތް ޖީލުތައް ބިނާކުރުމުގައި ފުރިހަމަ ޕްރީސްކޫލް ތައުލީމް އެންމެ ފުރިހަގޮތުގައި ލިބެންޖެހޭނެ ކަމަށެވެ.
ތަސްމީން ވިދާޅުވީ ރިޔާސީ އިންތީޚާބުގައި މީހަކު ވާދަކޮށްފިނަމަ އެމީހަކީ ހަގީގަތް އޮޅުވާލައި އިންތިޚާބު ކާމިޔާބު ކުރުމަށް ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވާނެ ބޭފުޅެއްތޯ ރައްޔިތުން ބަލަންޖެހޭ ކަމަށެވެ. އަދި އެމީހަކީ އިޚްލާސްތެރިކަމާ އެކު ރައްޔިތުންނަށް ކަންތައްކޮށްދޭނެ ތެދުވެރި އަމާނާތްތެރި މީހެއްތޯ ވެސް ބަލަންޖެހޭ ކަމަށާއި ގައުމުގެ ކަންތައް ހަވާލުކުރުމަށް އެންމެ ރަނގަޅު ބޭފުޅަކީ ރައީސް ވަހީދު ކަމަށް ތަސްމީން ވިދާޅުވި އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވަހީދުގެ ޕޮލިޓިކަލް އެޑްވައިޒަރު އަހްމަދު ތައުފީގު ވިދާޅުވީ ރައީސް ވަހީދާއި ތަސްމީންގެ އަގުވައްޓާލާން ބައެއް ފަރާތްތަކުން ވާހަކަދައްކަމުން ގެންދާ ކަމަށާއި އެފަދަ މީހުންގެ ތެރޭގައި ސަރުކާރު ކޯލިޝަންގައި ހިމެނޭ ބައެއް ޕާޓީތަކުގެ ބޭފުޅުން ވެސް ހިމެނިވަޑައިގަންނަވާ ކަމަށެވެ.
އޭނާ ވިދާޅުވީ އެފަދަ ވާހަކަތަކަކީ ރައްޔިތުންނަށް ހަގީގަތް އޮޅުވާލުމަށް ދައްކާ ވާހަކަތަކެއް ކަމަށާއި އެއީ ރައްޔިތުން ބަލައިގަންނާނެ ވާހަކަތަކެއް ނޫން ކަމަށެވެ. އަދި ރައީސް ވަހީދުގެ ކޯލިޝަނާ ބެހޭގޮތުން އެކި ފަރާތްތަކުން ދައްކާވާހަކަތަކަށް ސަމާލުވެ ތިބުމަށް އޭނާ ވަނީ ރައްޔިތުންނަށް ގޮވާލައްވާފަ އެވެ.