06 Jul 2013, 12:04
ހދ. ނޮޅިވަރަމް ރައްޔިތުންނަށް ލިބިފައިވާ ގޯތިތަކެއް އެ ރަށު ކައުންސިލުން ނުދީ ހިފަހައްޓާފައި ވާތީ، އެ ގޯތިތައް ދޫކުރުމަށް މަޖިލީހުން އަމުރެއް ނެރުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމެޓީން ރިޕޯޓެއް ތައްޔާރުކޮށް މަޖިލީހުގެ ތަޅުމަށް ފޮނުވައިފި އެވެ.
ނޮޅިވަރަމުން ގޯތި ދޫކުރުމަށް މަޖިލީހުގެ އަމުރަކަށް އެދުނީ އެ ރަށުގެ 460 ރައްޔިތަކު ސޮއިކޮށް ސަރުކާރުގެ މަސްއޫލިއްޔަތު ކޮމެޓީ އަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ. ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ މެދުވެރިކޮށް ކޮމެޓީ އަށް ހުށަހެޅި އެ މައްސަލާގައި ބުނެފައި ވަނީ ނޮޅިވަރަމް ކައުންސިލުން ދޫކުރި 172 ގޯތި، އޭގެ ހައްގުވެރިންނަށް ނުދީ ކައުންސިލުން ހިފަހައްޓާފައިވާ ކަމަށެވެ.
ކޮމެޓީން އެ މައްސަލަ ދިރާސާ ކުރުމަށް ފަހު ތަޅުމަށް ފޮނުވި ރިޕޯޓުގައި ބުނެފައި ވަނީ ކުރީގެ ސަރުކާރުގައި މިނިސްޓްރީ އޮފް ހައުސިން އެންޑް އެންވަޔަރަމަންޓުން މަތި އުތުރު ސަރަހައްދުގެ ގައުމީ އިދާރާއަށް ފޮނުވި ސިޓީގެ ޖަވާބުގައި އެ ރަށުން ގޯތި ދޫކުރުގެ ހުއްދަ ދީފައިވާކަން އެނގޭ ކަމަށެވެ. އަދި މި އަހަރުގެ ފެބްރުއަރީ މަހު ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން ހދ. އަތޮޅު ކައުންސިލް އިދާރާ އަށް ފޮނުވި ސިޓީއެއްގައި ނޮޅިވަރަމުން ގޯތި ދޫކުރުމަށް ހުއްދަ ދީފައިވާ ކަމަށާއި ނޮޅިވަރަމް ކޯޓުން ހުކުމަކުން އެ ގޯތިތަށް ދޫކުރުމަށް މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހު އަންގާފައިވާ ކަމަށެވެ.
ނޮޅިވަރަމުން ގޯތި ދޫނުކުރާ މައްސަލާގައި ކޮމެޓީ އަށް ހާޒިރު ކުރި ފަރާތްތަކުން ކޮމެޓީއާ ހިއްސާ ކުރި މައުލޫމާތުތަކާއި ކޮމެޓީ އަށް ހުށަހެޅި އެންމެހައި ލިޔެކިޔުންތަކަށް ރިޔާއަތް ކުރާއިރު އިދާރީ ގޮތުންނާއި މަދަނީ މިންގަނޑުތަކާއި ގާނޫނާއި ގަވާއިދަށް ރިޔާއަތް ކުރާއިރު އެ ރަށުން 172 ގޯތި އޭގެ ހައްގުވެރިންނަށް ދޫކުރުމަށް އެއްވެސް ހުރަހެއް އޮތް ކަމަށް ކޮމެޓީން ނުދެކޭ ކަމަށް ކޮމެޓީގެ ރިޕޯޓުގައިވެ އެވެ.
އެހެންކަމުން ނޮޅިވަރަމް ކައުންސިލްގެ މައްޗަށް ކުރާ މަޖިލީހުން ކުރާ އަމުރަކުން 30 ދުވަހުގެ ތެރޭގައި 172 ގޯތި އޭގެ ހައްގުވެރިންނަށް ދޫކުރުމަށް މަޖިލީހުން އަމުރު ކުރުމަށް ކޮމެޓީ އަށް ހާޒިރުވި ހަ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްފައިވާ ސަރުކާރު މަސްއޫލިއްޔަތު ކޮމެޓިގެ ރިޕޯޓުގައިވެ އެވެ.
މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން، އަދި މަޖިލީހުން އަމަލު ކުރާ އުސޫލުން މަޖިލީހުން އަމުރެއް ނެރުމަށް އެދުމަށް ކޮމެޓީގެ 11 މެންބަރުންގެ ތެރެއިން ހަ މެންބަރުންގެ އަޣުލަބިއްޔަތު ލިބެންޖެ އެވެ.