ޤާހިރާ (ޖުލައި 6) : ޢަސްކަރީ އިންޤިލާބެއްގައި މިސްރުގެ ސިފައިން، އެގައުމުގެ ރައީސް މުޙައްމަދު މުރުސީ މަޤާމުން ދުރުކުރުމާގުޅިގެން އެފްރިކާގެ އިއްތިޙާދުގެ މެންބަރުކަމުން މިސްރު ސަސްޕެންޑް ކޮށްފިއެވެ.

މިސްރުން އިސް ދައުރެއް އަދާކުރަމުން ގެންދިޔަ އެފްރިކާގެ އިއްތިޙާދުގެ ސަލާމަތާއި ސުލްޙައާބެހޭ މަޖިލީހުން ފާސްކުރި ޤަރާރެއްގައި ބުނެފައިވަނީ މިސްރުގެ ރައީސް މަޤާމުން ދުރުކޮށް ދަސްތޫރަށް ޢަމަލުކުރުން ހުއްޓާލުމަށް މިސްރުގެ ސިފައިން އަޅާފައިވާ ފިޔަވަޅުތަކަކީ ގަބޫލުކުރެވޭނެ ފިޔަވަޅުތަކެއް ނޫންކަމަށާ މިސްރުގެ ވެރިކަމާ އިންތިޚާބީ ސަރުކާރަކުން ޙަވާލުވަންދެން އެފްރިކާގެ އިއްތިޙާދުގެ މެންބަރުކަމުން މިސްރު ސަސްޕެންޑް ކޮށްފައިވާ ކަމުގަ އެވެ.

މިސްރުގެ ޚާރިޖީ ވަޒީރު މުޙައްމަދު ކާމިލް ޢަމްރޫ ވަނީ އެފްރިކާގެ އިއްތިޙާދުގެ މިނިންމުމާމެދު ކަންބޮޑުވާކަން ހާމަކުރައްވާފަ އެވެ. އޭނާ ވިދާޅުވީ މިސްރަށް ގެނަސްފައި ވަނީ ޢަސްކަރީ އިންޤިލާބެއް ނޫންކަމަށާ ސިފައިން ނުކުމެ ރައީސް ޑރ. މުރުސީ މަޤާމުން ދުރުކުރަންޖެހުނީ ރައްޔިތުންގެ އެދުންތަކަށް އިޖާބަ ދިނުމުގެ ގޮތުންކަމުގައެވެ. އަދި ސިފައިން މުރުސީ މަޤާމުން ދުރުކުރަން ޖެހުނީ ރައްޔިތުން މަގުތަކަށްނުކުމެ އެދެމުންދާ އެދުންތަކަށް އިޖާބަދިނުމުގެ އިތުރުން ލޭއޮހޮރުވުމަކުން މުޅި މިސްރު ސަލާމަތް ކުރުމަށްކަމަށާ ސިފައިން މިސްރުގެ ސިޔާސީ ކަންކަމުގެ ތެރެއަށް ނުވަންނާނެ ކަމަށާ ވަރަށް އަވަހަށް އިންތިޚާބެއް ބާއްވައިގެން އިންތިޚާބީ ވެރިއަކާ ގައުމު ޙަވާލު ކުރާނެކަމުގެ ޔަގީންކަން އެފްރިކާގެ އިއްތިޙާދަށް ދީފައިވާނެ ކަމަށްވެސް މިސްރުގެ ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.

މިސްރުގެ ޚާރިޖީ ވަޒީރު ވަނީ ދުނިޔޭގެ އެތައް ގައުމެއްގެ ޚާރިޖީ ވަޒީރުންނާ ފޯނުން ގުޅުއްވައި މިސްރުގެ ސިފައިން ނުކުމެ ރައީސް ޑރ. މުޙައްމަދު މުރުސީ މަޤާމުން ދުރުކުރި ގޮތާއި އެކަންކުރަންޖެހުނު ސަބަބުތައް ބައިނަލްއަޤްވާމީ މުޖްތަމައަށް ވަރަށް ރަނގަނޅަށް ބަޔާންކޮށްދެއްވާފައި ކަމަށް މިސްރުގެ ޚާރިޖީ ވުޒާރާއިން ކުރިން ބުނެފައިވެ އެވެ. ޢަސްކަރީ އިންޤިލާބެއްގައި މިސްރުގެ ސިފައިން އެގައުމުގެ ވެރިކަން ބަދަލުކޮށްލުމުން ދުނިޔޭގެ ބައެއް ގައުމުތަކުން އެކަމަށް ތާއީދުކޮށްފައިވާއިރު އަނެއްބައި ގައުމުތަކުންވަނީ އެކަމާމެދު ކަންބޮޑުވާކަން ހާމަކޮށްފައެވެ.

އެމެރިކާއިން މިސްރުގެ ވެރިކަން ފޮރޮޅާލި ގޮތާމެދު ކަންބޮޑުވާކަން ހާމަކޮށް ރައްޔިތުން އިންތިޚާބުކޮށްފައިވާ ސަރުކާރަކާ ވެރިކަން ޙަވާލުކުރުމަށް ގޮވާލާފައިވާއިރު މިސްރަށް ގެނަސްފައިވަނީ އަސްކަރީ އިންޤިލާބެއްކަމަށް އެމެރިކާ ސިފަކޮށްފައެއްނުވެއެވެ. ޔޫރްޕްގެ އިއްތިޙާދުންވެސްވަނީ ސިފައިން މިސްރުގެ ޑިމޮކްރަސީއަށް ގޯނާކުރި މައްސަލާގައި ކަންބޮޑުވުން ފާޅުކޮށް މިސްރުގައި ރިޔާސީ އަދި ޕާލަމެންޓްރީ އިންތިޚާބުތައް ބާއްވައި އިންތިޚާބީ ސަރުކާރަކާ ވެރިކަން ޙަވާލުކުރުމަށް ގޮވާލާފައެވެ. އިނގިރޭސިވިލާތުން މިސްރުގެ ސިޔާސީ ނިޒާމުގައި އުފެދުނު މައްސަލަތައް ޙައްލުކުރުމަށް ސިފައިންވަނުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަން ހާމަކޮށްފައިވާއިރު މިސްރަށް ގެނަސްފައިވަނީ ޣައިރު ޤާނޫނީ އިންޤިލާބެއްކަމަށް ކަމަށް ސިފަކުރެއްވުމަށް އިނގިރޭސި ޚާރިޖީ ވަޒީރު ވިލިޔަމް ހޭގް ވަނީ ދެކޮޅު ހައްދަވާފަ އެވެ.

ނަމަވެސް މަޤާމުން ދުރުކޮށްފައިވާ ރައީސް މުރުސީއާއި އޭނާގެ ސަރުކާރާއި ޕާޓީގެ އިސްފަރާތްތައް ހައްޔަރުނުކުރުމަށާއި ދިމުޤްރާތީ މިނިވަންކަމަށް ހުރަސްއެޅުމުގެ އެއްވެސް ޢަމަލެއް ނުހިންގުމަށްވެސް މިސްރުގެ އާ ސަރުކާރަށް ހުޅަނގުން ގޮވާލާފައިވެއެވެ. ތުރުކީން ވަނީ މިސްރުގެ ސިފައިން ނުކުމެ، ރައްޔިތުން ދިމުޤްރާތީ ގޮތުން އިންތިޚާބުކޮށްފައިވާ ވެރިއަކު މަޤާމުން ދުރުކުރުމަކީ ގަބޫލުކުރެވޭނެ ކަމެއްނޫން ކަމަށްބުނެ ރައީސް މުރުސީ ވެރިކަމަށް އަލުން ރުޖޫޢަކުރުމަށް ގޮވާލާފައެވެ. ތޫނިސް އިންވެސްވަނީ މިސްރު ސިފައިންގެ އިންޤިލާބު ބަލައިނުގަންނާނެ ކަމަށްބުނެ ރައީސް މުރުސީ އަލުން ވެރިކަމަށް ރުޖޫޢަކުރުމަށް ގޮވާލާފައެވެ. ނަމަވެސް ސައޫދީ އަރަބިޔާއާއި ޔޫ.އޭ.އީން ވަނީ މިސްރުގެ ވެރިކަން ބަދަލުކޮށްލިގޮތަށް ތާއީދުކޮށް ވަގުތީ ރައީސް ޢަދްލީ މަންސޫރަށް މަރްހަބާ ކިޔާފައެވެ.

މުރުސީ މަޤާމުން ދުރުކުރަން ސިފައިންނަށް ޖެހުނީ މުރުސީގެ ވެރިކަމުގައި ރައްޔިތުންނަށްވުރެ ބޮޑަށް އޭނާގެ ޕާޓީއަށާއި އެޕާޓީއަށް ތާއީދުކުރާ ފަރާތްތަކަށް އިސްކަންދެއްވުމުގެ ސިޔާސަތުތަކެއް ގެންގުޅުއްވުމުގެ އިތުރުން މިސްރުގެ ޝަރްޢީ ނިޒާމަށްވެސް އަތްގަދަ ކުރައްވަން މުރުސީ މަސައްކަތް ކުރެއްވުމުގެ ނަތީޖާއެއްގެ ގޮތުންކަމަށް މުރުސީއާ އިދިކޮޅު ފަރާތްތަކުން ބުނެއެވެ. (ނޫސްއެޖެންސީތައް)