ޤާހިރާ (ޖުލައި 6) : މަޤާމުން ދުރުކުރެވިފައިވާ މިސްރުގެ ޑރ. ރައީސް މުރުސީ އަލުން ވެރިކަމަށް ގެނަސް ޢަސްކަރީ އިންޤިލާބު ނިމުމަކަށް ގެންނަންދެން މިސްރުގެ ކަންކޮޅުތަކުގައި އިޙްތިޖާޖްތައް ހުއްޓާނުލާ ކުރިޔަށްގެންދާނެ ކަމަށް މުރުސީ ނިސްބަތްވެ ވަޑައިގަންނަވާ މިސްރުގެ އިސްލާމީ ފިކުރުގެ އިޚްވާނުލްމުސްލިމޫން ޖަމާއަތުން ބުނެފި އެވެ.

އެ ޖަމާއަތުގެ މުރްޝިދުލްޢާންމު މުޙައްމަދު ބަދީޢު ވިދާޅުވީ ސިފައިންގެ ބާރުގައި މިސްރުގައި އުފައްދާފައިވާ ސަރުކާރަކީ ޣައިރު ޤާނޫނީ ސަރުކާރެއް ކަމަށާ އެސަރުކާރާ މުޢާމަލާތް ނުކުރާނެ ކަމުގަ އެވެ. އިއްޔެގެ ހުކުރު ނަމާދަށް ފަހު ޤާހިރާގެ ރާބިޢާ އަލްޢަދަވިއްޔާ މައިދާނަށް އެއްވެފައިވާ ޑރ. މުރުސީ އަށް ތާއީދުކުރާ އެތައްލައްކަ ބަޔަކާ މުޚާތަބު ކުރައްވައި ވާހަކަ ދައްކަވަމުން މުޙައްމަދު ބަދީޢު ވިދާޅުވީ މުރުސީއަށް ތާއީދުކުރާ ފަރާތްތައް ސިފައިންގެ އިންޤިލާބާ ދެކޮޅަށް އިއްޔެފެށި އިޙްތިޖާޖްތައް، މުރުސީ އަލުން ވެރިކަމަށް ގެނަސް ޢަސްކަރީ އިންޤިލާބު ނިމުމަކަށް ގެންނަންދެން ހުއްޓާނުލާ ކުރިޔަށްގެންދާނެ ކަމުގަ އެވެ. އަދި މުރުސީ އަލުން ވެރިކަމަށް ގެނައުމަށްފަހުގައި ނޫނީ މުރުސީ އަށް ތާއީދުކުރާ ފަތާރްތައް ގެއަށްނުދާނެ ކަމުގެ އިންޒާރު ވެސް މުޙައްމަދު ބަދީޢު ދެއްވި އެވެ.

މަޤާމުން ދުރުކުރެވިފައިވާ ރައީސް މުރުސީއަށް ތާއީދުކުރާ އެތަށް ލައްކަބަޔަކު ޤާހިރާގެ އިތުރުން އިސްކަންދަރިއްޔާއާއި އެނޫންވެސް ސިޓީތަކުގެ މަގުތަކަށާއި މައިދާންތަކަށް ނުކުމެ މުޒާހަރާތަކާއި އިޙްތިޖާޖްތައް ފަށާފައިވާއިރު މިއިޙްތިޖާޖްތައް އަދިވެސް ކުރިޔަށްދާކަމަށް ސަލާމަތީ ބާރުތަކުން ބުނެ އެވެ. ސަލާމަތީ ބާރުތަކުން އިއްޔެވަނީ ޤާހިރާގެ ރާބިޢާ އަލްޢަދަވިއްޔާ މައިދާނަށް އެއްވެފައިވާ ޑރ. މުރުސީ އަށް ތާއީދުކުރާ އެތަށްލައްކަ ބަޔަކާ ދެކޮޅަށް ބާރުގެ ބޭނުންކޮށް 17 މީހަކު މަރާލައި އެތަށް ބަޔަކު ޒަޚަމްކޮށްލާފަ އެވެ.

މީގެއިތުރުން މުރުސީއަށް ތާއީދުކުރާ ފަރާތްތަކާއި މުރުސީއާ އިދިކޮޅު ފަރާތްތަކުގެ ދެމެދުގައި ވެސް އިއްޔެ ވަރުގަދަ ކުރިމަތިލުންތަކެއް ހިނގައި އެތައް ބަޔަކު މަރުވެފައިވެ އެވެ. މިސްރުގެ އެކިކަންކޮޅުތަކުގައި އިއްޔެ ހިނގި ކުރިމަތިލުންތަކުގައި 40 މީހަކު މަރުވެ 400 އެއްހާމީހުން ޒަޚަމްވެފައިވާ ކަމަށް މިސްރުގެ ސިއްޙަތާބެހޭ ދާއިރާތަކުން ބުނެ އެވެ.
ޢަސްކަރީ އިންޤިލާބަށްފަހު އުފެދުނު މިކުރިމަތިލުންތަކާ އެކު މިސްރަށް ހަމަޖެހުން އައުމުގެ ބަދަލުގައި ސިޔާސީ ކޯޅުމާއި ގަޑުބަޑުތަކުގެ އިތުރު ބާބެއް މިސްރުގައި އަލުން ފެށިފައިވާ ކަމަށް މުރާސިލުން ބުނެ އެވެ. މިސްރުގެ ވެރިކަމުގައި ހުންނަވައިގެން މުރުސީ، ސިޔާސީ ބޮޑެތި ގޯސްތަކެއް ހައްދަވައި އޭނާގެ ޕާޓީގެ މީހުންނަށް އިސްކަންދީ ޝަރުޢީ ދާއިރާއަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރައްވާފައިވުމަކީ އޭނާގެ ވެރިކަން ވެއްޓުމަށް މެދުވެރިވި މައިގަނޑު ސަބަބު ކަމަށް ގިނަފަރާތްތަކަކުން ދެކެ އެވެ.

ނަމަވެސް މީގެއިތުރުން މުރުސީގެ ވެރިކަން ވައްޓާލާފައި ވަނީ މިސްރުގެ އެތެރެއިންނާއި ބޭރުންވެސް މުރުސީގެ އިސްލާމީ ފިކުރުގެ ވެރިކަން ވައްޓާލުމަށް ރާވަމުންދިޔަ ރޭވުންތަކެއްގެ ތެރެއިންކަމަށް އިޚްވާނުލްމުސްލިމޫން ޖަމާއަތުގެ ލީޑަރުން ވަނީ ތުހުމަތު ކުރައްވާފަ އެވެ. މިގޮތުން މިސްރުގައި ސަރުކާރުގެ މާބޮޑު ކޮންޓްރޯލެއް ނޯންނަ ބާރުގަދަ ސިފައިންގެ މުއައްސަސާއާއި އެމެރިކާ ސަރުކާރުގެ އިތުރުން ސައޫދީ އަރަބިޔާއާއި ޔުނައިޓެޑް އަރަބް އިމަރޭޓްސް ވެސް އިޚްވާނުލްމުސްލިމީން ޖަމާއަތުގެ ވެރިކަން ވައްޓާލުމުގައި ބައިވެރިވެފައިވާ ކަމަށް އިޚްވާނުންގެ ލީޑަރުންވަނީ ތުހުމަތު ކުރައްވާފަ އެވެ.

ޢަސްކަރީ އިންޤިލާބަށްފަހު ސިފައިން މިސްރުގައި އުފައްދާފައިވާ ވަގުތީ ސަރުކާރުގެ ރައީސް ޢަދްލީ މަންސޫރަށް ތާއީދު ކުރައްވައި އެންމެ ފުރަތަމަ ސިޓީފުޅެއް ފޮނުއްވާފައިވަނީ ސައޫދީ ރަސްގެފާނު ޢަބްދުﷲ ބިން ޢަބްދުލްޢަޒީޒް އެވެ. އަދި ޤާހިރާގައި ހުންނަވާ ޔޫ.އޭ.އީގެ ސަފީރު ޢަބްދުﷲ ބިންޒާޔިދު ވަނީ އިޚްވާނުލްމުސްލިމޫންގެ ވެރިކަން ވެއްޓުމުން އެކަމަށް މަރްޙަބާ ވިދާޅުވެ ބަޔާނެއް ދެއްވާފައެވެ. އިޚްވާނުންގެ ވެރިކަމުގައި މިސްރާއި ޔޫ.އޭ.އީގެ ގުޅުންތައް ގޯސްވެގެން ދިޔަކަމަށާ ދެން އެގުޅުންތައް ރަނގަނޅު ވެގެންދާނެ ކަމަށް ވިދާޅުވެ ޔޫ.އޭ.އީގެ ސަފީރު ވާހަކަ ދައްކަވާފައިވެއެވެ.

އަދި ކުރިން ޑރ. މުރުސީގެ ވެރިކަމަށް ތާއީދުކުރި މިސްރުގެ އިސްލާމީ ސަލަފީ ޕާޓީ ކަމަށްވާ "ހިޒްބުއްނޫރު" ޕާޓީން މުރުސީގެ ވެރިކަން ވައްޓާލުމުގައި ސިފައިންނަށް ތާއީދުކޮށްފައިވަނީ ޔޫ.އޭ.އީ. ން އެޕާޓީއަށް 140 މިލިޔަން އެމެރިކާ ޑޮލަރު ދީގެންކަމަށްވެސް އިޚްވާނުންވަނީ ތުހުމަތުކޮށްފައެވެ. ވިރާސީ ރަސްކަންކުރަމުން ގެންދާ ސައޫދީ އަރަބިޔާއާއި ޔުނައިޓެޑް އަރަބް އިމަރޭޓްސް ދެކޭގޮތުގައި ޢަރަބި ގިނަ ގައުމުތަކެއްގައި ފެތުރިފައިވާ އިޚްވާނުލްމުސްލިމީންގެ ފިކުރާއި ޙަރަކާތްތަކަކީ އެގައުމުތަކުގައި ވިރާސީގޮތުން ވެރިކަން ކުރަމުން ގެންދާ ޝާހީ ޢާއިލާތަކުގެ ރަސްކަމުގެ ނިޒާމުތަކަށް އޮތް ބިރެއްގެ ގޮތުގައެވެ. (ނޫސްއެޖެންސީތައް)