06 Jul 2013, 09:42
ރާއްޖޭގައި މަސައްކަތް ކުރުމަށް ގަވާއިދާ އެއްގޮތަށް މިދިޔަ އަހަރުގެ ނިޔަލަށް ރާއްޖެ އެތެރެވި ބިދޭސީންގެ އަދަދު 11579 އަށް އަރާފައިވާކަމަށް އިމިގްރޭޝަންގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
އިމިގްރޭޝަންގެ ޚިދުމަތް ރާއްޖޭގައިދޭން ފެށިތާ 63 އަހަރު ފުރުމުގެ މުނާސަބާ ފާހަގަކުރުމަށް ދަރުވަމަންތަ ސްކޫލްގައި ރޭ ބޭއްވި ޖަލްސާގައި އިމިގްރޭޝަނުން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު 18050 ބިދޭސީން އަލަށް ވަޒީފާ އަށް އައިސްފައިވެ އެވެ.
ރޭ އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން ބިދޭސީންގެ އަތުން ދައުލަތަށް ލިބެންޖެހޭ އާމްދަނީ 2011 ވަނަ އަހަރާ އަޅާބަލާއިރު މިދިޔަ އަހަރު ވަނީ ދަށަށް ގޮސްފަ އެވެ. އެގޮތުން ވިސާ ފީގެ ގޮތުގައި 2011 ވަނަ އަހަރު ދައުލަތަށް 171.4 މިލިއަން ޑޮލަރު ލިބުނު އިރު މިދިޔަ އަހަރު ވިސާފީގެ ގޮތުގައި ލިބިފައިވަނީ 171.2 މިލިއަން ޑޮލަރު ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.
ތަފާސް ހިސާބުތައް ދައްކާގޮތުން ވަގު ޕާސްޕޯޓް ހިފައިގެން ރާއްޖެ އެތެރެވާން އުޅެނިކޮށް 2010 ވަނަ އަހަރު 77 މީހުން ހިފަހައްޓާފައިވާއިރު 2011 ވަނަ އަހަރު 95 މީހުން އަދި މިދިޔަ އަހަރު 105 މީހަކު ހިފަހައްޓާފައިވެ އެވެ. އަދި މި އަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް 60 މީހަކު ވަގު ޕާސްޕޯޓު ހިފައިގެން ރާއްޖެ އެތެރެވާން އުޅެނިކޮށް ހައްޔަރުކޮށްފައި ވެއެވެ.
އިމިގްރޭޝަންގެ މަސައްކަތްތަކާ ބެހޭ ގޮތުން ރޭ ހުށަހެޅި ޕްރެޒެންޓޭޝަންގައި ވާހަކަ ދައްކަވަމުން ޑެޕިއުޓީ ޗީފް އިމިގްރޭޝަން އޮފިސަރު މުހައްމަދު ޝިފާން ވިދާޅުވީ ވަގު ޕާސްޕޯޓް ބޭނުންކޮށްގެން ރާއްޖެ މެދުވެރިކޮށް ދަތުރުކުރާ މީހުންގެ އަދަދު މި ދުވަސްވަރު ވަރަށް ބޮޑުތަން އިތުރުވެފައިވާ ކަމަށެވެ. އަދި ވިދާޅުވީ މިހާރު މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ރާއްޖެ މެދުވެރިކޮށް އިރުމަތީ ޔޫރަޕުގެ ގައުމުތަކަށް މީހުން ދަތުރުކުރަމުންދާ ކަމަށް ރާއްޖެއިން ބޭރުގެ ގައުމުތަކުން ބުނަމުންދާ ކަމަށެވެ.
ރޭގެ ޖަލްސާ ޝަރަފްވެރިކޮށްދެއްވީ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމެވެ. އެ ޖަލްސާގައި އިމިގްރޭޝަން ކޮންޓްރޯލާ ޑރ. މުހައްމަދު އަލީ އާއި ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު އިލްޔާސް ހުސައިން އިބްރާހީމް ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.
ރޭގެ ޖަލްސާގައި އިމިގްރޭޝަނަށް ގިނަ ދުވަހު ޚިދުމަތް ކޮށްފައިވާ މުވައްޒަފުންނަށާއި ކުޅިވަރުގެ ރޮނގުން ރީތި ނަން ހޯދައިދީފައިވާ މުވައްޒަފުންނަށް ވަނީ ސެޓްފިކެޓުދީފަ އެވެ.