06 Jul 2013, 09:05
ވިމްބަލްޑަންގެ ތާރީހުގައިވެސް އެންމެ ދިގު ދެމިގެން ދިޔަ ސެމީ ފައިނަލްގައި، އާޖެންޓީނާގެ ހުއާން މާޓިން ޑެލް ޕޮޓްރޯ ބަލިކޮށް ސާބިޔާގެ ނޯވަކް ޖޮކޮވިޗް، އެ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފި އެވެ.
ހަތަރު ގަޑިއިރާ 45 މިނިޓަށް ދިގުދެމިގެން ދިޔަ ސެމީގައި ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ ޖޮކޮވިޗް އާއި، ދުނިޔޭގެ އަށްވަނަ ޕޮޓްރޯ، ކޮންމެ ކުޅުންތެރިޔަކު ދެ ސެޓް ކާމިޔާބު ކުރުމަށްފަހު ޓައިބްރޭކަށް ދިޔަ މެޗު ޖޮކޮވިޗް ކާމިޔާބު ކުރީ 7-5 4-6 7-6 (7-2) 6-7 (6-8) 6-3 ން ނެވެ.
މީގެ ކުރިން ވިމްބަލްޑަންގެ ތާރީހުގައި ސެމީފައިނަލް މެޗެއް އެހާ ދިގުދެމިގެން ގޮސްފައިވަނީ، 1989 ވަނަ އަހަރު، އިވާން ލެންޑްލްގެ މައްޗަށް ބޮރިސް ބެކާ ކުރި ހޯދި މެޗެވެ.
އާދީއްތަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ ވިމްބަލްޑަން ފައިނަލްގައި ޖޮކޮވިޗްއާ ވާދަކުރާނީ އިނގިރޭސި ވިލާތުގެ އެންޑީ މަރޭ އެވެ.
މަރޭ ފައިނަލުން ޖާގަ ހޯދީ، ސެމީ ފައިނަލްގައި ޕޮލެންޑުގެ ޖާޒީ ޖެނޮވިޗް އަތުން 6-7 (2-7) 6-4 6-4 6-3ން މެޗު ކާމިޔާބުކޮށްގެންނެވެ.