މެންޗެސްޓާ ޔުނައިޓެޑްގެ އިންގްލެންޑް ފޯވަޑް ވޭން ރޫނީ އެހެން ކުލަބަކަށް ވިއްކާ ނުލާނޭ ކަމަށް ޔުނައިޓެޑްގެ އާ ކޯޗު، ޑޭވިޑް މޮއެސް ބުނެފި އެވެ.

ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވުމަށް ފަހު ފުރަތަމަ ފަހަރަށް، އޯލްޑް ޓްރަފޮޑްގައި ދިން ނޫސް ކޮންފަރެންސްގައި މޮއެސް ބުނީ، ރޫނީގެ މުސްތަގުބަލާ ދޭތެރޭގައި ގޮތެއް ނިންމުމަކީ ކްލަބްގެ މިހާރުގެ އެންމެ މުހިއްމު އެޖެންޑާ ކަމަށެވެ.

"ވޭން ރޫނީ ދޫކޮށްލަން ނިންމާފައެވެ ނެތް. އޭނާއަކީ މެންޗެސްޓާ ޔުނައިޓެޑްގެ ކުޅުންތެރިއެއް އަދި ޔުނައިޓެޑްގެ ކުޅުންތެރިއެއްގެ ގޮތުގައި ދެމިހުންނާނެ. އަދި ޔުނައިޓެޑުން އޭނާ ވިއްކައެއް ނުލާނެ،" އެވަޓަންގެ ކުރީގެ ކޯޗު ބުންޏެވެ.

އެހެން ކްލަބަކަށް ރޫނީ ދޫ ނުކުރާނޭ ކަމަށް މޮއެސް ބުނި ކަމުގައި ވިޔަސް، ރޫނީ އެކްލަބްގައި ހުންނަން ބޭނުން ކަމެއް ނުވަތަ ނޫންކަމެއް ވެސް މޮއެސް ބުނެފައެއް ނުވެ އެވެ. މޮއެސް ބުނީ، އޭނާ ކްލަބާ ހަވާލުވިފަހުން އެތައް ފަހަރެއްގެ މަތިން، ޗެލްސީއާއި އާސެނަލްއަށް ދިމުގެ މަގުމަތީގައި ހުރި ރޫނީއާ އޭނާ ބައްދަލުކޮށް ވާހަކަ ދައްކާފައިވާ ކަމަށެވެ.

"ކުރިން ވީކަމެއް ވިއްޔާ މިހާރު އެވަނީ ވެ ނިމިފައި،" ޔުނައިޓެޑްގެ އާ ކޯޗު ބުންޏެވެ. "އަހަރެމެން މިހާރު އެކުގައި މި މަސައްކަތްކުރަނީ. އަހަރެންނަށް އޭނާގެ ލޮލުން އުފާވެރިކަމުގެ ކުލަވަރު އެބަ ފެނޭ"

މޮއެސް، ރަސްމީކޮށް ތައާރަފް ކުރުމަށް ބޭއްވި ނޫސްކޮންފަރެންސްގައި ބައިވެރިވި ޔުނައިޓެޑްގެ ކެޕްޓަން ނިމެންޖާ ވިޑިޗް ބުނީ އެ ކްލަބުން އެންމެ ފަހުން ބޭއްވި ޕްރެކްޓިހުގައިވެސް ރޫނީ ވަރަށް ރަނގަޅަށް ޕްރެކްޓިސް ކުރިކަމަށާއި އަދި ރޫނީ މިހާރު ހުރީ މިދިޔަ ފަސްއަހަރުގައި ވެސް އޭނާ ހުރި އެންމެ ރަނގަޅު ފެންވަރުގައި ކަމަށެވެ.