06 Jul 2013, 08:26
ފްރާސްގެ ފޯވަޑް ނިކޮލަސް އަނެލްކާ، 34، އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ޕްރިމިއާ ލީގުގެ ވެސްޓްބްރޮމްއަށް ސޮއިކޮށްފި އެވެ.
އަނެލްކާ ވަނީ މީގެކުރިން ޕްރިމިއާ ލީގުގެ ފަސް ޓީމަކަށް ކުޅެފަ އެވެ. އޭގެ ތެރޭގައި، އާސެނަލް، ލިވަޕޫލް، މެންޗެސްޓާ ސިޓީ، ބޯލްޓަން އަދި ޗެލްސީ ހިމެނެ އެވެ.
އިނގިރޭސި ލީގުގައި 100 އަށްވުރެ ގިނަ ލަނޑު ކާމިޔާބުކުރިއަނެލްކާ، 2012 ވަނަ އަހަރު ޗެލްސީއިން ޝަންހާއީ ޝެންހުއާ އަށް ބަދަލުވި ފަހުން ކުޅުނު 22 މެޗްގައި ކާމިޔާބު ކޮށްފައިވަނީ އެންމެ ތިން ލަނޑެވެ. އެހެން ނަމަވެސް އޭނާ ވަނީ 2009 ވަނަ އަހަރު ޗެލްސީގައި ގޯލްޑަން ބޫޓް އެވޯޑް ހޯދާފަ އެވެ.
އާސެނަލްއާއި ޗެލްސީގައި ވެސް ޕްރިމިއާ ލީގު ކާމިޔާބުކޮށްފައިވާ، ފްރާންސްގެ ތަރި ވަނީ، 2000 ވަނައަހަރު ރެއާލް މެޑްރިޑްގައި ޗެމްޕިއަންސް ލީގުވެސް ކާމިޔާބު ކޮށްފަ އެވެ.
ފްރާންސްގެ ގައުމީ ޓީމަށް 69 މެޗު ކުޅެދީފައިވާ އަނެލްކާއަކީ ކުރިއަށް އޮތް ސީޒަނަށް ތައްޔާރު ވުމުގެ ގޮތުން ވެސްޓް ބްރޮމްއަށް ގެނައި ފުރަތަމަ ކުޅުންތެރިޔާ އެވެ.
ޗައިނާ އިން އިންގްލޭންޑަށް ބަދަލުވުމުގެ ކުރިން އަނެލްކާ ވަނީ، ކުރު މުއްދަތުގެ ޑީލެއްގެ ދަށުން އިޓަލީގެ ޔުވެންޓާސް އަށް މިދިޔަ ސީޒަންގައި ކުޅެފަ އެވެ.