ހުކުރު ދުވަހު ޖުމްހޫރީ މައިދާނުގައި ތިބޭނީ އެމީހުންނެވެ. އެއީ އެމީހުން އެއްބަޔަކު އަނެއް ބަޔަކަށް ފެނި ދެނިވެ، ހިޔާލު ބަދަލުކުރުމުގެ އެންމެ ބޮޑު ހަފުލާއަކީ އެއީ އެވެ.

ހުކުރު ދުވަހު މާލޭގެ ހުސްތަންތަނަށް އެއްވެ ތިބޭ ބޭރު މީހުންގެ މޫނުމަތިން ފެންނަން ހުންނަ ހިނިތުންވުމަކީ އެމީހުންގެ އަސްލު ދިރިއުޅުން ދައްކުވައިދޭ ކަމެއް ނޫނެވެ. ހުކުރު ދުވަސް ނޫން ދުވަސްތަކުގައި އެމީހުން ތަހައްމަލުކުރަނީ މުޅިން އެހެން ކަމެކެވެ.

މިދައްކަނީ ރާއްޖޭގައި މަސައްކަތްކުރާ އެތައްހާސް ބިދޭސީންގެ ވާހަކަކަން މިހާރު އެނގޭނެ އެވެ.
ބިދޭސީ މަސައްކަތްތެރިންނަށް ރާއްޖޭގައި ކުރިމަތިވާ އިންސާނިއްޔަތާ ހިލާފު ކަންތައްތައް އެނގުނީ އެމީހުންނާ އެކު އެމީހުންގެ ފައިވާނުގައި އެއް އަހަރު ދުވަހު ހިނގުމުންނެވެ. ދުވާލަކު 3000 ޑޮލަރު ހަރަދުކޮށްގެން މުއްސަނދިން އައިސް މަޖާކުރާ ރިޒޯޓެއް ތަރައްގީކުރުމުގެ މަސައްކަތުގައި އެމީހުންނާ އެކު ބައިވެރި ވުމުންނެވެ.

ހެނދުނު މަސައްކަތަށް ނުކުންނަން ޖެހޭ ގަޑިއަކީ 7.30 އެވެ. ފެންވެރުމާއި ސައިބުއިން ފަދަ ހުރިހާ ކަމެއް އެއަށް ވުރެ ކުރިން ނިންމަން ޖެހޭ އިރު ގާތްގަނޑަކަށް 500 މީހުންނަށް ހުންނަނީ އެންމެ 10 ފާހާނާ އެވެ.

ފެންވަރަން ޖެހެނީ ހާމަކޮށް އޮތް ތަނެއްގައި ހަރުކޮށްފައިވާ ފެންމާގަނޑުތަކަކުންނެވެ. ސިމެންތިތަކެއް އޮއްސާލައި މަތި އެއްވަރުކޮށްލައިގެން ހަދާފައިވާ އެތާނގެ ތަޅުންގަނޑު މައްޗަށް އެރުން ވެސް އެއީ އަލުން ފެންވަރަން ޖެހޭވަރުގެ ކަމެކެވެ. އެތަން އެހާވެސް ހަޑި އެވެ. ފާހާނައިން ދުވާ ވަހަކީ ވެސް ހިތްބަލިމީހަކަށް އަދަބަކަށް ފުދޭވަރުގެ ކަމެކެވެ.

ފުރާޅާއި ބިތުގައި ވެސް ދަގަނޑު ޓިނު ޖަހަގައި، ގުދަނެއްހެން ހަދާފައިވާ ތަނަކީ އަހަރެމެން ނިދާތަނެވެ. ހަފުތާއެއް ވަންދެން ރަނގަޅަށް ނުނިދައި އުޅުމަށް ފަހު ހުކުރު ދުވަހުގެ ދުވާލު ނިދާލަން އުޅުނަސް އެތަނުން އަރާ ހޫނުން އެކަމެއް ނުވެ އެވެ. ހަފުތާގެ އެހެން ދުވަސް ދުވަހު އަހަރެމެންގެ މަސައްކަތް ނިމޭ ގަޑިއަކީ ރޭގަނޑު 11.40 އެވެ. އެހާއިރު މަސައްކަތް ނިމިގެން ތަކެތި ރައްކާކޮށް، 400 މީހުންނާ ވާދަކޮށްގެން ފެންވަރައި ނިމޭއިރު ގަޑިން ހުންނާނީ މެންދަމުން އަލިވެ 1.00 ވެފައެވެ.

އެހާލުގައި މަސައްކަތް ކުރަމުން ދިޔަ އިންޑިއާގެ 250 މީހުންނާއި ސްރީލަންކާގެ 120 މީހުންނާއި ސަރަހައްދުގެ އެކި ގައުމުތަކު އެކި އަދަދުގެ މީހުންނާ އެކު އެއް އަހަރު މަސައްކަތް ކުރި އިރު އޭގެ ތެރެއިން ގިނަ މީހުންނަށް ލިބުނީ ގާތްގަނޑަކަށް ހަ މަސް ދުވަހުގެ މުސާރަ އެވެ.

"އަހަރެންގެ އާއިލާ މިހާރު ތިބީ ބަނޑަށް ޖެހިފައި، އެމީހުން މިހާރު ކައިބޮއި އުޅެނީ އަވަށްޓެރިން ނޫނީ ތިމާގެ މީހަކު އެއްޗެއް ދީފިއްޔާ، އެކަމަކު އަހަރެން މިހިރީ މިކުރާ ބުރަ މަސައްކަތް،" ރާއްޖޭގެ އެންމެ މަޝްހޫރު އެއް ކޮންސްޓްރަކްޝަން ކުންފުނީގައި އަޅުގަނޑާ އެކު އޭރު މަސައްކަތް ކުރި އިންޑިއާގެ އުމުރުން 55 އަހަރުގެ ބޫމައިޔާ އެއް ދުވަހު ބުންޏެވެ.

ބޫމައިޔާގެ އެކުވެރިޔާ ރާޖައިޔާ ބުނީ އޭނާ ރާއްޖެ އަންނަން ދަރަންޏަށް ނެގި ފައިސާ ހޯދަން ދަރަނިދިން މީހާ އޭނާގެ ބައްޕަގެ ފަހަތުން ދުވާ ކަމަށެވެ.

"ފައިސާ ހޯދަން އޭނާ އަހަރެންގެ ބައްޕަ ކައިރިއަށް ކޮންމެ ދުވަހަކު ވެސް އާދޭ، އެކަމަކު އަހަރެންނަށް ކުންފުނިން މުސާރަ ނުދޭތާ މިހާރު މިވީ ތިން މަސް، އެހެންވެ ބައްޕައަށް ފައިސާއެއް ނުފޮނުވޭ،" ރާޖައިޔާ ބުންޏެވެ.

ބަންގްލަދޭޝް އިން އައިސް ހުރި އުމުރުން 30 އަހަރުގެ ޝަމްސުއްދީން ބުނީ އަދި މާބިރުވެރި ވާހަކަ އެވެ. އޭނާ ބުނީ ދަރަނި ދިން މީހާ އަށް ފައިސާ ނުދީ ގިނަ ދުވަސްވާ ނަމަ އޭނާ އެހެން ކަމެއް ކޮށްފާނެ ކަމަށެވެ.

"އޭނާ އަށް ފައިސާ ނުދީ ގިނަ ދުވަސް ވަންޏާ އޭނާ ކޮންމެ ކަމެއް ވެސް ކޮށްފާނެ، އަހަރެންގެ ދަރިއަކު މަރާ ވެސް ލާފާނެ،" ފެންކަޅިވެފައި ހުރެ ޝަމްސުއްދީން ބުންޏެވެ.

ބޫމައިޔާ އާއި ރާޖައިޔާއާއި ޝަމްސުއްދީންގެ މި ވާހަކައަކީ އެންމެ ތިން މީހުންގެ ވާހަކައެއް ނޫނެވެ. ރާއްޖޭގައި މަސައްކަތް ކުރާ 70،000 އަށް ވުރެ ގިނަ ބިދޭސީންގެ ތެރެއިން އެތައް ހާސް މީހުންނަކަށް ޖެހިފައި ވަނީ މިހާލެވެ.

އެހެން ގައުމުތަކުން، ހާއްސަކޮށް، މިސަރަހައްދުގެ ގައުމުތަކުން މަސައްކަތް ކުރުމަށް ރާއްޖެ އަންނަ މީހުންނާ މެދު ތަފާތު ނަޒަރަކުން ދެކޭ ދިވެހި މުޖުތަމައުން މިއީ މާބޮޑު ކަމެއްގެ ގޮތުގައި ނުދެކެފާނެ އެވެ. ނަމަވެސް މިމީހުންނަށް ކުރިމަތިވާ މިމައްސަލަތަކަކީ މިހާރު ބައިނަލްއަގުވާމީ ގޮތުން ބޮޑު ކުށެއް ކަމަށްވާ "ހިއުމަން ޓްރެފިކިން"ގެ ތެރޭގައި ހިމެނޭ ކަންތައްތަކެވެ. ރާއްޖެ އަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ ހިއުމަން ޓްރެފިކިން އަކީ ނުވަތަ ހިއުމަން ޓްރެފިކިން ކަމަށް މާނަކުރެވޭ ކަންތައްތަކަކީ ކޮބައިކަން އަދިވެސް ގިނަ ބަޔަކަށް ނޭނގުމެވެ.
މަސައްކަތްތެރިންގެ ހައްގުތަކަށް މަސައްކަތް ކުރާ ބައިނަލްއަގުވާމީ ޖަމިއްޔާ، އިންޓަނޭޝަނަލް ލޭބަ އޯގަނައިޒޭޝަން (އައިއެލްއޯ) އިން ސިފަކުރާ ގޮތުގައި ހިއުމަން ޓްރެފިކިން އަކީ މިޒަމާނުގެ އަޅުވެތިކަމެވެ. މަސައްކަތާއި ތައުލީމުދިނުމުގެ ނަމުގައި އެއްގައުމުން އަނެއް ގައުމަށް މީހުން ގެންދިއުމަށް ފަހު އެމީހުންނަށް އިހާނެތިކޮށް ހިތުމަކީ ހިއުމަން ޓްރެފިކިންގެ ތެރޭގައި ހިމެނޭ ކަމެކެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުގެ ހިއުމަން ޓްރެފިކިންގެ ކަޅު ލިސްޓްގައި ރާއްޖެ ހިމެނިފައިވާތާ މިހާރު އަހަރުތަކެއް ވެއްޖެ އެވެ. ރާއްޖެ އަދިވެސް އޮތީ އެލިސްޓްގެ ޓިއާ ދޭއްގަ އެވެ. މިކަން ބަދަލު ނުވެ، ދުވަސްތައް ދިގުލައިގެން ދާ ނަމަ ރާއްޖެ އަށް ބޮޑެތި މައްސަލަތައް ކުރިމަތިވާނެ އެވެ.

"ބިދޭސީންގެ އަދަދު އިތުރުވަމުންދާ އިރު، ރާއްޖޭގައި ހިއުމަން ޓްރެފިކިންގެ މައްސަލަ ވެސް މި ވަނީ ވަރަށްބޮޑުވެފައި. ހިއުމަން ޓްރެފިކިން މިން ކުރުމަށް ބައިނަލްއަގުވާމީ ގޮތުން ގެންގުޅޭ މިންގަނޑަށް ބަލާއިރު، ރާއްޖެ މިހާރު ހިމެނިފައި ވަނީ، [ޓިއަރ 2]ގައި. މި މައްސަލަ ހައްލުކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް، އެކަން ކުރަން ޖެހޭ ބާރުމިނުގައި ކުރެވިގެން ނުދާތީ، [ޓިއަރ 3]ގެ ދަރަޖައަށް ރާއްޖެ ވެއްޓުމަކީ ވަރަށް ކައިރީގައި އޮތް ކަމެއް. އެހެންވެއްޖެ ނަމަ، ރާއްޖެ އަށް ބޭރުގެ އެހީ ހޯދުމުގައި، ތަފާތު އެތައް ދަތިތަކަކާ ކުރިމަތިވާނެ. އަދި ރާއްޖެ އިން ވިއްކާ މަހުގެ އަގަށް ވެސް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް.،" މިއަހަރުގެ ގައުމީ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުވިދާޅުވި އެވެ.

ރައީސް ވަހީދު އެވިދާޅުވި ފަދަ މައްސަލައެއް ހިއުމަން ޓްރެފިކިންގެ ސަބަބުން މިހާރު ވެސް ދިވެހިންނަށް ވަނީ ކުރިމަތިވެފަ އެވެ. ބޭސްފަރުވާ އާއި ތައުލީމު ހޯދުން ފަދަ އެކި ބޭނުންތަކުގައި އެންމެ ގިނައިން ދިވެހިން ޒިޔާރަތްކުރާ އިންޑިއާ އަށް ދިއުމަށް ވިސާ ހޯދުމުގައި މިހާރު ކުރިމަތިވާ ދައްޗަކީ ވެސް އެފަދަ ކަމެކެވެ.

"އަހަރެމެންގެ އެތައްހާސް ބަޔަކު ރާއްޖޭގައި މަސައްކަތް ކުރާ އިރު އެމީހުންނާ މެދު ދަނީ ވަރަށް އިހާނެތި ކަންތައްތަކެއް ހިނގަމުން، އެމީހުންގެ ޕާސްޕޯޓް ހުންނަނީ ރާއްޖޭން އެމީހުންނަށް ވަޒީފާދޭ މީހުން ހިފަހައްޓާފައި، އެމީހުންގެ އާއިލާގެ މީހެއްގެ ޖަނާޒާއަށް، ނުވަތަ ކައިވެންޏަށް އަންނަން ޖެހޭ ވަގުތު ވެސް އެބަހުރި ނާދެވިފައި،" މިއީ އިންޑިއާގެ ސަގާފަތުގައި އެހާ ކުދިކުދި ކަންތައްތަކެއް ނޫން،" އިންޑިއާ ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގައި މަސައްކަތް ކުރާ އިންޑިއާގެ ރައްޔިތުންނަށް ރާއްޖެ އިން ކުރިމަތިވާ ކަންތައްތަކުގެ ޝަކުވާ އެމީހުން ނިސްބަތްވާ ސަރަހައްދުތައް ތަމްސީލުކުރާ ޕާލަމެންޓް މެމްބަރުން އުފުއްލަވަ އެވެ. އަދި އެކަމުގައި ސަރުކާރަށް ފާޑުކިއުންތައް އަމާޒުވެ އެވެ.

"އަހަރެމެންގެ ރައްޔިތުންގެ އަޑު އަހަރެމެން އަހަން ޖެހޭ، އެކަމުގައި ކޮންމެވެސް ކަމެއް އަހަރެމެން ކުރަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.

ހިއުމަން ޓްރެފިކިންއާ ބެހޭ ގޮތުން އދ. އާއި އެމެރިކާ އިން ފަތުރާފައިވާ މައުލޫމާތުތަކުން އެނގެނީ މިކުރެވެނީ ކިހާވަރެއްގެ ކަމެއް ކަން ނޭނގި ތިބެ ނަމަވެސް ރާއްޖޭގެ ކުންފުނިތަކުން އެކުންފުނިތަކުގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުންނާ މެދު އަމަލުކުރާ ގޮތް ނުބައި ކެޓަގަރީއަކަށް "ހިއުމަން ޓްރެފިކިން" އަށް ފެތޭކަމެވެ.

އެކަމުގެ ނަތީޖާއަކަށް އެންމެ ފަހުން ވެގެންދާނީ އިންޑިއާ ސަރުކާރުން އެގައުމުގެ ރައްޔިތުންގެ އަޑު އަހައި، "ކަންތައްތަތެކެއް" ކުރި ގޮތަށް އެހެން ހައުމުތަކުން ވެސް "ކަންތައްތަކެއް" ކުރުމެވެ. ހުރިހާ ކަމެއް އަމިއްލަ އަށް ކޮށްގެން ދުނިޔެއާ މުޅިން ވަކިވެފައިވާ ގައުމެއްގެ ގޮތުގައި އުޅެވެން ނެތް ދިވެހިންނަށް އެކަން ވާނީ އަނިޔާ އަކަށެވެ.