ޓޫރިޒަމްގެ ދާއިރާ އިން މަތީފެންވަރުގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުންދޭ "ސެވެން ސްޓާ ގްލޯބަލް ލަގްޒަރީ އެވޯޑް"ގެ ފަހުރުވެރި ވަނަތަކެއް ރާއްޖެ އާއި އަދި ޓޫރިޒަމް މިނިސްޓަރަށް ލިބިއްޖެ އެވެ.

"ސިގްނަމް ވާޗިއުޓަސް – ދަ ސީލް އޮފް އެކްސެލެންސް"ގެ ގޮތުގައި ދެވޭ ސެވެން ސްޓާ ގްލޯބަލް ލަގްޒަރީ އެވޯޑް ރާއްޖެއަށް ލިބިފައި ވަނީ، "ސެވަން ސްޓާ ޑެސްޓިނޭޝަން"ގެ ބައިން ނެވެ. އެގޮތުން ފަތުރުވެރިކަމުގެ ދުނިޔޭގެ މަތީ ފެންވަރުގެ މަންޒިލަކަށް ރާއްޖޭގެ އިތުރުން ހޮވިފައި ވަނީ، އޮސްޓްރިއާ އާއި ތުރުކީ އެވެ.

ހުސްވި ޖޫން މަހުގެ 28ގައި ސްޕެއިންގެ މާބެއްލާގެ ވިލާ ޕެޑިއާނާ ޕެލަސް ހޮޓެލްގައި ބޭއްވި އެ ހަފްލާގައި ޓޫރިޒަމް މިނިސްޓަރު އަޙްމަދު އަދީބަށް ލިބިލެއްވީ، ސެވަން ސްޓާ ގްލޯބަލް ލަގްޒަރީ އެވޯޑް "ސްޕެޝަލް އެޗީވްމަންޓް އެވޯޑް" އެވެ. އެމަނިކުފާނަށް އެ އެވޯޑް ދީފައި ވަނީ، އިގްތިސާދީ ދަތި ދުވަސްވަރެއްގައި ރާއްޖޭގެ ފަތުރުވެރިކަން ދަށަށްދިޔަ ނުދީ، އެ ސިނާއަތު ކާމިޔާބުކަމާ އެކު ކުރިއަރުވާފައިވާތީ އެކަމުގެ އަގު ވަޒަން ކުރުމުގެ ގޮތުންނެވެ.

ފަތުރުވެރިކަމުގެ ސިނާއަތުގެ ނަންމަޝްހޫރު ފަރާތްތަކުން ބައިވެރިވި އެ ހަފްލާގައި އިންޑިޔާ ކަނޑުގެ ލަގްޒަރީ ހޮޓެލް ކެޓަގަރީން ރާއްޖޭގެ ފަސް ރިސޯޓަކުން ސެވެން ސްޓާ ގްލޯބަލް ލަގްޒަރީ އެވޯޑް ހޯދާފައިވެ އެވެ. އެއީ ކޮކޯ ޕްރިވޭ ކުޑަހިތި، އަޔާދާ މޯލްޑިވްސް، ވަން އެންޑް އޮންލީ ރީތިރަށް، ޝެރަތަން މޯލްޑިވްސް ފުލްމޫން ރިސޯޓް އެންޑް ސްޕާ އަދި ޑަބްލިޔު މޯލްޑިވްސް އެވެ.

ސެވެން ސްޓާ ގްލޯބަލް ލަގްޒަރީ އެވޯޑް ކުރިއަށް ގެންދަނީ، އެ ގްރޫޕުން އެކަމަށް ކަނޑައަޅާ މަތީފެންވަރުގެ ޖަޖުންގެ ޕެނަލަލުން، އެވޯޑަށް ވާދަކުރާ ފަރާތްތައް ކަނޑައެޅުމުން، ސެވެން ސްޓާ ގްލޯބަލް ލަގްޒަރީ އެވޯޑް ވެބްސައިޓް މެދުވެރިކޮށް، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ޓަރެވަލް އޭޖެންޓުންނާއި ޓްވަލް އޮޕަރޭޓަރުންނާއި އެދާއިރާގެ ފަންނީ މީހުންނާއި އަދި އާންމުން ވޯޓުލައިގެންނެވެ.