06 Nov 2010, 07:27
ހަތަރު އަމުރެއް ހޯދަން ކޯޓަށް ދިއުމުގެ ބާރު ކައުންސިލްތަކަށް ލިބޭ އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތައް ހުއްޓުވުމާބެހޭ ގަވައިދެއް ހޯމް މިނިސްޓްރީން ނެރެފި އެވެ.
މިއީ އާންމު އިޖްތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތައް ހުއްޓުވުމާބެހޭ ޤާނޫނުގެ ދަށުން އެކުލަވައިލި ގަވައިދެކެވެ.
އަންނަ އަހަރުގެ ފެބްރުއަރީގައި އިންތިހާބު ކުރާ ލޯކަލް ކައުންސިލްތަކުން ތަންފީޒު ކުރާ ގޮތަށް ބާރު ދީގެން އެކުލަވާލައިފައިވާ ގަވައިދަށް އަމަލު ކުރަން ފަށަނީ އަންނަ ފެބްރުއަރީ ހަތަރު ވަނަ ދުވަހުން ފެށިގެނެވެ.
ޖުމްލަ 29 މާއްދާގެ މައްޗަށް އެކުލަވައިލާފައިވާ ގަވައިދުގައި މަގުމަތީގައި ޕޯސްޓަރާއި ބެނާ ހަރު ކުރުމާބެހޭ އުސޫލުތައް ކަނޑަ އަޅާފައިވާ ބާބަކާއި އާންމު އުނދަގުލަށްވާ ގޮތަށް އަޑުގަދަ ކުރުމުގެ ބާބަކާއި ކުނި އުކަން ކަނޑަ އަޅާފައިވާ ތަންތަނަ ފިޔަވައި އެހެން ތަންތަނަށް ކުނި އުކުމުގެ ބާއްބަކާއި އާންމު އިޖްތިމާއީ މިންގަނޑާ ހިލާފަށް އަމަލު ކުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމާބެހޭ ބާބެއް ވެއެވެ. އަދި ގަވައިދުގައި ހަތަރު ބާވަތެއްގެ އަމުރު ނެރެދިނުމަށް ކޯޓަށް ދިއުމުގެ ބާރު ކައުންސިލްތަކަށް ދީފައި ވެއެވެ. އޭގެ ތެރޭގައި އިޖްތިމާއީ އަމުރާއި ބެލެނިވެރިކަމުގެ އަމުރާއި ވަގުތީ އަމުރާއި ބައެއް ބާވަތްތަކުގެ އަމަލުތަކަކީ ކުށް ކަމުގައި ކަނޑައަޅައި ދިނުމަށް ކޯޓުގައި އެދުން ހިމެނެ އެވެ.