05 Jul 2013, 23:37
ށ. އަތޮޅު ކޮމަންޑޫ އާއި ފޯކައިދޫގައި ފުލުހުންގެ ހިދުމަތް ދިނުމުގެ ގޮތުން އެ ދެ ރަށުގައި ފޮލިސް ސްޓޭޝަނެއް ގާއިމްކޮށްފި އެވެ.
ފުލުހުން ބުނީ ކޮމަންޑޫ ޕޮލިސް ސްޓޭޝަނާއި ފޯކައިދޫ ޕޮލިސް ސްޓޭޝަން ހުޅުއްވުމަށްޓަކައި އެ ދެ ރަށުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ޕޮލިސް ސްޓޭޝަން ހުޅުއްވައި ދެއްވީ މިނިސްޓާ އޮފް ހޯމް އެފެއާޒް ހިންގުމާއި ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝަފީއު އާއި ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒު ކަމަށެވެ.
މި ދެ ރަސްމިއްޔާތުގައި ވެސް ވާހަކަފުޅު ދައްކަވަމުން އަބްދުﷲ ރިޔާޒު ދެއްކެވި ވާހަކަފުޅުގައި ދިވެހި ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ހުރިހާ ފުލުހުން ވެސް ހަމަހަމަކަމާ އެކު މަސައްކަތްކުރުމަށާއި ރަށްރަށުގެ ތަރައްގީއަށް ރަށު ކައުންސިލްތަކުންނާއި ސްކޫލްތަކާއި އެހެނިހެން ފަރާތްތަކުން ހިންގާ އެކިއެކި މަސައްކަތްތަކުގައި ބައިވެރިވެ ރައްޔިތުންނާއި ވީހާ ވެސް ގުޅިގެން މަސައްކަތް ކުރުމަށް އިލްތިމާސްކުރެއްވި އެވެ.
މި ދެ ރަސްމިއްޔާތުގައި މިނިސްޓަރު ޝަފީއު ދެއްކެވި ވާހަކަފުޅުގައި ދިވެހި ފުލުހުންގެ މަސައްކަތަކީ ވަރަށް މުހިންމު މަސައްކަތެއް ކަމަށާއި އެގޮތުން ރައްޔިތުންނާއި ފުލުހުން ގުޅިގެން މަސައްކަތްކުރުމަށާއި ފުލުހުންގެ ހިދުމަތަށް ރައްޔިތުންގެ ފަރާތުން ބޭނުންވާ އެއްބާރުލުމާއި އެހީތެރިކަން ދިނުމަށް އެދިލެއްވި އެވެ.
ކޮމަންޑޫ ޕޮލިސް ސްޓޭޝަނާއި ފޯކައިދޫ ޕޮލިސް ސްޓޭޝަން ހުޅުއްވައިދެއްވުމަށްފަހު ޝަފީއު އާއި ރިޔާޒު ވަނީ ގައުމީ ދިދަ އާއި ފުލުހުންގެ ދިދަ ނަންގައިވައި ދެއްވާފަ އެވެ. އަދި ދެ ރަސްމިއްޔާތުގައި ބައިވެރިވި ފަރާތްތައް ވަނީ މި ދެސްޓޭޝަން ބައްލަވާލައްވާފަ އެވެ.