05 Jul 2013, 23:05
އިސްލާމިކް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސް އާއި ސިންގަޕޫރުގެ މިލޭނިއަމް ކޮންސެޕްޓްސް ގުޅިގެން، އަށް ގައުމެއްގެ 23 ޔުނިވާސިޓީ ބައިވެރި ކޮށްގެން "އިންޓަނޭޝަނަލް ޔުނިވާސިޓީ އެޑިޔުކޭޝަން ފެއާ 2013" ފަށައިފި އެވެ.
މިއަދާއި މާދަމާގެ ހަވީރު 4:00 އިން ރޭގަނޑު 10:00އަށް ނޭޝަނަލް އާޓްގެލަރީގެ ހޯލުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ބައިނަލްއަގުވާމީ ތައުލީމީ މައުރަޒް ރަސްމީކޮށް އިފްތިތާހްކޮށްދެއްވީ ސްރީލަންކާ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަ ސަފީރު، ޑިކްސަން ދާދާ އެވެ. އަދި އެ ރަސްމިއްޔާތުގައި، މިލޭނިއަމް ކޮންސެޕްޓްސްގެ ޗެއާމަން، ސުރޭޝް ކުމާރު ބައިވެރިވެވަޑައިގަތެވެ.
އިސްލާމިކް ފައުންޑޭޝަންގެ ރައީސް އިބްރާހީމް ފައުޒީ ވިދާޅުވީ، އެ ޖަމިއްޔާ އިން ރާއްޖޭގައި ބާއްވާ މިފަދަ ދެވަނަ ފެއާގައި އަށް ގައުމެއްގެ 23 ޔުނިވާސިޓީއެއްގެ މަންދޫބުން ބައިވެރިވެފައިވާ އިރު މަތީ ތައުލީމުގެ ފުރުސަތުތައް ހޯދުމަށް ޝައުގުވެރިކަން ހުރި ފަރާތްތަކަށް އެ، ފެއާއަށް ޒިޔާރަތްކޮށްގެން މައުލޫމާތު ހޯދުމާއި އަދި އެ ޔުނިވާސިޓީތަކުން ޕްލޭސްމަންޓް ހޯދުމުގެ ފުރުސަތު ވެސް ހުޅުވާލެވިފައިވާ ކަމަށެވެ.
"ތޭވީސް ޔުނިވާސިޓީއަކުން މަންދޫބުން ވަޑައިގެން، މައުލޫމާތު ދެއްވައި، ހަމަ މިއަދުން މިއަދަށް، ހަމަ މިތަނުން މިތަނަށް، މި ސްކޮލާޝިޕްތައް ވެސް އަދި ފުރުސަތުތައް ވެސް ލިބިގެން ދާގޮތަށް އަޅުގަނޑުމެން އިންތިޒާމް ކޮށްފައި މިވަނީ،" ފައުޒީ ވިދާޅުވި އެވެ. "އަޅުގަނޑުމެންގެ އުންމީދަކީ ދިވެހިރާއްޖޭގައި ތައުލީމީ ދާއިރާ ފުޅާވެ، ރާއްޖޭގެ ތަރަށްގީއަށް ޓަކައި، މަސައްކަތްކުރުމުގެ ފުރުސަތުތައް ފުޅާވެގެން ދިއުން،"
އިސްލާމިކް ފައުންޑޭޝަނާއި އަދި މިލޭނިއަމް ކޮންސެޕްޓްސްގެ ފަރާތުން ބުނީ، މިފަހަރުގެ ފެއާވެސް އަމާޒުކޮށްފައި ވަނީ، ތައުލީމީ ދާއިރާ ފުޅާކޮށް ހުރިހާ ދާއިރާއަކުން ވެސް ތައުލީމު ހާސިލްކުރަން ބޭނުންވާ ފަރާތްތަކަށް މަގުފަހުވެގެންދާނޭ ގޮތަށް ކަމަށެވެ.
އިސްލާމިކް ފައުންޑޭޝަނާއި މިލޭނިއަމް ކޮންސެޕްޓްސް ގުޅިގެން މިއަދު ފެށި އެޑިޔުކޭޝަން ފެއާގައި ސްވިޒަލޭންޑް، ނިއުޒިލޭންޑް، އިންގްލޭންޑް، އޮސްޓްރޭލިޔާ، މެލޭޝިޔާ، ސިންގަޕޯ، ސްރީ ލަންކާ އަދި އިންޑިޔާގެ ޔުނިވާސިޓީ އަދި ކޮލެޖްތައް ބައިވެރިވެފައިވެ އެވެ.
އަދި ފެއާއަށް ޒިޔާރަތްކކުރާ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތަކުން ހޮވޭ ނަސީބުވެރި ފަރާތަކަށް އިނާމެއްގެ ގޮތުގައި މެލޭޝިޔާ އަށް ދެކޮޅު ޓިކެޓް ލިބޭނޭ ކަމަށް ފެއާ އިންތިޒާމް ކުރިފަރާތުން ބުންޏެވެ.