އެމްޑީޕީގެ ކުޅިވަރާއި މުނިފޫހިފިލުވުމުގެ ސިޔާސަތު "މަޖާކުރުން، ބިރަކާނުލައި ފޫހިފިލުވުން" އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު އިފްތިތާޙް ކޮށްދެއްވައިފި އެވެ.

މާލޭގެ ރާޅުގަނޑު ސަރަހައްދުގައި މިއަދު ހަވީރު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެމްޑީޕީގެ ކުޅިވަރާއި މުނިފޫހިފިލުވުމުގެ ސިޔާސަތު އިފްތިތާޙު ކޮށްދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެސް ކުޅިވަރުގައި ބައިވެރިވެވޭނެ މަގު ފަހިކޮށް، ވަސީލަތްތައް ގާއިމްކޮށްދެއްވާނެ ކަމަށެވެ. އަދި ހުރިހާ ރަށެއްގެ ބޯޅަދަނޑުގެ ފަސްގަނޑު އެއްވަރުކޮށްދީ، ވިނައިންދައިދޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

"މި ސިޔާސަތަކީ ހަމައެކަނި ކުޅިވަރުގެ ސިޔާސަތެއް ނޫން، މި ސިޔާސަތަކީ ކުޅިވަރާއި މަޖަލުގެ ސިޔާސަތެއް،" ނަޝީދު ވިދާޅުވި އެވެ.

ކުރީގެ ރައީސް ވިދާޅުވީ ރާއްޖޭގެ ރައްޔިތުން މި އަހަރު އެމްޑީޕީ ހޮވައިފި ނަމަ، 40 ރަށެއްގެ ބޯޅަދަނޑުގައި ޓާފް އަޅައި ވަށާފާރު ރާނައި 20 ރަށެއްގެ ބޯޅަދަނޑު ޒަމާނީ ފެންވަރަށް ތަރައްގީކޮށްދެއްވާނެ ކަމަށެވެ. އަދި ރާއްޖޭގެ 60 ރަށެއްގައި ބަހައްޓާއި ނެޓްބޯޅަ ކޯޓު ތަރައްގީކޮށްދެއްވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ކުޅުންތެރިންގެ އަގުވަޒަންކުރުމުގެ ގޮތުން ކުޅިވަރު އެސޯސިއޭޝަންތަކާއި ސްޕޮންސަރުން ގުޅިގެން އަހަރުކު އެއްފަހަރު "ކުޅިވަރު ރޯލް މޮޑަލް" އިން ދެނެގަނެ ފާހަގަކުރުމަށް "ހީރޯސް ނައިޓެއް" ބާއްވަވާނެ ކަމަށާއި "ލައިފް އާފްޓާ ސްޕޯޓްސް"ގެ ދަށުން ރާއްޖޭގެ މަތީފަންތީގެ ކުޅިވަރު ކުޅުންތެރިންނަށް ކުޅިވަރުގެ ހަޔާތް ނިމުމަށް ފަހު ވެސް ދައުލަތުގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދެވޭނެ ޕެންޝަން ސްކީމެއް ގާއިމުކުރައްވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީގެ ވެރިކަމެއްގައި ޒުވާނުންގެ މަޖަލާއި މުނިފޫހިފިލުވުން އެސްއޯ ފުލުހުންނަށް އައިސް "ފަނިކޮށްނުލެވޭނެ" ކަން ފާހަގަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވެފައި ވަނީ މަޖާކުރުމުގެ ސިޔާސަތުގެ ދަށުން ފުނަދޫގައި ތީމްޕާކެއް އަދި މާލޭގައި ފިލްމާއި، މިއުޒިކާއި، ބޮޑުބެރާއި، ނެށުމާއި، ޑްރާމާފަދަ ކަން ކަމަށް ފުރުސަތު ފަހިވާމަގުން އަމިއްލަ ފަރާތްތަކާ ގުޅިގެން އެންޓެޓެއިންމަންޓް ހައުސްއެއް ތަރައްގީ ކުރައްވާނެ ކަމަށެވެ.

ނަޝީދު ވިދާޅުވީ މިއުޒިކާއި ބޮޑުބެރާއި ސަގާފީ މުނިފޫހިފިލުވުމާއި ނެށުމުގެ ގްރޫޕްތަކުގެ ހުނަރުވެރިކަން ތަރައްގީކޮށް، އެފަރާތްތަކަށް ބޭނުންވާ ސާމާނު ހޯދުމަށް "ސަރުކާރުގެ ތަރައްގީގެ ގްރާންޓް"ގެ ގޮތުގައި އެހީދެވޭނެ 75 މިލިޔަން ރުފިޔާ ހަރަދު ކުރައްވާނެ ކަމަށެވެ.

މިއަދު ބޭއްވި އެ ރަސްމިއްޔާތުގައި ރައީސް ނަޝީދު ވަނީ އެ ހަފްލާގެ ބައިވެރިންނާ އެކު ލޮނުޒިރާތްކޮޅުގައި ގިނަ ކުޅިވަރުތަކެއްގައި ބައިވެވަޑައިގެންފަ އެވެ. އޭގެ ތެރޭގައި ފުޓްސަލް އާއި ބެޑްމިންޓަނާއި ޓޭބަލް ޓެނިހާއި ވޮލީ އާއި ދުވުމާއި ރާޅާއެޅުން ފަދަ ކުޅިވަރުތަކުގައި ނަޝީދު ވަނީ އަމަލީ ގޮތުން ބައިވެރިވެވަޑައިގެންފަ އެވެ. އެމްޑީޕީގެ "މަޖާކުރުން، ބިރަކާނުލައި ފޫހިފިލުވުން" މި ސިޔާސަތު އިއްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރާޅުގަނޑު ސަރަހައްދުގައި އެކި އުމުރުފުރައިގެ މީހުން ތަފާތު ކުޅިވަރުތަކުގައި ވަނީ ބައިވެރިވެފަ އެވެ.