ދިރާގު ދިވެހި ލީގުގެ ތިންވަނަ ބުރުގައި މިއަދު ހަވީރު ބީޖީ ސްޕޯޓްސް 2-1 ން ބަލިކޮށް ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް ލީގުގައި މެޗަކުން ބަލިނުވެ ދަމަހަށްޓަމުން ގެންދާ މޮޅުވުމުގެ ސިލްސިލާ ކުރިއަށް ގެންގޮސްފި އެވެ.

ހަވީރު ބޯކޮށް ވެހުނު ވާރޭގެ ތެރޭގައި ދެ ޓީމުގެ ފަރާތުންވެސް މިއަދު ފެނިގެން ގޮސްފައިވަނީ ވާދަވެރި، އަދި ހޫނު މެޗެކެވެ. މެޗުގެ 23 ވަނަ މިނިޓުގައި ރެފްރީ ޝިފާންގެ ނިންމުންތަކަށް ތަކުރާރުކޮށް ދެކޮޅުހެދުމުގެ ސަބަބުން ބީޖީގެ އޮފިޝަލެއް ބެންޗުން ފޮނުވާލާފައިވާ އިރު، 79 ވަނަ މިނިޓުގައި ނިއުގެ ޕެންލްޓީ އޭރިޔާ ބޭރުން ބީޖީގެ އަޝްހަދު އަލީ (އަޑުބަރޭ)އަށް ނިއުގެ ޑިފެންޑަރު މުހައްމަދު ޝިފާން (ކުޑައްޓޭ) ފައުލްކުރުމާ ގުޅިގެން ރެފްރީގެ ނިންމުމާ ދެކޮޅުހެދުމުގެ ސަބަބުން ރެފްރީ ވަނީ ކުޑައްޓޭއަށް ސީދާ ރަތްކާޑެއް ދައްކައި ދަނޑުން ފޮނުވައިލާފަ އެވެ. އަދި ރެފްރީގެ އެ ނިންމުމާމެދު ހިތްހަމަ ނުޖެހިގެން ނިއުގެ ކޯޗް ވެލިޒާ ޕޮޕޯފް، ރެފްރީއާ ދިމާއަށް ކޮންމެވެސް އެއްޗެކޭ ބުނުމުން ރެފްރީވަނީ ކޯޗުވެސް ބެންޗުން ފޮނުވާލާފަ އެވެ.

މިއަދުގެ މެޗުގައި ނިއުއިން ކާމިޔާބު ކުރި ދެ ލަނޑުވެސް ކާމިޔާބުކޮށްފައިވަނީ ފުރަތަމަ ހާފުގައި މުހައްމަދު އުމެއިރު އެވެ. އެގޮތުން ފުރަތަމަ ލަނޑު އުމެއިރު ކާމިޔާބު ކުރީ، މެޗުގެ 17 ވަނަ މިނިޓުގައި ބީޖީގެ އޭރިޔާ ތެރެއިން އެ ޓީމުގެ އަހްމަދު ޒާދު، ނިއުގެ އަލީ އަޝްފާގަށް ފައުލު ކުރުމާގުޅިގެން ނިއުއަށް ލިބުނު ޕެނަލްޓީއަކުންނެވެ. އަދި ދެވަނަ ލަނޑު ކާމިޔާބުކުރީ، 43 ވަނަ މިނިޓުގައެވެ.

މެޗުގެ ފޯރި އިތުރަށް ގަދަވެގެން ދިޔައީ 62 ވަނަ މިނިޓުގައި ބީޖީއަށް ނިއުގެ ޕެނަލްޓީ އޭރިޔާ ބޭރުން ލިބުނު ހިލޭޖެހުމެއް ނިއުގެ ގޯލްތެރެއަށް ފޮނުވާލައިގެން ބީޖީގެ އަހްމަދު އަޝްފާން ލަނޑެއް ކާމިޔާބު ކުރުމުންނެވެ. އަދި ކުޑައްޓޭއަށް ރަތްކާޑެއް ދައްކައި ފޮނުވާލުމާ ގުޅިގެން ނިއު 10 ކުޅުންތެރިންނާ ދެކޮޅަށް ކުޅެމުން ގެންދިޔަ ބީޖީ ވަނީ ފުރުސަތުގެ ބޭނުންކޮށް އިތުރު ލަނޑެއް ކާމިޔާބު ކުރެވޭތޯ ވަރަށް ބޮޑަށް މަސައްކަތް ކޮށްފަ އެވެ.

ތިންވަނަ ބުރުގެ ފުރަތަމަ މެޗުން، ބީޖީއަތުން މާޒިޔާ ބަލިވުމާއެކު ލީގު ޗެމްޕިއަންކަން ކަށަވަރު ވެފައިވާ ނިއު، އެ ކްލަބް ލީގުގައި މިހާތަނަށް ކުޅެފައިވާ 16 މެޗުން މޮޅުވެ ލީގުގެ ކުރީގައި އޮތީ 48 ޕޮއިންޓާ އެކުގަ އެވެ. އަދި ތާވަލުގެ ތިން ވަނައިގައި 21 ޕޮއިންޓާއެކު އޮތް ކްލަބް ވެލެންސިޔާ، ރޭ އޭވައިއެލް އަތުން 2-1ން ބަލިވުމުން، ތާވަލުގެ ދެވަނައިގައި 31 ޕޮއިންޓާއެކު އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންއަށް ވަނީ ލީގުގެ ދެވަނަ ކަށަވަރު ވެފައެވެ. މިއަދުގެ މެޗުން ބަލިވުމުން 20 ޕޮއިންޓާއެކު ތާވަލުގެ ހަތަރު ވަނައިގައި ބީޖީ އޮތް އިރު 18 ޕޮއިންޓާއެކު ފަސް ވަނައިގައި އޮތީ އޭވައިއެލް އެވެ. އަދި 17 ޕޮއިންޓާއެކު ތާވަލުގެ ހަ ވަނައިގައި އޮތީ ކްލަބް އީގަލްސް އެވެ.

ދިވެހި ލީގުގެ މެޗެއް ދެން ކުޅޭން ހަމަ ޖެހިފައިވަނީ، މި މަހުގެ 13ވާ ހޮނިހިރު ދުވަހުގެ ރޭ 10:00ގަ އެވެ. އެ މެޗުގައި ވާދަ ކުރާނީ މާޒިޔާއާއި އޭވައިއެލް އެވެ.