05 Jul 2013, 21:05
މިސްރު ސިފައިން ކުރި ބަޣާވާތުގައި ވެރިކަމުން ދުރުކޮށްފައިވާ އެ ގައުމުގެ ކުރީގެ ރައީސް ޑރ. މުޙައްމަދު މުރުސީއަށް ތާއީދުކޮށް މުޒާހަރާކުރި މީހުންގެ ތެރެއަށް ސިފައިން ބަޑިޖަހައި ތިން މީހުން މަރާލައިފި އެވެ.
އަލްޖަޒީރާ ބުނީ މުރުސީއަށް ތާއީދުކުރާ އެތައް ސަތޭކަ ބަޔަކު ވެރިރަށް ގާހިރާގައި ކުރި މުޒާހަރާގެ ތެރެއަށް މިސްރު ސިފައިން ބަޑިޖެހީ މުރުސީ ހައްޔަރުކޮށްފައި ހުރި ތަނަށް ދާން އޮތް މަގުތައް ބަންދުކުރުމަށް ބައްޓާފައި ހުރި ބެރިކޭޑާ ދިމާއަށް އެމީހުން ދިއުމުން ކަމަށެވެ.
ގާހިރާގައި ހުރި އަލްޖަޒީރާގެ ރިޕޯޓަރް މެތިއު ކާސެލްއާ ހަވާލާދީ އެ އެޖެންސީން ބުނީ މުޒާހަރާގެ ބައިވެރިންގެ ތެރެއަށް ސިފައިން ބަޑިޖެހުމުގެ ސަބަބުން މަރުވިމީހުންގެ އިތުރުން އެތައް ބަޔަކު ޒަހަމްވި ކަމަށެވެ.
ނަމަވެސް މިސްރު ސިފައިންގެ ތަރުޖަމާނު ބުނެފައި ވަނީ މުޒާހަރާކުރާ މީހުނާ ދިމާއަށް ސިފައިން ބަޑިނުޖަހާ ކަމަށާއި ބަޑިޖަހާފައި ވަނީ ވަޒަން ނުލައި ކަމަށާއި ދެން ބޭނުންކުރީ ކަރުނަގޭސް ކަމަށެވެ. މުޒާހަރާކުރާ ސަރަހައްދުގައި ސިފައިން ފިޔަވާ ސަލާމަތީ އެހެން ބާރެއްގެ ބަޔަކު ހަރަކާތްތެރިވާކަން ނުވަތަ ނޫންކަން އެނގިފައި ނުވާ ކަމަށް ވެސް އެ އެޖެންސީން ބުންޏެވެ.
މިސްރުގެ ކުރީގެ ޚުދުމުޚުތާރު ވެރިޔާ ހުސްނީ މުބާރަކްގެ ވެރިކަން އެ ގައުމުގެ ރައްޔިތުން ނުކުމެ ވައްޓާލުމަށް ފަހު ބޭއްވި ފުރަތަމަ ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވި މުރުސީ މިދިޔަ ބުދަ ދުވަހު ވެރިކަމުން ދުރުކޮށްފައި ވަނީ އެ ގައުމުގެ ސިފައިން ކުރި ބަޣާވާތަކުންނެވެ. މުރުސީ ވެރިކަމުން ދުރުކޮށް، އޭނާ ހައްޔަރުކުރުމަށް ފަހު މިސްރު ސިފައިން ވަނީ އޭނާ ނިސްބަތްވެވަޑައިގަންނަވާ މުސްލިމް އިޚުވާނުލް މުސްލިމީން ޕާޓީގެ އިސް އެތައް ބޭފުޅުންނެއް ވެސް ހައްޔަރުކޮށްފައެވެ.