05 Jul 2013, 20:39
ބައިނަލްއަގްވާމީ ޔުނިވާސިޓީއެއްގެ ކެމްޕަހެއް ރާއްޖޭގައި އެޅުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް، ދީނީ ހޭލުންތެރިކަން އިތުރު ކުރުމަށް މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ އިސްލާމިކް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސް (އައިއެފްއެމް) އިން ބުނެފި އެވެ.
އިސްލާމިކް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސް އާއި ސިންގަޕޫރުގެ މިލޭނިއަމް ކޮންސެޕްޓްސް ގުޅިގެން، ނޭޝަނަލް އާޓްގެލަރީގައި މިއަދުން ފެށިގެން ދެ ދުވަހުގެ "އިންޓަނޭޝަނަލް ޔުނިވާސިޓީ އެޑިޔުކޭޝަން ފެއާ" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އައިއެފްއެމްގެ ރައީސް އިބްރާހީމް ފައުޒީ ވިދާޅުވީ އެ ޖަމިއްޔާ އުފެއްދުމަށްފަހު ރައްޔިތުންނަށް ގިނަގުނަ ވައުދުތަކެއް ވެފައިވާނޭ ކަމަށާއި އަދި އެ ޖަމިއްޔާއިން އެ ވައުދުތައް ފުއްދަމުން ގެންދާ ކަމަށެވެ.
"މި ވޭތުވެ ދިޔަ މުޖުތަމައުގައި އަޅުގަނޑުމެން ރައްޔިތުންނަށް ވައުދުތަކެއް ވީމު. މި ގޮތުން ދީނީ ޗެނަލެއް އުފައްދައި ރާއްޖޭގައި ހިންގޭ ދީނީ ހަރަކާތްތައް ފުޅާރުމުގެ ގޮތުން 2009 ވަނަ އަހަރުގައި އިސްލާމިކް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސްގެ ފަރާތުން އަޒުމް ކަނޑައެޅީމު، އާދެ މިއަދު މީޑިއާނެޓްގެ 155އަށް ޓިއުންކޮށްލުމުން، އަޅުގަނޑުމެންނަށް މި ވައުދު ފެނިގެން ދާނެ،" ފައުޒީ ވިދާޅުވިއެވެ. "މިއަދުގެ މުނާސަބަތުގައި އަޅުގަނޑު އިތުރު ވައުދެއްވާން ގަސްދުކުރަން. އެއީ، ބައިނަލްއަގްވާމީ ފެންވަރުގެ ޔުނިވާސިޓީއެއްގެ ކެމްޕަހެއް ދިވެހިރާއްޖޭގައި ހެދުމުގެ މަސައްކަތް ފެށުން. އަޅުގަނޑުމެންގެ އުންމީދަކީ މާތްﷲ މިކަމުގައި ތައުފީގު ދެއްވުން،"
އައިއެފްއެމުން މަސައްކަތް ކުރަމުން ގެންދަނީ ރާއްޖޭގެ ކޮންމެ ރައްޔިތަކަށް ވެސް ތައުލީމް ހޯދައިދިނުމުގެ މަގު ފަހިކޮށްދީ ރާއްޖެއިން ފަގީރުކަން ނައްތާލައި، އަދި ދިވެހި މުޖްތަމައުއަކީ ހީވާގި ތަނަވަސް މުޖްތަމައުއަކަށް ހެދުން ކަމަށް ފައުޒީ ވިދާޅުވި އެވެ.
"މި ޖަމިއްޔާއިން، ދީނީ ހޭލުންތެރިކަން އިތުރު ކުރުމުގެ ގޮތުން ފާއިތުވެ ދިޔަ އަހަރު ތަކުގެ ތެރޭގައި، ގާތްގަނޑަކަށް އެއް މިލިޔަން ރުފިޔާއަށްވުރެ ގިނަރުފިޔާ ހަރަދު ކުރެވިފައިވޭ. އަދި މީގެ އިތުރުން ހިލޭ އެހީގެ ގޮތުގައި އެކި ފަރާތްތަކަށް ގާތްގަނޑަކަށް 1.5 މިލިޔަން ރުފިޔާ ހަރަދު ކުރެވިފައިވޭ،" ފައުޒީ ވިދާޅުވި އެވެ.
އިސްލާމިކް ފައުންޑޭޝަނާއި، މިލޭނިއަމް ކޮންސެޕްޓްސް ގުޅިގެން މިއަދު ފެށި އެޑިޔުކޭޝަން ފެއާގައި، ދުނިޔޭގެ 8 ގައުމެއްގެ 23 ޔުނިވާސިޓީއަކުން ބައިވެރިވެފައިވެ އެވެ. އޭގެ ތެރޭގައި ސްވިޒަލޭންޑާއި ނިއުޒިލޭންޑާއި އިންގްލޭންޑާއި އޮސްޓްރޭލިޔާއާއި މެލޭޝިޔާއާއި ސިންގަޕޯއާއި ސްރީ ލަންކާގެ އިތުރުން އިންޑިޔާގެ ޔުނިވާސިޓީ އަދި ކޮލެޖްތައް ބައިވެރިވެފައިވެ އެވެ.
މިއަދާއި މާދަމާގެ ހަވީރު 4:00 އިން ރޭގަނޑު 10:00އަށް ނޭޝަނަލް އާޓްގެލަރީގެ ހޯލުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ބައިނަލްއަގުވާމީ ތައުލީމީ މައުރަޒް މިއަދު ރަސްމީކޮށް އިފްތިތާހްކޮށްދެއްވީ ސްރީ ލަންކާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު، ޑިކްސަން ދާދާ އެވެ. އަދި އެ ރަސްމިއްޔާތުގައި، މިލޭނިއަމް ކޮންސެޕްޓްސްގެ ޗެއާމަން، ސުރޭޝް ކުމާރު ބައިވެރިވެވަޑައިގަތެވެ.
އިސްލާމިކް ފައުންޑޭޝަންގެ ރައީސްވިދާޅުވީ، އެ ޖަމިއްޔާއިން ރާއްޖޭގައި ބާއްވާ މިފަދަ ދެވަނަ ފެއާގައި، އަށް ގައުމެއްގެ 23 ޔުނިވާސިޓީއެއްގެ މަންދޫބުން ބައިވެރިވެފައިވާއިރު މަތީ ތައުލީމުގެ ފުރުސަތުތައް ހޯދުމަށް ޝައުގުވެރިކަން ހުރި ފަރާތްތަކަށް އެ، ފެއާއަށް ޒިޔާރަތްކޮށްގެން މައުލޫމާތު ހޯދުމާއި، އަދި އެ ޔުނިވާސިޓީތަކުން ޕްލޭސްމަންޓް ހޯދުމުގެ ފުރުސަތުވެސް ހުޅުވާލެވިފައިވާ ކަމަށެވެ.
"23 ޔުނިވާސިޓީއަކުން މަންދޫބުން ވަޑައިގެން، މައުލޫމާތު ދެއްވައި، ހަމަ މިއަދުން މިއަދަށް، ހަމަ މިތަނުން މިތަނަށް، މި ސްކޮލާޝިޕްތައްވެސް އަދި ފުރުސަތުތައްވެސް ލިބިގެން ދާގޮތަށް އަޅުގަނޑުމެން އިންތިޒާމް ކޮށްފައި މިވަނީ،" ފައުޒީ ވިދާޅުވި އެވެ. "އަޅުގަނޑުމެންގެ އުންމީދަކީ ދިވެހިރާއްޖޭގައި ތައުލީމީ ދާއިރާ ފުޅާވެ، ރާއްޖޭގެ ތަރަށްގީއަށްޓަކައި، މަސައްކަތްކުރުމުގެ ފުރުސަތުތައް ފުޅާވެގެން ދިއުން،"