ދިރާގު ދިވެހި ލީގުގައި ރޭ އޯލް ޔޫތު ލިންކޭޖް (އޭވައިއެލް)ގެ ހަސަން ސޮލާހް މެޗުގެ ފަހު ވަގުތުގައި ޖަހައިދިން ދެލަނޑުން 2-1ން ކްލަބް ވެލެންސިޔާ އަތުން އޭވައިއެލް މޮޅުވެއްޖެ އެވެ.

ލީގުގެ ފުރަތަމަ ބުރު ނިމުނު އިރު އެންމެ ޕޮއިންޓަކާއެކު ތާވަލުގެ ފުލުގައި އޮތް އޭވައިއެލްއިން ދަނީ، ދެވަނަ ބުރުން ފެށިގެން ރަނގަޅު ނަތީޖާ ތަކެއް ނެރެމުން ނެވެ. އެގޮތުން ދެވަނަ ބުރުގެ ކުޅުން ނިމުނުއިރު އޭވައިއެލް އޮތީ، 15 ޕޮއިންޓު ހޯދައިގެން ގަދަ ހަޔަކުން ޖާގަ ހޯދާފަ އެވެ. އަދި ތިންވަނަ ބުރުގައި ކުޅުނު ފުރަތަމަ މެޗުން 10-0ގެ ނަތީޖާއަކުން ވަރުގަދަ ނިއުރޭޑިއަންޓް އަތުން ބަލިވި ކަމުގައި ވީނަމަވެސް ރޭގެ މެޗުން ވެލެންސިޔާއާ ދެކޮޅަށް ރަނގަޅު ކުޅުމެއް ދައްކައިގެން މޮޅުވެ އޭވައިއެލް މިހާރު އޮތީ 18 ޕޮއިންޓާއެކު ތާވަލުގެ ފަސްވަނަ މަގާމުގަ އެވެ.

ރޭގެ މެޗުގައި ފުރަތަމަ ފަހަރަށް ކުރި ހޯދީވެސް ވެލެންސިޔާއިން ނެވެ. އެގޮތުން މެޗުގެ 62 ވަނަ މިނިޓުގައި ވެލެންސިޔާއަށް އޭވައިއެލްގެ ގޯލް ފޫއަޅުވާލަ ދިނީ، މުހައްމަދު އިރުފާން އެވެ.

އެހެން ނަމަވެސް އޭވައިއެލްގެ ހަމަލާތައް ވެލެންސިޔާއަށް މަތަ ނުކުރެވުމުގެ ނަތީޖާއެއްގެ ގޮތުން، މެޗުގެ 82 ވަނަ މިނިޓުގައި، އަބޫ ޑެސްމޮންޑް މަންސާރޭ (އަބޫ) ވެލެންސިޔާގެ ޕެނަލްޓީއޭރިޔާ ތެރެއަށް ނަގައިދިން ރީތި ހުރަހެއް ގޯލްގެ ތެރެއަށް ފޮނުވާލައިގެން ސޮލާހް ވަނީ އޭވައިއެލް އަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. އަދި އޭވައިއެލްއަށް ވެލެންސިޔާގެ މައްޗަށް ކުރިހޯދައިދިން ލަނޑު ސޮލާހު ކާމިޔާބުކުރީ މެޗުގެ ފަހު މިނިޓުގަ އެވެ.

ރޭގެ މެޗުން ބަލިވި ނަމަވެސް 21 ޕޮއިންޓާއެކު އަދިވެސް ތާވަލުގެ ތިންވަނައިގައި އޮތް ވެލެންސިޔާއަށް، ދެން ލީގުގައި ބައްދަލު ކުރަން ޖެހޭނީ 48 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތް ލީގު ޗެމްޕިއަން ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާ އެވެ. އަދި އޭވައިއެލް އަށް ކުރިއަށް އޮތް މެޗުގައި ވާދަކުރަން ޖެހޭނީ، 31 ޕޮއިންޓާއެކު ތާވަލުގެ ދެވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންއާ އެވެ.