ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދުގެ "ގައުމައިގެން ކުރިޔަށް" ކޯލިޝަންގެ ކެމްޕޭން ހަރަކާތްތައް ކުރިއަށްދަނީ "އެކަށީގެންވާ ބާރުމިނެއްގައި، ހިކުމަތްތެރި ކަމާއެކުގައި" ކަމަށާއި އެ ކޯލިޝަން ދަމަހައްޓަން ބޭނުންނުވާ ބަޔަކު އަދާލަތުގައި އެބަތިބި ކަމަށް ރައީސް ވަހީދުގެ ގައުމީ އިންތިހާދު ޕާޓީގެ ތަރުޖަމާން އައްބާސް އާދިލް ރިޒާ މިއަދު ވިދާޅުވެއްޖެ އެވެ.

ހަތަރު ޕާޓީއެއްގެ މައްޗަށް އެކުލެވޭ "ގައުމައިގެން ކުރިއަށް" ކޯލިޝަނުން ރިޔާސީ އިންތިހާބަށް އެކަށީގެންވާ ގޮތެއްގައި ކެމްޕެއިން ނުކުރާނަމަ ކޯލިޝަނުން ވަކިވާންޖެހިދާނެ ކަމަށް އަދާލަތުން ބުނެފައި ވަނިކޮށް، ގައުމީ އިއްތިހާދު ޕާޓީގެ ތަރުޖަމާން ވިދާޅުވީ ކޯލިޝަނުން ވަކިވުމަށް އަދާލަތު ޕާޓީގެ އެތެރޭގެ އަގުލަބިއްޔަތެއް ނުލިބޭނެ ކަމަށެވެ. އަދި އެ ޕާޓީގެ ގިނަ ބޭފުޅުން ބޭނުންފުޅު ވަނީ ކޯލިޝަން ދަމަހައްޓަން ކަމަށާއި އަދާލަތު ޕާޓީ ކޯލިޝަނުން ވަކިނުވާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް އައްބާސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަދާލަތު ޕާޓީއަކީ ޑިމޮކްރަޓިކް އުސޫލުން ހިނގަމުންދާ ޕާޓީއެއް ކަމަށާއި އެ ޕާޓީގެ ތެރޭގައި ތަފާތު ފިކުރު އެބަ އޮތް ކަމަށެވެ. އެ ގޮތުން ރައީސް ވަހީދާއެކު ކޯލިޝަން ހަދަން ނިންމި އިރު ވެސް، އެކަމާ ދެކޮޅު ބަޔަކު އެ ޕާޓީގައި ތިބި ކަމަށާއި މިހާރު ވެސް އެ މަސައްކަތް ކުރާ ބަޔަކު އަދާލަތު ޕާޓީގެ ތެރޭގައި އެބަ ތިބި ކަމަށް އައްބާސް ވިދާޅުވި އެވެ.

"އަޅުގަނޑަށް ޔަގީން އިމްރާން ވެސް އަޅުގަނޑުމެންނަށް ތާއިދު ކުރާކަން. އެކަމަކު ރައީސް ވަހީދާއެކު ކޯލިޝަން ހެދިއިރު، ޕީޕީއެމްއާއެކު ކޯލިޝަން ހެދުމަށް ބޭނުންވާ ބަޔަކު ވެސް އެ ޕާޓީގެ ތެރޭގައި ތިބި. ރޭގައި ފެނިގެން އެ ދިޔައީ ވެސް އެ ކަހަލަ ކަމެއް. ކޯލިޝަން ދެމެހެއްޓުމަށް ބޭނުން ނުވާ ބަޔަކު ތިބި ނަމަވެސް ގިނަ ބޭފުޅުން ތާއިދު ލިބެނީ ކޯލިޝަން ދެމެހެއްޓުމަށް،" އޭނާ ވިދާޅުވި އެވެ.

ރައީސް ވަހީދު ރިޔާސީ އިންތިހާބުގެ ކެމްޕެއިން އުއްމީދުކުރާ ވަރަށް ކުރިޔަށް ނުދާތީ، ތާއިދު އިތުރު ވަމުންދާތަނެއް ނުފެންނަ ކަމަށް އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ މިއަދު "ސަން"އާ ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.

އައްބާސް ވިދާޅުވީ ކެމްޕެއިން ކުރިއަށް ދަނީ އެކަށީގެންވާ ބާރުމިނެއްގައި، ހިކުމަތްތެރި ކަމާއެކުގައި ކަމަށާއި ކެމްޕެއިން ކުރުމަކީ "ފާރުގައި ކުލަ ލުމާއި މަގުގައި ދިދަފަތި ދެމުން ނޫން" ކަމަށެވެ.
ރައީސް ވަހީދު ރިޔާސީ އިންތިހާބަށް ނުކުންނައިރު، އެމަނިކުފާނަކީ ރައީސުލްޖުމްހޫރިއްޔާއަށް ވުމުން ކަންކުރުމުގައި އަމަލު ކުރަންޖެހޭ ގޮތް ވެސް ތަފާތުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބަށް ކޯލިޝަނުން ކެމްޕެއިން ނުކުރާތީ އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ ތިން މެންބަރަކު ރޭ ހުށަހެޅުއްވި މައްސަލައަކާ ކުޅިގެން އެ ޕާޓީން ރޭ ވަނީ ސިއްރު ބައްދަލުވުމެއް ބާއްވާފަ އެވެ. އެ ބައްދަލުވުމުގައި ނިންމާފައި ވަނީ އިންތިހާބަށް އެކަށީގެންވާ ގޮތެއްގައި ކެމްޕެއިން ނުކުރާނަމަ ކޯލިޝަނުން ވަކިވާންޖެހިދާނެ ކަމަށެވެ.