05 Jul 2013, 16:02
ޖުމްހޫރީ ޕާޓީން ޖޫން މަހުގެ ބޭއްވުމަށް ކުރިން ހަމަޖެއްސި ކޮންގްރެސް މިމަހުގެ 16 އަދި 17ގައި ބާއްވާ ގޮތަށް ފާސްކޮށްފި އެވެ.
ޖުމްހޫރީ ޕާޓީގެ ރައީސް ޑރ. އިބްރާހިމް ދީދީ މިއަދު ސަންއާ ވާހަކަދައްކަވަމުން ވިދާޅުވީ ރޭ ބޭއްވި އެ ޕާޓީގެ ހިންގާ ކޮމިޓީގެ ބައްދަލުވުމުގައި އެގޮތަށް ފާސްކޮށްފައި ވަނީ ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ އަގުލަބިއްޔަތުން ކަމަށެވެ. ޕާޓީގެ ކޮންގްރެސް ފަސްކުރަން ޖެހުނީ މައިގަނޑު ދެ ސަބަބަކާ ހުރެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ކޮންގްރެސް ފަސްކުރަން ނިންމީ ކުރިން ވެސް އަޅުގަނޑުމެން ބުނި ފަދައިން ކޮންގްރެސް ބޭއްވުމަށް ހަމަޖެއްސި ދަރުބާރުގޭގެ އެ ތާރީހަށް ނުލިބިގެންނާއި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފައިވާ އެޕާޓީގެ 7000 މެމްބަރުންގެ ފޯމް ޕްރޮސެސް ނުކުރެވި، އެއް މުއްދަތާ ހަމައަށް އެ ފޯމްތައް ލިބިފައިނުވަތީ،" ޑީޑީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރޭގެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވިގެން ދިޔައީ ޕާޓީ ކޮންގްރެސް ބޭއްވުމަށް ބެހޭ ވާހަކަތައް ކަމަށެވެ.
ޖުމްހޫރީޕާޓީގެ ކޮންގްރެސް ކުރިން ބޭއްވުމަށް ހަމަޖެހިގެން ދިޔައީ މިދިޔަ މަހުގެ 27-29 އަށެވެ.