05 Jul 2013, 15:56
ނިއުދިއްލީ (ޖުލައި 5) : އިންޑިޔާގައި ފަގީރުންނަށް އަގުހެޔޮކޮށް ކާބޯތަކެތި ފޯރުކޮށްދިނުމުގެ ވަރަށް ބޮޑު ޕްރޮގްރާމެއް އިފްތިތާޙް ކޮށްފި އެވެ.
އިންޑިޔާގެ ކާބޯތަކެއްޗާ ބެހޭ ވަޒީރު ކޭ.ވީ ތޯމަސް ވިދާޅުވި ގޮތުގައި މިއީ އިންޑިޔާގެ އާބާދީގައި ހިމެނޭ ފަގީރުންނަށް ކާބޯތަކެތީގެ އެންމެ އަސާސީ ބާވަތްތައް އާދަޔާ ހިލާފު ހެޔޮއަގެއްގައި ވިއްކުމަށް ހާއްސަކޮށްފައިވާ ޕްރޮގްރާމެކެވެ. މިޕްރޮގްރާމުގެ ދަށުން އިންޑިޔާގެ އާބާދީގައި ހިމެނޭ ތިންބައި ކުޅަ އެއްބައި މީހުންނަށް (ގާތްގަނޑަކަށް 700 މިލިޔަނެއްހާ މީހުންނަށް) ސަބްސިޑައިޒްކޮށް ހަނޑުލާއި ފުށް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވެ އެވެ.
އެގޮތުން ކޮންމެ ފަގީރަކަށް މިދެބާވަތުން ކުރެ ކޮންމެ ބާވަތަކުން ކޮންމެ މަހަކު ވެސް 5 ކިލޯ، ބާޒާރުގެ ރޭޓަށްވުރެ އަގުހެޔޮކޮށް ފޯރުކޮށްދެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށް ކޭ.ވީ. ތޯމަސް ވިދާޅުވި އެވެ.
މިޕްރޮގްރާމުގެ ދަށުން ހަނޑޫކިލޯއެއް އިންޑިޔާގެ ތިން ރުޕީސް އަށް ފުށް ކިލޯއެއް ދެ ރުޕީސް އަށް ވިއްކުމަށް ހަމަޖެހިފައިވާއިރު މިއީ އިންޑިޔާގެ ފަގީރުންނަށް ކާބޯތަކެތީގެ ގެރެންޓީ ނުވަތަ ފުޑް ސެކިއުރިޓީ ލިބިދިނުމަށް އެގައުމުގެ ކެބިނެޓުން މިހާތަނަށް ނިންމި އެންމެ މުހިއްމު ނިންމުން ކަމަށް ރިޕޯޓްތައް ބުނެ އެވެ. މިނިންމުން އިންޑިޔާގެ ޕާލަމެންޓުން ތަސްދީގު ކުރުމުން މިޕްރޮގްރާމު ކުރިޔަށް ގެންދިޔުމަށް ބޭނުންވާ ގާނޫނީ ބާރު ލިބިގެންދާނެ އެވެ.
އިންޑިޔާ އިގުތިސާދީ ގޮތުން އަވަސް ފިޔަވަޅުތައް އަޅަމުން ދިޔަނަމަވެސް މިކަމުގެ އެދެވޭ ފައިދާ ލިބެނީ އެގައުމުގެ އާބާދީގައި ހިމެނޭ އެންމެ ތިން ބައިކުޅަ އެއްބައި މީހުންނަށެވެ. އަނެއް ތިންބައި ކުޅަ ދެބައި މީހުން ކަމަށްވާ ފަގީރުންވަނީ މިކުރިއެރުންތަކުގެ ފައިދާއިން މަންފާއިން މަހުރޫމްވެފަ އެވެ. އަދި އިގުތިސާދީ ގޮތުންނާއި ސައެންސާއި ޓެކްނޮލޮޖީ އާއި ފަޒާގެ އިލްމު ފަދަ ދާއިރާތަކުގައި އިންޑިޔާ ހަލުއިމިނެއްގައި ކުރިއަރަމުން ދިޔަ ނަމަވެސް އެގައުމުގެ އާބާދީގައި ހިމެނޭ ތިން ބައިކުޅަ ދެބައި ކަމަށްވާ ފަގީރުންގެ ހާލަތު ރަނގަނޅު ކުރުމަށާއި ފަގީރުންނަށް ބޭނުންވާ މިންވަރަށް ކާބޯތަކެއްޗާއި ބޭސް ފޯރުކޮށްދިނުމުގައި ދުނިޔޭގެ އެންމެ އާދައިގެ ގައުމުތަކާ އަޅާބަލާއިރު ވެސް އިންޑިޔާ އުޅެނީ ވަރަށް ފަހަތުގަ އެވެ.
އިންޑިޔާގައި ކާޑުބަލި (މަލްނުޓްރިޝަން) ޖެހިފައިވާ ކުދިންގެ ނިސްބަތް ދުނިޔޭގެ ފަގީރު އެހެން ގައުމުތަކަށްވުރެ ވެސް މާ މަތި ކަމަށް އިންސާނީ ތަރައްގީއާ ބެހޭ ބައިނަލްއަގުވާމީ ރިޕޯޓްތައް ބުނާ ކަމީ މީގެ ހެއްކެކެވެ. އިންޑިޔާގެ އާބާދީގައި ހިމެނޭ ތިން ބައިކުޅަ އެއްބައި މީހުން (ގާތްގަނޑަކަށް 700 މިލިޔަނެއްހާ މީހުން) ނަކީ ފަގީރުން ކަމަށްވާއިރު މީގެތެރެއިން 75 އިންސައްތަ މީހުން ދިރިއުޅެނީ ރަށްފުށުގެ ހިސާބުތަކުގަ އެވެ.
އިންޑިޔާއަކީ މިހާރުވެސް ކާބޯތަކެތި އަގުހެޔޮކޮށް ވިއްކުމަށް ސަބްސިޑީގެ ގޮތުގައި އެތައް ބިލިޔަން ރުފިޔާއެއް ހަރަދުކުރާ ގައުމެކެވެ. އެހެންކަމުން ސަބްސިޑައިޒްކޮށް މިހާރު ބާޒާރުން ވިއްކާ އަގަށްވުރެ ވެސް މާބޮޑުތަން އަގުހެޔޮކޮށް 700މިލިޔަން ފަގީރުންނަށް ހަނޑުލާއި ފުށް ފޯރުކޮށްދިނުމަކީ އިންޑިޔާގެ ބަޖެޓަށް ބާރުބޮޑުވެ އިގުތިސާދަށް ކުޅަދާނަ ނުވާވަރުގެ ބޮޑުހަރަދަކަށް ވެގެންދާނެ ކަމަށް ބައެއް ފަރާތްތަކުން ދެކެ އެވެ. ނަމަވެސް އިންޑިޔާގެ ބޮޑުވަޒީރު މަންމޯހަން ސިންގް ގެ ސަރުކާރުން ބުނީ އަލަށް ފެށި މިޕްރޮގްރާމަށް އަހަރަކު ހަރަދުވާނެ ކަމަށް ބެލެވެނީ 1.3 ޓްރިލިޔަން ރުޕީސް (239 މިލިޔަން އެމެރިކާ ޑޮލަރު) ކަމަށާއި މިއަދަދަށް ބަޖެޓަށް ފައިސާ ހޯދުމަކީ ދަތިކަމެއް ނޫން ކަމުގަ އެވެ.
މިޕްރޮގްރާމަށް ތާއީދުކުރާ ފަރާތްތަކުން ގެންދަނީ މިއީ އިންޑިޔާގެ ފަގީރުންގެ ހާލަތު ރަނގަނޅު ކުރުމަށާއި ފަގީރުކަން ކުޑަކޮށް ކުޑަކުދިން ކާޑުބަލިން ސަލާމަތް ކުރުމަށް މުހިއްމު ޕްރޮގްރާމެއް ކަމަށް ބުނެ މިޕްރޮގްރާމަށް ވަރަށް ބޮޑަށް ތައުރީފް ކުރަމުންނެވެ. ނަމަވެސް ސަރުކާރަށް ފާޑުކިޔާ ފަރާތްތައް ބުނާގޮތުން މިއީ ކުރިޔަށް އޮތް އިންތިހާބުގައި އިންޑިޔާގެ ފަގީރުންގެ ތާއީދު ހޯދުމަށް ބޮޑުވަޒީރު މަންމޯހަން ސިންގް ގެ ސަރުކާރުން ފެށި ކޭންޕޭން ޕްރޮގްރާމެކެވެ.
އެންމެ ފަހުން ބޭއްވި އިންޑިޔާގެ އިންތިހާބުގައި ކޮންގްރެސް ޕާޓީން ވަނީ ވެރިކަން ލިބިއްޖެ ނަމަ ފަގީރުންނަށް އަގުހެޔޮކޮށް ކާބޯތަކެތި ޕްރޮގްރާމެއް ފެށުމަށް ފަގީރުންނަށް ވައްދުވެފަ އެވެ. (ނޫސްއެޖެންސީތައް)