05 Jul 2013, 15:37
ގާހިރާ (ޖުލައި 5) : މަގާމުން ދުރުކޮށްފައިވާ މިސްރުގެ ކުރީގެ ރައީސް ޑރ. މުހައްމަދު މުރުސީގެ ސިޔާސީ ޖަމާއަތް ކަމަށްވާ އިހްވާނުލްމުސްލިމޫން ޖަމާއަތާއި އެޖަމާއަތަށް ނިސްބަތްވާ ޖަސްޓިސް އެންޑް ފްރީޑަމް ޕާޓީގެ އިސްވެރިން، މިސްރުގެ ސަލާމަތީ ބާރުތަކުން ހައްޔަރުކޮށްފި އެވެ.
ޑރ. މުރުސީ ގެ އިސްލާމީ ހިޔާލުގެ ޕާޓީ ކަމަށްވާ އިހްވާނުލްމުސްލިމޫން ޖަމާއަތުން ބުނީ އެޖަމާއަތުގެ ދީނީ މުރްޝިދު މުގައްމަދު ބަދީއު އާއި އޭނާގެ ނައިބު ހީރަތުއް ޝާތިރުގެ އިތުރުން އެޖަމާއަތުގެ 40 އަށްވުރެ ގިނަ އިސް ފަރާތްތައް މިސްރުގެ ސަލާމަތީ ބާރުތަކުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމުގަ އެވެ. އަދި އިހްވާން ޖަމާއަތަށް ނިސްބަތްވާ ސިޔާސީ ޕާޓީ ކަމަށްވާ ޖަސްޓިސް އެންޑް ފްރީޑަމް ޕާޓީ ގެ ރައީސް އާއި އެޕާޓީގެ އިސް ބައެއް ބޭފުޅުން ވެސް ސަލާމަތީ ބާރުތަކުގެ ބެލުމުގެ ދަށުގައިވާ ކަމަށާއި ސަލާމަތީ ބާރުތަކުން އިހްވާން ޖަމާއަތުގެ ގިނަ ލީޑަރުންނާއި އިސް މެންބަރުން ހައްޔަރުކޮށްފައިވާއިރު އަނެއް ބައި ލީޑަރުން ގައުމުން ބޭރަށް ފުރުން މަނާކޮށްފައިވާ ކަމުގަ އެވެ.
މިސްރުގެ ސިފައިން ވަނީ ޑރ. މުރުސީގެ ވެރިކަން ވައްޓާލުމަށްފަހު ގާނޫނު އަސާސީ އަށް އަމަލުކުރުން ވެސް ވަގުތީގޮތުން ހުއްޓާލާފަ އެވެ. ނަމަވެސް އެއްވެ އުޅުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްނާޅާނެ ކަމަށް ސިފައިން ބުނެ އެވެ. އަނެއްކޮޅުން މިސްރުގެ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުރުސީ މަގާމުން ދުރުކުރުމަށް ފަހު ސިފައިންގެ ބެލުމުގެ ދަށުން މިސްރުގައި އެކުލަވާލާފައިވާ ވަގުތީ ސަރުކާރުން ވަނީ ޑރ. މުރުސީ އާއި އޭނާގެ ސަރުކާރުގެ ބޮޑުވަޒީރު ހިޝާމް ގިންދީލް ވެސް ހައްޔަރުކޮށްފަ އެވެ. މިދެބޭފުޅުން ތިއްބެވީ ޖަލެއްގައި ނޫން ކަމަށާއި ސަލާމަތީ ބާރުތަކުގެ އިމާރާތެއްގައި ކަމަށް ވަގުތީ ސަރުކާރުން ބުނެފައިވެ އެވެ.
މިސްރުގެ ޕްރޮސިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ ޝަރުއީ ދާއިރާ އަށް ނުފޫޒުފޯރުވުމާއި ބައެއް ފަނޑިޔާރުން މަގާމުން ދުރުކޮށްފައިވާ މައްސަލާގައި ޑރ. މުރުސީގެ މައްޗަށް ކުރެވިފައިވާ ތުހުމަތުތައް ތަޙުގީގުކޮށް އެމައްސަލާގައި މުރުސީއާ ދެކޮޅަށް ދައުވާކުރުމަށް ޕްރޮސިއުޓާ ޖެނެރަލް ތައްޔާރުވެ ވަޑައިގަންނަވަމުން ގެންދަވާކަން ހާމަކޮށްފަ އެވެ.
މިސްރުގެ ސިފައިން، ޑރ. މުރުސީގެ ވެރިކަން ބާރުގެ ބޭނުން ކޮށްގެން ވައްޓާލާފައިވީ ނަމަވެސް ޑރ. މުރުސީ ނިސްބަތްވެވަޑައިގަންނަވާ އިހްވާނުލްމުސްލިމޫން ޖަމާއަތުންވަނީ މަޑުމައިތިރިކަން އިހުތިޔާރުކޮށް ހަމަނުޖެހުން ނުހިންގައި ކެތްތެރިވުމަށް އެޖަމާއަތަށް ތާއީދުކުރާ ފަރާތްތަކަށް ގޮވާލާފަ އެވެ. އަދި ވެރިކަން އަލުން ހޯދުމަށްޓަކައި ހަތިޔާރުގައި ނުހިފާނެ ކަން ވެސް އެޖަމާއަތުންވަނީ ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް މިއަދުގެ ހުކުރު ނަމާދަށްފަހު މިސްރުގެ ސިފައިންނާ ދެކޮޅަށް އަޑުއުފުލައި އިހުތިޖާޖްކުރާނެ ކަމަށް އިހްވާނުލްމުސްލިމޫން ޖަމާއަތުގެ ސަޕޯޓަރުން ބުނެފައިވެ އެވެ.
މިސްރުގެ ސިފައިން ޑރ. މުރުސީ މަގާމުން ދުރުކޮށްފައިވަނީ މުރުސީގެ ވެރިކަމުގައި ރައްޔިތުންނަށް ވުރެ ބޮޑަށް އޭނާގެ ޕާޓީއަށާއި އެޕާޓީއަށް ތާއީދުކުރާ ފަރާތްތަކަށް އިސްކަންދެއްވުމުގެ ސިޔާސަތުތަކެއް ގެންގުޅުއްވާ ކަމަށް ބުނެ، މުރުސީގެ ވެރިކަން ވައްޓާލުމަށް އިދިކޮޅު ފަރާތްތަކުން ގާހިރާގެ ތަރްރީރު މައިދާނަށް އެއްވެ ކުރަމުންގެންދިޔަ އިހުތިޖާޖްތަކަށް އިޖާބަ ދިނުމުގެ ގޮތުން ކަމަށް ސިފައިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ. (ނޫސްއެޖެންސީތައް)