މޯލްޑިވްސް ނޭޝަލް ޑިފެންސް ފޯސްއާއި ޗައިނާ ނޭވީ ގުޅިގެން ދިވެހި ރައްޔިތުންނަށް ސިއްހީ ފަރުވާގެ ހިދުމަތް ފޯރުކޮށްދިނުމަށް ރާއްޖެ އައި ޗައިނާ ނޭވީގެ ހޮސްޕިޓަލް ޝިޕް މިއަދު ފުރައިފި އެވެ.

ޗައިނާގެ "އާރކް ޕީސް" ޝިފް ރާއްޖޭގައި ހިންގި "މިޝަން ހާމަނީ 2013" ނިންމާލުމަށް ފުރުމުގެ ކުރިން މިއަދު ހެނދުނު މާލޭ ކޮމާޝަލް ހާބަަރުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ބޯޓަށް އަލްވަދާއު ދެންނެވީ އެމްއެންޑީއެފް ކޯސްޓްގާޑް ކޮމަޑާންޓް ބްރިގޭޑިއާ ޖެނެރަލް އަހުމަދު ޝާހިދު އެވެ. އެ ރަސްމިއްޔާތުގައި ކޯސްޓްގާޑްގެ އެކިރޭންކްތަކުގެ އޮފިސަރުންނާއި ރާއްޖޭގައި ހުންނަ ޗައިނީސް އެމްބަސީ އޮފިސަލުން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ. މީގެ އިތުރުން، މަޖީދިއްޔާ ސްކޫލްގެ ބްރާސް ބޭންޑުންގެ ކުދިންވެސް ވަނީ ބައިވެރިވެފަ އެވެ.

ރާއްޖޭގައި މިދިޔަ މަހުގެ 29 ން މިމަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ޗައިނާ ނޭވީގެ ހޮސްޕިޓަލް ޝިޕުން ހިންގި ސިއްހީ ހިދުމަތް ފަރުވާ ފޯރުކޮށްދިނުމުގެ މިޝަންގެ ދަށުން 4186 މީހަކަށްވަނީ އެކިއެކި ސިއްހީ ހިދުމަތް ފޯރުކޮށްދީފަ އެވެ.

އެމްއެންޑީއެފް މިލިޓްރީ ހޮސްޕިޓަލް ސެނަހިޔާ އަދި އައިޖީއެމް ހޮސްޕިޓަލްގައި 60 މެޑިކަލް ސްޓާފުންގެ މައްޗަށް އެކުލެވޭ އަށް ޓީމަކުން ހަރަކާތްތެރިވެފައިވާއިރު، ރާއްޖޭގެ އަށް ސަރަޙައްދެއްގައި 72 މެޑިކަލް ސްޓާފުންގެ މައްޗަށް އެކުލެވޭ 8 ޓީމަކުން ވަނީ ހަރަކާތްތެރިވެ ސިއްހީ ފަރުވާގެ ހިދުމަތް ފޯރުކޮށްދީފަ އެވެ.

ސިއްހީ ދާއިރާއާ ބެހޭ ގޮތުން މީހުން ހޭލުންތެރިކޮށް، ދެ ގައުމުގެ ގުޅުން ބަދަހިކުރުމުގެ ގޮތުން މިޝިޕްގެ ޑޮކްޓަރުންގެ ޓީމްތަކުން ވަނީ ވިލިމާލޭގައި ގާއިމްކުރެވިފައިވާ ކުޑަކުދިންގެ ހިޔާގައާއި، ކ.ގުރައިދޫގައި ގާއިމްކޮށްފައިވާ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ އިތުރުން މަޖީދިއްޔާ ސްކޫލްގައި ސިއްހީ ދާއިރާއާބެހޭ ގޮތުން ހޭލުންތެރިކުވުމުގެ ޕްރޮގްރާމްތަކެއް ހިންގާފަ އެވެ.

ޝިޕް "އާރކް ޕީސް" އިން ހިންގި މިޝަންގެ ސަބަބުން ރާއްޖޭގައި އެކިއެކި ހާއްސަ ބަލިތަކުގެ ޑޮކްޓަރުންނަށް ދައްކަން ބޭނުންވެފައި ތިބި އެތައް ބަޔަކަށް އެކަމުގެ މަގު ފަހިވެގެން ގޮސްފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

"އާރކް ޕީސް" އަކީ 2008 ވަނަ އަހަރު ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް ހާއްސަކޮށްގެން ޗައިނާގައި ބަނދެފައިވާ މިޝިޕަކީ ދިގިމިނުގައި 178 މީޓަރު، ފުޅާމިނުގައި 24 މީޓަރުހުރި 14300 ޓަނުގެ ފްލޯޓިން ހޮސްޕިޓަލް ޝިޕެކެވެ. މިޝިޕްގައި އޮފިސަރުންނާއި، ޑޮކްޓަރުންނާއި އަދި ސްޕޯޓް ސްޓާފުންގެ ގޮތުގައި 430 މީހުން މަސައްކަތް ކުރެ އެވެ.