މޯލްޑިވްސް މޮޓޯ ރޭސިންގް އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ހުޅުމާލޭގައި މިއަދު ބޭއްވުމަށް ހަމަޖެހިފައި އޮތް "ޕްރެޒިޑެންޓް ޗެލެންޖް ކަޕް 2013" ފަސްކޮށްފި އެވެ.

މިމަހުގެ 5 އިން 6 އަށް ހުޅުމާލޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިމުބާރާތް މޫސުން ގޯސްވުމުގެ ސަބަބުން ވަކި މުއްދަތެއް ނެތި ފަސްކޮށްފައިވާއިރު، މިމުބާރާތް ބާއްވާނެ ތާރީހެއް ފަހުން އިއުލާން ކުރާނެ ކަމަށް މޯލްޑިވްސް މޮޓޯ ރޭސިންގް އެސޯސިއޭޝަނާ ހަވާލާދީ އެމްއެންޑީއެފުން ބުންޏެވެ.

ހުޅުމާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ރޭސް ކެންސަލްވިއިރު ރޭސް ޖެހުމަށް ހުޅުމާލޭއަށް ރޭސިން ކާރުތައް ވަނީ ގެންގޮސްފަ އެވެ. އަދި ރޭސް ބޭއްވުމަށް ހަމަޖެނުނު ސަރަހައްދު ވެސް ވަނީ ތައްޔާރުކޮށްފަ އެވެ.

ރޭސިން މުބާރާތް ހުޅުމާލޭގައި ފަށާ ދުވަހުގެ ކުޑަކުދިންނަށް ހާއްސަކޮށްގެން ބައިސިކަލް ރޭހެއް ކުރިއަށް ގެންދިއުމުގެ އިތުރުން މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ހަވާއެރުން ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވެސް މޮޓޯ ރޭސިން އެސޯސިއޭޝަނުން ވަނީ ނިންމައިފަ އެވެ.

ރާޅުގަނޑު ސަރަޙައްދުގައި މިދިޔަ މަހުގެ 26 ގައި ބޭއްވި ރަސްމިއްޔާތެއްގައި "ޕްރެޒިޑެންޓް ޗެލެންޖް ކަޕް 2013" ލޯންޗްކޮށްދެއްވާފައިވަނީ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމެވެ.