ރައީސް މުހައްމަދު ވަހީދުގެ "ގައުމައިގެން ކުރިޔަށް" ކޯލިޝަންގެ ކެމްޕޭން ހަރަކާތްތައް އުއްމީދުކުރާ ވަރަށް ކުރިޔަށް ނުދާ ކަމަށް އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

އަންނަ ރިޔާސީ އިންތިހާބުގައި ރައީސް ވަހީދަށް ތާއީދުކުރާ ފަރާތްތަކުން އުފައްދާފައިވާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ރައީސް އިމްރާން "ސަން"އާ ވާހަކަދައްކަވަމުން ވިދާޅުވީ އެ ޕާޓީގެ އެންމެ ބޮޑު އަމާޒަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމަށް އަޔަ ނުދިނުން ކަމަށެވެ.

"އެކަން ވިޔަ ނުދިނުމަށް އިފެކްޓިވް ކެމްޕޭނެއް ކުރިޔަށްދާތަނެއް އަޅުގަނޑުމެންނަކަށް ނުފެނޭ. ކޯލިޝަންގެ ކެމްޕޭން އެކަށީގެންވާ ގޮތަށް ކުރިޔަށް ނުދާތީ އަޅުގަނޑުމެން އެތައް ފަހަރަކު މަޝްވަރާކޮށްފިން. އެކަމާ ހިތްހަމަނުޖެހިގެން މަޝްވަރާ މަޖިލީހުގެ ތިން ބޭފުޅަކު އެދުނީ ބައްދަލުވުމެއް ބާއްވަން. ދެން އެކަމާ ރޭ ބައްދަލުވުމުގައި މަޝްވަރާކުރީ އެކަމަށް ހައްލެއް ހޯދަން،" އިމްރާން ވިދާޅުވި އެވެ. "އަޅުގަނޑުމެން ކެމްޕޭން ފެށި ފަހުން އެކަށީގެންވާ މަސައްކަތެއް ނުކުރެވޭތީ ތާއީދު އިތުރުވަމުން އަންނަ ތަނެއް ނުފެނޭ،"

އޭނާ ވިދާޅުވީ ކޯލިޝަންގެ ކެމްޕޭން ފެއިލްވެ ވެރިކަން ނަޝީދަށް ލިބޭ ތަން ބަލަން ނުތިބެވޭނެ ކަމަށެވެ.

"އަޅުގަނޑުމެންނަށް މިކަން ކުރަން ބައިވަރު މަގުތައް އެބަހުރި. މީގެ ކުރިން ވެސް ތަފާތު ފަރާތްތަކުގެ ހުށަހެޅުން ލިބުނު. އެހެން ނަމަވެސް މިގޮތަށް ނިންމީ ވަރަށް ބޮޑަށް ގުޅިގެން މިކަން ކުރަން. ދެން މަޝްވަރާކޮށްގެން ގޮތެއް ނުފެނިއްޖެ ނަމަ ކޯލިޝަނުން ވަކި ވެގެން ނަމަވެސް އަޅުގަނޑުމެން ކުރިޔަށްދާނަން،" އިމްރާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިންތިހާބަށް ކެމްޕޭންކުރަން އެ ޕާޓީން އޮތީ ވަރަށް މުރާލިކަމާ އެކު މަސައްކަތްކުރަން ތައްޔާރަށް ކަމަށެވެ. ނަމަވެސް މި ވޭތުވެިދިޔަ ދުވަސްތަކުގައި ކެމްޕޭންގެ ހަރަކާތްތައް އެކަށީގެންވާ މިންވަރަށް ކުރިޔަށް ނުދާ ކަމަށް އިމްރާން ވިދާޅުވި އެވެ.

"އަޅުގަނޑުމެން މަޝްވަރާކުރުމަށް ފަހު ކެންޑިޑޭޓުންގެ ނަން ހުށަހެޅުމުގެ މުއްދަތު ހަމަވުމުގެ ކުރިން ގޮތެއް ނިންމާނަން،" އޭނާ ވިދާޅުވި އެވެ.

ރައީސް ވަހީދުގެ ކޯލިޝަނުގައި ހިމެނެނީ އަދާލަތުގެ އިތުރުން ގައުމީ އިއްތިހާދު ޕާޓީ އާއި ރަނިންމޭޓް އަހުމަދު ތަސްމީން އަލީގެ ޑީއާރުޕީ އާއި ރައީސްގެ ސްޕެޝަލް އެޑްވައިޒަރު ޑރ. ހަސަން ސައީދުގެ ގައުމީ ޕާޓީ އެވެ.

ކޯލިޝަންގެ ކެމްޕޭންގެ ރަނިންމޭޓް އިއުލާންކުރުމަށް ފަހު އަތޮޅު ތެރެއަށް ކުރެއްވި ބައެއް ދަތުރުތަކުގައި އިމްރާން ބައިވެރިވެވަޑައިގެންނެވި ނަމަވެސް މާލޭގައި ދާދިފަހުން ބޭއްވި ޒުވާނުންގެ ސިޔާސަތު އިއުލާންކުރުމުގެ ބައްދަލުވުމުގަ އާއި ރޭ ބޭއްވި ތައުލީމީ ސިޔާސަތު ހާމަކުރުމުގެ ބައްދަލުވުމުގައި ވެސް ބައިވެރިވެވަޑައިނުގަންނަވަ އެވެ.