ކ.ގުރައިދޫގައި ހުންނަ ދައުލަތުގެ ހާއްސަ އެހީއަށް ބޭނުންވާ މީހުން މަރުކަޒަށް ބީއެމްއެލްގެ މުވައްޒިފުން ޒިޔާރަތްކޮށް އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދީފި އެވެ.

ބީއެމްއެލުން ބުނީ ޒިޔާރަތަކީ ކުރިއަށް އޮތް ރަމަޟާން މަހާއި ގުޅުވައިގެން އެ ބޭންކްގެ މުވައްޒަފުން އިސްނަގައިގެން އިއްޔެ ކުރި ޒިޔާރަތެއް ކަމަށާއި އެ ޒިޔާރަތުގެ ބޭނުމަކީ ބޭންކް މުވައްޒަފުންގެ މެދުގައި ހިލޭ ސާބަހަށް މަސައްކަތް ކުރުމުގެ ރޫހު އާލާކޮށް، މުޖުތަމައުގެ ފައިދާއަށް މަސައްކަތް ކުރުމުގެ އާދަ އަސަގެންނެވުން ކަމަށެވެ.

އެ ޒިޔާރަތުގައި އެމަރުކަޒުގައި ހިދުމަތް ދެވޭ ގޮތްތަކާއި ހިދުމަތް ދިނުމުގައި ދިމާވާ ދަތިތަކާ ބެހޭ ގޮތުން ވެސް ބޭންކްގެ މުވައްޒަފުން މައުލޫމާތު ސާފުކޮށްފައިވާ ކަމަށް ވެސް ބޭންކުން ބުންޏެވެ. ނަމަވެސް ބީއެމްއެލުން އެ މަޒުކަޒަށް ހަދިޔާކޮށްފައިވަނީ ފައިސާ ކަމެއް ނުވަތަ ތަކެތި ކަމެއް ބޭންކުން ނުބުނެ އެވެ.

މި ޒިޔާރަތުގައި ބޭންކްގެ އެމްޑީ އަދި ސީއީއޯ މރ. ޕީޓާ ހޯޓަން އާއި ބޭންކްގެ އެގްޒެކެޓިވް ކޮމިޓީގެ މެމްބަރުންނާ އެ ބޭންކްގެ ބައެއް މުވައްޒިފުން ވަނީ ބައިވެރިވެފަ އެވެ.

ބީއެމްއެލުން ވަނީ ދުނިޔޭގެ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަހަރުގެ މެއި މަހުގެ 10 ވަނަ ދުވަހު ވެސް އެފަދަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފަ އެވެ. އެގޮތުން އެ ބޭންކްގެ މުވައްޒިފުންވަނީ މާލޭގެ އިތުރުން އަތޮޅުތަކުގައި އެބޭންކްގެ ބްރާންޗްތައް ގާއިމްކޮށްފައި ހުންނަ ރަށްރަށުގެ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކަށް ޒިޔާރަތްކޮށް އެތަނުގައި އެޑްމިޓްކޮށްފައި ތިބި ކުޑަކުދިންނަށް ހަދިޔާއެއް ދީފަ އެވެ.