05 Jul 2013, 10:59
ހުޅުމާލޭ އަތިރިމަތީގައި މޫދު ކުޅިވަރު ކުޅޭ ސާމާނުތަކެއް ބަހައްޓާފައި ހުރި ތަނެއްގެ ތެރޭގައި ރޯވެ، އެތަނުގެ ތެރޭގައި ހުރި ބައެއް ތަކެތި ބޭނުން ނުކުރެވޭ ވަރަށް އަނދާ ހުލިއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އެ ހާދިސާގެ މައުލޫމާތު ފުލުހުންނަށް މިއަދު ހެނދުނު 6:15 އެހާކަންހާއިރު ލިބުމާ އެކު ފުލުހުން އެ ސަރަހައްދަށް ގޮސް އާއްމުންނާއި ސިފައިންގެ އެހީތެރިކަމާ އެކު އެތަނުގައި ރޯވި އަލިފާންގަނޑު ނިއްވާލައިފައިވާ ކަމަށެވެ. ނަމަވެސް އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެޗް.ޓޫ.އޯ ވޯލްޑް" ނަމަކަށް ކިޔާ އެ ސެންޓަރުގެ ވެރިފަރާތް ކަމުގައި އަލީ އަބްދުﷲ ބުނީ އެހާދިސާ ހިނގި ކަމަށް ބެލެވެނީ ކަރަންޓް ޝޯޓެއް ވެގެން ކަމަށާއި އޭނާއަށް އެ މައުލޫމާތު ލިބިގެން ދިޔައިރު އަތިރިމަތިން ވެލިޖަހައިގެން ރޯވި އަލިފާންގަނޑު ނިއްވާލައިފައިވާ ކަމަށެވެ. އޭނާ ބުނީ އެތަނަށް ލިބުނު ގެއްލުން ގާތްގަނޑަކަށް 10،000 ޑޮލަރަށް (ދޮޅުލައްކަ ރުފިޔާ) އަރާނެ ކަމަށާއި އެހާދިސާގައި އަނދައިގެން ދިޔަ އެއްވެސް އެއްޗެއް އަލުން ބޭނުން ނުކުރެވޭނެ ކަމަށެވެ.
"އެތަނާގައި ހުންނާނީ ވޯޓާ ސްޕޯޓްސްއަށް ބޭނުންކުރާ ފަން ޓިއުބް، ލައިފް ޖެކެޓް، ޓޯއީ، ކައިޓް ބޯޑު، ރާޅު ބޯޑު، ސާފް ބޯޑް، މިހެން ގޮސް ވަރަށް ބައިވެރި ސާމާނުތައް ހުންނާނެ، ސަލާމަތް ވެފައިވަނީ 10 ވަރަކަށް ލައިފް ޖެކެޓާއި އެތަނުގައި ބާއްވާފައި އޮތް އައުޓް ބޯޑު އިންޖީނެއް،" އޭނާ ބުންޏެވެ.
ތިން ބުރިއަށް ހުންނަ ގެއެއްގެ އެންމެ ތިރީ ބުރީގައި ހަދާފައި ހުންނަ ވޯޓާ ސްޕޯޓް ސެންޓަރަކީ ހުޅުމާލޭގައި މޫދަށް އެރި، މޫދު ކުޅިވަރު ކުޅެން ބޭނުންވާ ދިވެހިންނަށް ހާއްސަކޮށްގެން ހަދާފައި ހުންނަ ހަމައެކަނި ސެންޓަރެވެ.
މި ހާދިސާ ހިނގި ގޮތް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.