05 Jul 2013, 08:48
ކޮންމެވެސް ކަހަލަ އައު ކަންތައްތަކެއް ނުވަތަ އައު އީޖާދު ތަކެއް އުފަންވާ ވާހަކަ އަޑު ނީވޭ ދުވަހެއް މަދުވާނެއެވެ. އަދި އަޅުގަނޑުމެން އެންމެވެސް އަބަދުވެސް މި ތިބެނީ ކޮންމެވެސް ކަހަލަ މޮޅު އީޖާދަކަށް ނުވަތަ އައު އީޖާދެއް ދުށުމަށް ކެތްމަދުވެފައެވެ. އެހެން ނަމަވެސް މޮޅު އަދި އައު އީޖާދެއް އުފަންވެގެން އަންނައިރު ދިމާވާ އެންމެ ބޮޑު މައްސަލައަކީ އެފަދަ އީޖާދު ތަކުގެ އަގު ބޮޑުވުމެވެ.
މިފަހަރު ބަލައިލާން މިއުޅެނީ އައު އަދި މޮޅު ހަމަ އެހެންމެ ފަސޭހައިން އަތްފޯރާ ފަށަށް ތިލަވާނޭ ފައްކާ އީޖާދެއްގެ ވާހަކައެވެ. އާދެ! ތްރީ ޑައިމެންޝަން ތަސްވީރު އުފައްދައިދޭ އާލާތެއްގެ ވާހަކައެވެ. ތްރީޑީ ކެމެރާއަކީ އަގުހެޔޮ އެއްޗެއް ނޫނެވެ. ބާޒާރުގައި މިހާރު ލިބެންހުރި އެންމެ އާދައިގެ ތްރީޑީ އިމޭޖް ފެންނަ ކެމެރާތައްވެސް އެންމެ އަގުހެޔޮކޮށް ލިބެން ހުރީ ގާތްގަނޑަކަށް 1000 ޕައުންޑަށްވުރެ މަތީގައެވެ.
ސްކޮޓްލެންޑްގެ ޔުނިވާސިޓީ އޮފް ގްލެސްގޯގެ ސައިންޓިސްޓުން މިވަނީ ޕްރޮފެޝަނަލް ދާއިރާތަކުގައި މަސައްކަތް ކުރާ މީހުންނަށް ހަރަދު ކުޑަ ކޮށް ތްރީޑީ ތަސްވީރު ފެންނާނެ ގޮތެއް ހޯދާ ދީފައެވެ.
"ތަސްވީރު އުފެއްދުމަށްޓަކައި ބޭނުންވާ އަލި އުފެއްދުމަށް ބޭނުން މިކުރަނީ ކްރޮސްވޯޑް ޕަޒުލް އަކާ އެއްގޮތަށް ޕެޓާންތައް ވަރަށް ހަލުއިކަމާއެކު އެކި ގޮތްގޮތަށް ބަދަލުވާ ގޮތަށް ތަފާތު ހަތަރު ދިމާއެއްގައި ހަރުކޮށްފައި އިންނަ' ސިންގަލް ޕިކްސެލް ' ޑިޓެކްޓާސް ތަކެއް،" މި މަޝްރޫއުގައި އިސްކޮށް ހަރަކާތްތެރިވި އަދި އަލަށް ހޯދި އެ ޓެކްނިކް އީޖާދުކުރި ގްލެސްގޯ ޔުނިވާސިޓީގެ ސްކޫލް އޮފް ފިޒިކްސް އެންޑް އެސްޓްރޮނޯމީގެ ޕްރޮފެސަރު މައިލްސް ޕެގެޓް ބުންޏެވެ.
މި އައު ކެމެރާގައި ތްރީޑީ ތަސްވީރު އުފެއްދުމަށް ފުރަތަމަ ބޭނުން ކުރަނީ ބައިވަރު ޕެޓާންސް ތަކެއްގެ އެހީގައި ކޮމްޕިއުޓަރު އަލްގޯރިދަން ބޭނުން ކޮށްގެން އުފައްދާ ޓޫޑީ ތަސްވީރު ތަކެކެވެ. އެއަށްފަހު "ޝޭޕް ފްރޮމް ޝޭޑް" ކިޔާ ޓެކްނިކެއް ބޭނުން ކޮށްގެން އެއްކަލަ ހަތަރު ޑިޓެކްޓަރުގެ އެހީގައި ހުރިހާ ޓޫޑީ ތަސްވީރުތައް އެއްކޮށްލައިގެން ތްރީޑީ ތަސްވީރު އުފައްދަނީއެވެ.
އާންމު ގޮތެއްގައި މިގެންގުޅޭ ކެމެރާ ތަކުގައި އަލި ދެނެގަތުމަށް މިލިއަނުން ޕިކްސެލް ހުންނަ ކަމުގައިވިޔަސް އަލަށް އުފެއްދި މި އީޖާދުގައި އަލި ދެނެގަންނަން ބޭނުން ކުރަނީ އެންމެ ޕިކްސެލް އެކެވެ.
އަލަށް ހޯދި އީޖާދުގައި އަލި ދެނެގަންނަ ޑިޓެކްޓާ ތަކަށް އާންމުކޮށް ލޮލަށް ނުފެންނަ ފްރިކުއެންސީގެ އަލިތައްވެސް ފެނެއެވެ. މިހާރު ލިބެންހުންނަ އަގުބޮޑު ކެމެރާތަކާ ހިލާފަށް މަދު ޕައުންޑު ކޮޅަކަށް މި އާލާތް ލިބެންހުރުމުން، މިއީ ބޭސްވެރި ކަމަށާއި ޖޯގްރަފީ ގައި ތްރީޑީ ތަސްވީރުތައް ބޭނުންކުރުމަށް ހުޅުވިގެން ދިޔަ އާ ދޮރެއް ކަމަށް މިކެމެރާ އީޖާދު ކުރި ސައިންސްވެރިން ދެކެއެވެ.
މި ކެމެރާ އަގުހެޔޮވެފައި މިހާރު ލިބެން ހުރި ޑިޖިޓަލް ކެމެރާތަކަށް ދަނެނުގަނެވޭ ވޭވްލެންތު ތަކުގެ އަލި ދަނެގެވޭތީ މިއީ ވަރަށް ގިނަކަންތައްތަކަކަށް ބެނުން ހިފޭނެ އާލާތެކެވެ. ދިރާސާކުރާފަރާތްތަކުން ހާމަ ކުރާ ގޮތުގައި ތެޔޮ ހުންނަތަންތަން ދަނެގަތުމަށާއި، ޓިއުމަރުތައް ހޯދުމަށްވެސް މީގެ ބެނުންހިފިދާނެއެވެ. އަދި ހަމަ އެއާއެކު އައު ހޯދުމުގެ އެހީގައި މިހާރު މިގެންގުޅޭ އާދައިގެ ކެމެރާތައްވެސް ތަންކޮޅެއް އަގުހެޔޮކޮށް ބާޒާރަށް ނެރެވިދާނޭ ކަމަށް ދިރާސާ ކުރާ ފަރާތްތަކުން ދެކެއެވެ.
ގްލެސްގޯ ސައިންޓިސްޓުންގެ މި އައު އީޖާދު މިހާރުވަނީ ސައިންސް ޖާނަލް ތަކުގައި ޝާއިއު ކޮށްފައެވެ.