މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށް ބަންދުގެ މުއްދަތަށް ހާޒިރު ކުރި މީހަކު ކްރިމިނަލް ކޯޓުގެ ތަކެއްޗަށް ގެއްލުންދީ، ކޯޓުގެ ހުރުމަތް ކަނޑައިގެން 15 ދުވަހަށް ޖަލަށްލާން ހުކުމްކޮށްފި އެވެ.
ޖަލަށް ލާން ހުކުމް ކުރީ ޏ. ފުވައްމުލަކު ހީނާގޭ، އަހުމަދު ދީދީ އެވެ.


ކްރިމިނަލް ކޯޓުން ބުނީ އަހުމަދު ދީދީ 15 ދުވަހަށް ޖަލަށްލާން ހުކުމް ކުރީ އޭނާގެ ބަންދު މުއްދަތު އިތުރު ކުރުމުން ރުޅި އައިސް ކޯޓުގެ މުދަލަށާއި އެއްޗެއްސަށް ގެއްލުން ދީފައިވާތީ ކަމަށެވެ. ކޯޓުގެ ހުރުމަތް ކެނޑި ކަމުގެ ކުށުގައި އޭނާ ޖަލަށް ލުމަށް ނިޔާ އިއްވީ ކޯޓުގެ ހުރުމަތް ރައްކާތެރިކުރުމާ ބެހޭ ގަވައިދުގެ ހަތަރު ވަނަ މާއްދާގެ 12 ވަނަ ނަންބަރާއި ހަވާލާދީ ގާނޫނުލް އުގޫބާތުގެ 88 ވަނަ މާއްދާގެ (ހ)ގެ ދަށުންނެވެ.


ފުލުހުން އަހުމަދު ދީދީ ހައްޔަރު ކުރުމަށް ފަހު ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރީ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅުނު ކަމަށް ތުހުމަތުކުރެވޭ ގަރީނާތައް ހުރުމާ އެކު، މުޖުތަމައުގެ ސަލާމަތާއި ހަމަޖެހުމަށްޓަކައި މިވަގުތު އޭނާ ބަންދުގައި ބަހައްޓަން ޖެހޭ ކަމަށް ބުނެ އެވެ.


އަހުމަދު ދީދީ ކްރިމިނަލް ކޯޓްގެ އެއްޗެއްސަށް ގެލުން ދިނީ އޭނާގެ ބަންދުގެ މުއްދަތު ފަސް ދުވަހަށް އިތުރު ކުރުމުގެ އަމުރު މިދިޔަ ބުރާސްފަތި ދުވަހު ނެރުމުންނެވެ.


ކްރިމިނަލް ކޯޓުން ބުނީ މިފަދަ ހާދިސާތައް ތަކުރާރުކޮށް މެދުވެރިވަމުން އަންނަ ކަމަށާއި އެގޮތް މެދުވެރިވަނީ ކޯޓުގެ ޖާގައިގެ ދަތިކަމުން ރައްކާތެރިކަމާ އެކު ކުށްވެރިން ކޯޓުގެ ތެރެއިން ގެންދިއުމަށް ދަތިވަމުންދާތީ ކަމަށެވެ.