06 Jul 2013, 13:33
ރާއްޖެ އާއި ތައިލެންޑް ގުޅިގެން 2018 ވަނަ އަހަރުގެ ނިޔަލަށް ވިޔަފާރި ފުޅާކޮށް، 200 މިލިއަން ޑޮލަރު އިންވެސްޓްކުރަން އަމާޒު ހިފައިފި އެވެ.
ތައިލެންޑްގެ ބޮޑުވަޒީރު ޔިންގްލަކް ޝިނަވަޓްރާ މިދިޔަ ޖޫން މަހުގެ އެއްވަނަ ދުވަހު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ވަނީ ދެ ގައުމު ގުޅިގެން ވިޔަފާރި ކުރިއެރުވައި އިންވެސްޓްމަންޓް އިތުރުކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އަދި އެ އެއްބަސްވުމުގެ ދަށުން ވަނީ ދެ ގައުމު ގުޅިގެން ޖޮއިންޓް ޓްރޭޑް ކޮމިޝަނެއް ވެސް އުފައްދައިފަ އެވެ.
ތައިލެންޑްގެ "ނޭޝަން" ނޫހުގައި ބުނެފައި ވަނީ، ދާދިފަހުން ބޭންކޮކްގައި ދެ ގައުމުގެ ޖޮއިންޓް ޓްރޭޑް ކޮމިޝަނުން ބޭއްވި ބައްދަލުވުމުގައި ރާއްޖެއިން ވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ކުރިއެރުވުމަށް އެހީތެރިކަން ހޯދުމަށް މަޝްވަރާކޮށްފައި ކަމަށެވެ.
އެ ނޫހުގައި ބުނެފައި ވަނީ ތައިލެންޑްގެ ފަރާތުން ދިވެހިން އެ ގައުމަށް ބޭސް ފަރުވާކުރަން ދިއުމަށް ޝައުގުވެރިކުރުވުމާއި ތައިލެންޑްގެ ހަނޑުލާއި ކާބޯތަކެތި އަދި އަންނައުނު ގެނައުމާއި ހުނަރުވެރި މަސައްކަތްތެރިންނަށް ފުރުސަތު ދިނުމަށް އެދިފައި ކަމަށެވެ. އެގޮތުން އެ ގައުމުގެ ސްޕާ ތެރަޕިސްޓުންނާއި ކައްކާ މީހުންނާއި މެކޭނިކުުންނަށް ރާއްޖެއިން ވަޒީފާ ހޯދައިދިނުމަށް ކުރިޔަށް އޮތްތަނުގައި މަޝްވަރާ ކުރަން ނިންމާފައިވާ ކަމަށް ނޭޝަން ނޫހުގައި ބުނެފައިވެ އެވެ.
ތައިލެންޑްގެ ޓްރޭޑް ނެގޯސިއޭޝަން ޑިޕާޓްމަންޓްގެ ޑިރެކްޓަރު ޖެނެރަލް ޕިރަމޯލް ޝަރަންޕާއޯ ވިދާޅުވީ ރާއްޖޭގައި އެ ގައުމުގެ ވިޔަފާރިވެރިން ހޮޓެލް އަދި ރިސޯޓްތަކާއި އިންފްރާސްޓްރަކްޗާ މަޝްރޫއުތަކުގައި އިންވެސްޓްކުރަން ރާއްޖެއިން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ. އެގޮތުން ބަނދަރު ހެދުމާއި އެއާޕޯޓާއި ސިއްހީ ހިދުމަތުގެ ދާއިރާގަ އާއި މެޑިކަލް ޓޫރިޒަމް އަދި މަސްވެރިކަމާއި ކާބޯތަކެތި ބަންދުކުރުމުގެ ދާއިރާގައި އިންވެސްޓްކުރަން ފުރުސަތު ދިނުމަށް ރާއްޖެއިން ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޕިރަމޯލް ވިދާޅުވީ ރާއްޖެއިން ތައިލެންޑަށް ޓޫރިސްޓުންގެ ގޮތުގައި ދާ ދިވެހިންނާއި ވިޔަފާރިވެރިން އިތުރުކުރުމަށް ވިސާ ހިލޭކޮށްދިނުމަށް ވެސް ހުށަހެޅި ކަމަށެވެ.
އޭނާ ވިދާޅުވީ ސިއްހީ ހިދުމަތް ހޯދަން ދިވެހިން ތައިލެންޑަށް ދިއުން އިތުރުކުރުމަށް ބޭނުންވާ ކަމަށެވެ. އެ ގައުމަށް ފަރުވާ ހޯދަން ދާ މީހުން އިތުރުކުރުމަށް ސިއްހީ ހިދުމަތުގެ އިންޝުއަރެންސްގެ ނިޒާމުގައި ތައިލެންޑް ހިމަނައިދިނުމަށް އެދުނު ކަމަށް ވެސް ޕިރަމޯލް ވިދާޅުވި އެވެ.
އެ ގައުމުން ވަނީ ކާބޯތަކެތި ރާއްޖެ ގެނައުމުގެ އިތުރުން އިލެކްޓްރޯނިކް ސާމާނު ވެސް ގެނައުން އިތުރުކުރުމަށް މަޝްވަރާކޮށްފަ އެވެ. އަދި ރާއްޖޭގައި ދެމެހެއްޓެނިވި މަސްވެރިކަންކުރާ ގޮތާއި އެކަމުގައި ގެންގުޅޭ ސިޔާސަތުތައް ދަސްކުރަން ބޭނުންވާ ކަމަށް ވެސް ތައިލެންޑް ހުށަހެޅި ކަމަށް އެ ނޫހުގައި ބުނެފައިވެ އެވެ.
ޕެރަމޯލް ވިދާޅުވީ އެ ބައްދަލުވުމުގައި ވަނީ މަސްވެރިކަމުގެ ދާއިރާގެ ކުންފުނިތަކާއި އިމާރާތްކުރުމާއި ޓޫރިޒަމް ދާއިރާގެ ކުންފުނިތަކާއެކު ބައްދަލުވުންތައް ދެ ގައުމު ގުޅިގެން ބޭއްވުމަށް ވެސް މަޝްވަރާކޮށްފައި ކަމަށެވެ.
"ބައްދަލުވުމުގެ ކަންތައްތަކާ މެދު ދެ ގައުމުން ވެސް ވަރަށް ހިތްހަމަޖެހިފައި ތިބީ،" އޭނާ ވިދާޅުވި އެވެ.