ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރެއްގައި ކޮންމެ ކުއްޖަކަށް ޓެބްލެޓެއް ދެއްވާނެ ކަމަށް ރައީސް ވަހީދުގެ ރަނިންމޭޓް އަހުމަދު ތަސްމީން އަލީ މިރޭ ވައުދުވެވަޑައިގެންފި އެވެ.

ކޯލިޝަނުގެ ތައުލީމީ ސިޔާސަތު ހާމަކުރުމަށް ޕޮލިޓެކްނިކްގައި މިރޭ ބޭއްވި ރަސްމިޔާތުގައި ތައުލީމީ ދާއިރާއަށް ގިނަ ވައުދުތަކެއް ވެވަޑައިގެން ތަސްމީން ވިދާޅުވީ ސުކޫލުތަކުގައި ގެންގުޅޭ ޓެކްސް ފޮތްތައް "އީފޮތް" ތަކަށް ބަދަލުކޮށް، ކިޔަވަދިނުމުގެ ވައްޓަފާޅި ބަދަލުކުރާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ސަރުކާރެއްގައި ކޮންމެ ކުއްޖަކަށް ޓެބްލެޓެއް ދޭނަން. ޓެކްސްޓް ފޮތްތައް އީ ފޮތް ތަކަށް ހަދާ، އައިސީޓީގެ އެހީގައި ކިޔެވުމާއި ކިޔަވައިދިމުގެ ވައްޓަފާޅި ބަދަލުކުރާނަން. އަދި އައިސީޓީގެ އެހީގައި 21 ގަރުނުގެ ލާފުރާ ތައުލީމެއް އަޅުގަނޑުމެން ގާއިމުކުރާނަން،" ތަސްމީން ވިދާޅުވި އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބުވެވަޑައިގެންފި ނަމަ އަރަބި ތައުލީމްދޭ ދިނުމަށް އިތުރު ދެ ސުކޫލެއް ރާއްޖޭގައި ގާއިމުކުރާނެ ކަމަށް ވެސް ތަސްމީން ވިދާޅުވި އެވެ.

ތަސްމީން ވިދާޅުވީ އަރަބި ތައުލީމް އުގަންނައިދިނުމަށް ދެ ސުކޫލެއް ރާއްޖޭގެ އުތުރާއި ދެކުނުގައި ގާއިމު ކުރާނެ ކަމަށާއި އިނގިރޭސި ބަހުގެ އިތުރުން ބައިނަލް އަގުވާމީ އިތުރުން ބަހެއް ކަރިކިއުލަމްގެ ތެރޭގައި ހިމަނައިގެން ކިޔަވަދިނުމަކީ ރައީސް ވަހީދުގެ ސިޔާސަތު ކަމަށެވެ.

"މިއަދު ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި ސުކޫލު ކަރިކިއުލަމްގެ ތެރޭގައި އެއް ބަހަކަށްވުރެ ގިނަ ބަސް ދަސްކުރަމުން އެބަދޭ. އެއީ 21 ވަނަ ގަރުނުގައި ލިބިގެންދާ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށްޓަކައި. އަޅުގަނޑުމެންގެ ދަރިވަރުންނަށް ވެސް މި ފުރުސަތު ލިބިދިނުމަށްޓަކައި ސުކޫލު ކަރިކިއުލަމް ތެރެއިން ބައިނަލް އަގުވާމީ އިތުރުބަހެއް އަޅުގަނޑުމެން ކިޔަވަދޭނަން. މީގެ އިތުރުން އަރަބި މީޑިއަމަށް ކިޔަވަދޭ ދެ ސުކޫލެއް ރާއްޖޭގެ އުތުރާ ދެކުނުގައި އަޅުގަނޑުމެން ގާއިމުކުރާން،" އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން ޕްރީސުކޫލު ތައުލީމަކީ ރަސްމީ ތައުލީމަކަށް ހަދާ ޕްރީ ސުކޫލުގައި ހޭދަކުރާ ވަގުތުތައް އިތުރުކުރާނެ ކަމުގެ ވައުދު ތަސްމީން ވެވަޑައިގެންނެވި އެވެ. އަދި ރާއްޖޭގެ ކޮންމެ ރަށެއްގައި ޖާގަ ތަނަވަސް ޕްރީސުކޫލުތަކެއް ސަރުކާރުން ގާއިމުކުރާނެ ކަމަށާއި ޕްރީސުކޫލުގެ ދާއިރާގައި މަސައްކަތްކުރެވޭނީ ހަމަ އެކަނި ލައިސަންސް ދޫކޮށްފައިވާ ފެންވަރު ރަނގަޅު ޓީޗަރުންނަށް ކަމުގައި ހަދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް ވަހީދުގެ ވެރިކަމެއްގައި ރާއްޖޭގެ ހުރިހާ ސުކޫލަކީ އެއް ދަންފަޅިއަށް ކިޔަވައިދޭ ސުކޫލުތަކަކަށް ހަދާނެ ކަމަށާއި އަދި ކިޔަވަދޭ ރަސްމީ ގަޑިއަކީ ހެނދުނު 8:00 ން މެންދުރުފަހު 3:00 ކަމަށް ހަމަ ޖައްސާނެ ކަމަށް ވެސް ތަސްމީން ވިދާޅުވި އެވެ.

"އޭރުން ވަޒީފާއަށްދާ މައިންބަފައިން ދަރިން ސުކޫލަށްލާފަ ވަޒީފާއަށް ދެވޭނެ. އަދި ވަޒީފާ ނިންމާފައި ގެއަށް ދަމުން ކުދިން ގޮވައިގެން ގެއަށް ދެވޭނެ. މިކަމުގެ ސަބަބުން ޓީޗަރުނަށް ވެސް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ،" ރައީސް ވިދާޅުވި އެވެ.

އޯލެވެލް ފަސްމާއްދާއިން ފާސްވާ ކުދިންގެ އަދަދު 70 ޕަސެންޓަށް މަތިކުރާނެ ކަމަށާއި އޭލެވެލް ނިންމާނެ ކުދިންގެ ތެރެއިން ތިން މާއްދާއިން ފާސްވާ ކުދިންގެ އަދަދު 80 ޕަސެންޓަށް އިތުރުކުރާނެ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ. ހަމަ އެހެންމެ އުމުރުން 18 އަހަރުވަންދެން ތައުލީމްގެ ތެރޭގައި ކުދިން ގެންގުޅޭނެ ކަމަށް ވެސް ފާހަގަ ކުރައްވާ ވިދާޅުވީ ވަޒީފާގެ ބާޒާރުގެ ހުނަރުތައް ދަސްކޮށްދިނުމަށް ވޮކޭޝަނަލް އަދި ޓެކްނިކަލް ސްޓްރީމެއް ސުކޫލުތަކުގައި ތައާރަފްކުރާނެ ކަމަށެވެ.

ސުކޫލުތަކުގެ ފެންވަރު ދެނެގަންނާނެ އެސެސްމަންޓުތައް ރާއްޖޭގައި ނެހެދޭކަން ފާހަގަ ކުރައްވާ ތަސްމީން ވިދާޅުވީ ރައީސް ވަހީދު ސަރުކާރެއްގައި "އިންޓަނޭޝަނަލް އެސެސްމަންޓް އޮފް އެޑިއުކޭޝަން ޕްރޮގުރެސް" ގައި ބައިވެރިވެ ސުކޫލުތަކުގެ ފެންވަރު ބެލެނިވެރިންނަށާއި ދަރިވަރުންނަށް އަންގަދޭނެ ކަމަށެވެ. އަދި ސުކޫލުތަކުގައި ކިޔަވަދޭ ޓީޗަރުން އެންމެ ދަށް ވެގެން ޑިޕޮލޮމާ ފެންވަރަށް ތަމްރީން ކުރާނެ ކަމަށާއި ކިޔަވައިދިމުގެ ފަންނަށް މީހުން ޝައުގުވެރި ކުރުމަށް އެ ދާއިރާއިން އަހަރަކު 100 ސުކޮލަޝިފް ދޭނެ ކަމަށްވެސް ތަސްމީން ވިދާޅުވި އެވެ. އަދި އޭގެ އިތުރުން މަތީ ތައުލީމް އަދާކުރާ ކޮންމެ ކުއްޖަކަށް 1000 ރުފިޔާގެ ސްޓޫޑެންޓް އެލަވަންސެއް ދޭނެ ކަމަށާއި އަދި މަތީ ތައުލީމު ހޯދާ ކުދިނަށް ރިސާޗް ފަންޑެއް ގާއިމުކޮށްދޭނެ ކަމުގެ ވައުދު ވެސް ތަސްމީން ވަނީ ވެވަޑައިގެންފަ އެވެ.