ރައީސް މުހައްމަދު ވަހީދުގެ "ގައުމާއިގެން ކުރިޔަށް ކޯލިޝަން"ގެ ކެންޕޭން އެކަށީގެންވާ ގޮތެއްގައި ކުރިއަށްނުދާނަމަ ކޯލިޝަނުން ވަކިވާން ޖެހިދާނެ ކަމަށް އަދާލަތު ޕާޓީން ބުނެފި އެވެ.

ސަންއާ ވާހަކަދެއްކި އަދާލަތު ޕާޓީގެ އިސް އޮފިޝަލަކު ނަންނުޖެހުމަށް އެދި ވިދާޅުވީ މިރޭ 9:00 ގައި ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ކޯލިޝަންގެ ކެންޕޭން އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުދާނަމަ ވަކިވުމަށް ހުށަހަޅައި މަޝްވަރާ ކުރެވުނު ކަމަށެވެ.

އޭނާ ވިދާޅުވީ ކޯލިޝަންގެ ކެންޕޭންތައް ކުރިއަށް ނުދާތީ އެކަމަށް ހައްލެއް ހޯދުމަށް ރައީސް މުހައްމަދު ވަހީދާ އެކު މަޝްވަރާކުރުމަށް ފަހު ހައްލެއް ނުލިބިއްޖެނަމަ ވަކިވުމަށް އެ ބައްދަލުވުމުގައި ވާހަކަދެކެވުނު ކަމަށެވެ.

"އެ ބައްދަލުވުމުގައި ބައިވެރިވި ބައެއް ބޭފުޅުން ވަނީ ކެންޕޭންގެ ހަރަކާތްތައް ކުރިއަށްދާގޮތާ މެދު ހިތްހަމަ ނުޖެހޭތީ އެކަމަށް ހައްލެއް ހޯދަން ޖެހޭނެ ކަމަށް ވިދާޅުވެފަ. އެގޮތުން އެކަމަށް ހައްލެއް ނުލިބިއްޖެނަމަ ވަކިވުމަށް ވެސް ހުށަހެޅި. އެހެންނަމަވެސް މިރޭގެ ބައްދަލުވުމުގައި ވަކިގޮތަކަށް ނުނިންމާ،" އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިރޭ ބޭއްވި ސިއްރު ބައްދަލުވުމުގައި ނިންމީ އެ މައްސަލައާ ބެހޭގޮތުން ރަސްމީކޮށް މީޑިއާ އަށް މައުލޫމާތުދެއްވަނީ ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ކަމަށެވެ. ނަމަވެސް މިކަމާ ބެހޭގޮތުން ސަން އިން މައުލޫމާތު ހޯދުމަށް ތަކުރާރުކޮށް ގުޅުމުން ވެސް އޭނާ ފޯނަށް ޖަވާބުދެއްވާފައެއް ނުވެ އެވެ.

މިރޭގެ ބައްދަލުބުމުގައި "ގައުމާއިގެން ކުރިއަށް ކޯލިޝަން" ގެ ކެންޕޭންތައް އެކަށީގެންވާ މިންވަރަށް ކުރިއަށް ނުދާކަމަށް ގިނަ ބޭފުޅުން ވަނީ އެއްބަސްވެވަޑައިގެންފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފަހަކަށް އައިސް އަދާލަތު ޕާޓީގެ ބައެއް އިސް ބޭފުޅުން ވަނީ ކޯލިޝަންގެ ތެރޭގައި ކަންތައް ހިނގަމުންދާ ގޮތާ މެދު ހިތްހަމަނުޖެހިގެން އެވާހަކަތައް އެކި ފަރާތްތަކާ ހިއްސާކޮށްފަ އެވެ. ނަމަވެސް މިހާތަނަށް އައިރު ކޯލިޝަނުން ވަކިވުމާ މެދު ޕާޓީން ރަސްމީގޮތެއްގައި ގޮތެއް ނިންމާފައެއް ނުވެ އެވެ.

"ގައުމާއިގެން ކުރިއަށް ކޯލިޝަން" ގައި ހިމެނެނީ އަދާލަތުގެ ޕާޓީގެ އިތުރުން ރައީސް ވަހީދުގެ ގައުމީ އިއްތިހާދު ޕާޓީ އާއި ރަނިންމޭޓް އަހްމަދު ތަސްމީން އަލީގެ ޑީއާރްޕީ އާއި ރައީސް ވަހީދުގެ ސްޕެޝަލް އެޑްވައިޒަރު ޑރ. ހަސަން ސައީދުގެ ގައުމީ ޕާޓީ އެވެ.