05 Jul 2013, 00:27
ޕީޕީއެމްގެ އަމާންކަމުގެ ސިޔާސަތުގެ ދަށުން ފުލުހުންގެ ތަހުގީގު ވަރުގަދަ ކުރައްވާނެ ކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ރަނިންމޭޓު ޑރ. މުހައްމަދު ޖަމީލު އަހްމަދު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ މެނިފެސްޓޯގައި ހިމެނޭ އަމާންކަމުގެ ސިޔާތުގެ ތަފްސީލުތައް މީޑިއާއަށް ހިއްސާ ކުރެއްވުމަށް މިރޭ ހުޅުމާލޭގެ ޕީޕީއެމް ޖަގަހައިގައި ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. ޖަމީލު ވިދާޅުވީ ކުށްކުރާ މީހުންގެ މައްސަލަތައް ޝަރީއަތަށް ސާބިތުކުރުމަށްޓަކައި ޒަމާނީ ޓެކްނޮލޮޖީގެ އަލީގައި ހެކި ހޯދަން ޖެހޭ ކަމަށެވެ.
ޖަމީލު ވިދާޅުވީ ޕީޕީއެމްގެ ވެރިކަމެއްގައި ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ކުށްކުރާތަނާއި ކުށްކުރާ ވަގުތު ފުލުހުންނަށް ހޯދޭނެ އިންތިޒާމް ހަމަޖައްސަވަނެ ކަމަށެވެ. އަދި ވިދަޅުވީ ތަހުގީގު ކުރާ ފުލުހުންނަށް ދޭންޖެހޭ އިތުރު ހުނަރާއި ތަމްރީންތައް ފޯރުކޮށްދީ ފޮރެންސިކް ތަހުގީގަށް ބޭނުންވާ ވަސީލަތްތައް ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި އެއްވަރަކަށް ގާއިމް ކުރާނެ ކަމަށެވެ.
ޖީނާއީ ދައުވާތަށް ކުރުން ލަސްވުމާއި ޝަރީއަތަށް ހުށަހެޅޭ ޖިނާއީ މައްސަލަތައް ދިގުދެމިގެން ދިޔުމަކީ ރާއްޖޭގެ ސުލްހަމަސަލަސްކަމާއި، ހަމަޔާއި އިންސާފަށް ލޯބިކުރާ ރައްޔިތުންގެ ވަރަށް ބޮޑު ހިތްހަމަނުޖެހުމެއް ކަމަށާއި ޕީޕީއެމްގެ ވެރިކަމެއްގައި އެކަން ހައްލު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް ޖަމީލު ވިދާޅުވި އެވެ.
"ދައުވާ ކުރާ ފަރާތުން ދައުވާ ކުރުމުގައި ލަސްވުމާއި ޝަރުއީ މަރުހަލާގައި ދިގުދެމިގެން ދިޔުމަކީ އަޅުގަނޑު ގަބޫލުކުރާގޮތުގައި މިއަދު ރާއްޖޭގެ ސުލްހަމަސަލަސް ކަމަށާއި އަޅުގަނޑުމެން މި ގަބޫލުކުރާ ހަމަޔާ އިންސާފަށް ގަބޫލުކުރާ ރައްޔިތުންގެ ހިތުގައި އޮތް ސުވާލެއް. ވަރަށް ބޮޑު ހިތްހަމަނުޖެހުމެއް،" ޖަމީލު ވިދާޅުވި އެވެ.
ޕީޕީއެމްގެ ފަސް އަހަރުގެ ވެރިކަން ނިމިގެންދާއިރު ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނެސް ތަހުގީގު ނިންމައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހެޅޭ މައްސަލަތައް އެއްމަސް ދުވަހުގެ ތެރޭގައި ޝަރީއަތަށް ހުށަހެޅޭނެ ނިޒާމެއް ގާއިމް ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފުލުހުންގެ މަސައްކަތަށް ހުރަސްއަޅައި ފުލުހުންނަށް ޖެއްސުންކޮށް ފުލުހުންނަށް ފުރައްސާރަކޮށް ބިރުދައްކައި ހަމަލާދޭ ފަރާތްތަކަށް ހަރުކަށި އަދަބު ޕީޕީއެމްގެ ސަރުކާރެއްގައި ދޭނެ ކަމަށެވެ. އެގޮތުން ފުލުހުންނަށް ހަމަލާދޭ ފަރާތްތަކަށް ދިނުމަށް ގާނޫނުގައި މިހާރު ކަނޑައެޅިފައިވާ އަދަބު ބޮޑުކުރާނެ ކަމަށް ވެސް ޖަމީލު ވިދާޅުވި އެވެ.