04 Jul 2013, 21:22
އެފްއައިވީބީ ވޯލްޑް ޗެމްޕިއަންޝިޕް 2014ގެ ކޮލިފިކޭޝަންގައި މިއަދު ހަވީރު އިންޑިއާ އަތުން ސީދާ ތިން ސެޓުން ބަލިވެ ރާއްޖޭގެ ގައުމީ ވޮލީބޯޅަ ޓީމް ކަޓައިފި އެވެ.
ކޮލަމްބޯގެ ސުގަތަދާސަ އިންޑޯ ކޯޓުގައި ކުޅުނު މެޗުން އިންޑިއާ އަތުން ރާއްޖެ ބަލިވީ 25-17، 25-14 އަދި 25-12ންނެވެ.
ރާއްޖެ އަތުން ފުރަތަމަ މެޗުން ލަންކާ މޮޅުވިވެފައި ވާއިރު މިއަދު ޕާކިސްތާނާ ދެކޮޅަށް ކުޅުނު މެޗުން 3-2 ސެޓުން ލަންކާ ވަނީ ބަލިވެފަ އެވެ. އަދި ރާއްޖެއާ ދެކޮޅަށް މާދަމާ ނުކުންނަ ޕާކިސްތާނަށް މުބާރާތުގެ ދެވަނަ ބުރަށް ދިއުމުގެ އުއްމީދު އާވެފައިވާ އިރު، މާދަމާ ލަންކާއާއި އިންޑިއާވެސް ނުކުންނާނީ ދެޓީމުގެ ގަދަ ހިފުމަކަށެވެ.
ހަތަރު ޓީމު ލީގު އުސޫލުން ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމަށް ފުރުސަތު ލިބޭނީ ސެންޓްރަލް ޒޯނުންނެވެ. އަދި އެ ޒޯނުން ކުރި ލިބޭ ޓީމުތައް ކޮލިފައިވާނީ އޭޝިއާގެ ކޮލިފައިން ބުރަށެވެ. ވޯލްޑް ޗެމްޕިއަންޝިޕުން ފުރުސަތު ލިބޭނީ އޭޝިއާ ބުރުން ކުރި ހޯދާ ޓީމުތަކަށެވެ.
ކޮލިފައިން އަށް ފަހު ސައުތު އޭޝިއަން އިންވިޓޭޝަނަލް މުބާރާތުގައި ވާދަކުރުމަށް ގައުމީ ޓީމު ޖުލައި 8 ގައި ނޭޕާލަށް ފުރާނެ އެވެ. މި މުބާރާތުގައި ވާދަކުރަނީ ރާއްޖެ އާއި ނޭޕާލުގެ އިތުރުން އަފްޣާނިސްތާނާއި ބަންގްލަދޭޝް އަދި ބޫޓާނެވެ.
މިއީ ސައުތު އޭޝިއާގެ ގައުމުތަކުގެ މެދުގައި ރަސްމީ މުބާރާތެއް ބޭއްވުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން ނޭޕާލުން އިސް ނަގައިގެން ބާއްވާ މުބާރާތެކެވެ.