ކޮންމެ އަހަރެއްގެ ރަމަޟާން މަހު ވަތަނިއްޔާއިން ޓީވީއެމް އާއި ގުޅިގެން ކުރިއަށް ގެންދާ ވަތަނިއްޔާ މަސްރޭހުގައި މިއަހަރު ވާދަކުރާ 16 ޓީމް އިއްޔެ ހޮވައިފި އެވެ.

މީގެ ތިން އަހަރު ކުރިން 2009 ވަނަ އަހަރުގެ ރަމަޟާން މަހުން ފެށިގެން ކޮންމެ އަހަރެއްގެ ވެސް ރަމަޟާންމަހު ވަތަނިއްޔާއިން ކުރިއަށް ގެންދާ "ވަތަނިއްޔާ މަސްރޭހަށް" ޒުވާނުންގެ ބޮޑުތަރުހީބެއް ލިބެމުން އަންނަ ކަމަށް އެކުންފުނިން ބުނެއެވެ.

ވަތަނިއްޔާއިން ބުނީ، މިއަހރުގެ މަސްރޭހުގައި ބައިވެރިވުމުގެ ފުރުސަތު އެކުންފުނިން ހުޅުވާލުމާއެކު ކުޑަދުވަސްކޮޅެއްގެ ތެރޭގައި ގިނަ ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށް ބައިވެރިވުމަށް ފޯމް ހުށަހެޅި ކަމަށެވެ. އެގޮތުން މިއަހަރުގެ މުބާރާތުގައި ވާދަކުރާ ޓީމް ތަކަކީ މިދިޔަ އަހަރުގެ ފައިނަލުގައި ވާދަކުރި ކޯސްޓްލައިން އާއި ރަތް މަސް އާއި ސްޓެލްކޯ ރެޑްލައިން ކުލަބާއި މީޑިއާ ނެޓާއި ސިޔާސީ ކެޔޮޅު އާއި އެރީކެޓީ އާއި ބައްޗުހޮޓާ އާއި ފުލުން އާއި ފަލަފެޓް އާއި ހިބަރު އާއި ޓީމު އަމާނީގޯ އާއި މެގަ ކެޔޮލު އާއި ޔުނިވާސަލް އެންޓަޕްރައިޒް އާއި މަސްވެރިޔާ އަދި އެންޑް ފްރެންޑްސް އެވެ.

ޖުމްލަ 16 ޓީމް ބައިވެރިވެވޭ ގޮތައް ކުރިއަށްގެންދާ "ވަތަނިއްޔާ މަސްރޭސް" މުބާރާތުގައި މިހަރު ހޮވާލެވޭ ވަނަތަކާއި އިނާމުތަކުގެ ތެރޭގައި މުބާރާތުގެ ޗެމްޕިއަންޓީމަށް 50،000ރ.ގެ އިނާމުގެ އިތުރުން ހަސަން މެރިން އިންޖީނިއަރިންގް ސޮލިއުޝަންސްގެ ފަރާތުން ހުށަހަޅާފައިވާ 60 ހޯސްޕަވަރުގެ އައުޓްބޯޑް އިންޖީނެއް ލިބެއެވެ. އަދި ކޮންމެ ހަފްތާއަކު އެއް ވަނަ އަށްދާ ފަރާތަކަށް 3000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައި ވާކަމަށް ވަތަނިއްޔާއިން ބުނެއެވެ.

މުބާރާތުގެ އެންމެ ގިނަ މަސްބާނާ "މުބާރާތުގެ މަސްވެރިޔާ" އަށް ހޮވޭ ފަރާތަކަށް 5000 ރުފިޔާގެ އިނާމުގެ އިތުރުން ހަސަން މެރިން އިންޖީނިއަރިންގް ސޮލިއުޝަންސްގެ ފަރާތުން ހުށައަޅާފައިވާ އިންޖީނެއް ލިބެއެވެ.

އަދި މުބާރާތުގެ އެންމެ ބަރު މަސްބާނާ ފަރާތަކަށްވެސް 5000 ރުފިޔާގެ އިނާމުގެ އިތުރުން ހަސަން މެރިން އިންޖީނިއަރިން ސޮލިއުޝަންސްގެ ފަރާތުން ހުށައަޅާފައިވާ އިންޖީނެއް ލިބޭނެ ކަމަށް ވަތަނިއްޔާއިން ބުނެއެވެ.

އަދި މިދިޔަ އަހަރެކޭ އެއްގޮތަށް މިހަރުވެސް އެސްއެމްއެސް މެދުވެރިކޮށް ކުރިޔަށްގެންދާ "ވަތަނިއްޔާ މަސްރޭސް ކުއިޒް" ވަތަނިއްޔާގެ ކަސްޓަމަރުންނަށް ހުޅުވާލެވޭނެ ކަމަށާއި ކުއިޒް ކާޟިޔާބު ކުރައްވާ ފަރާތަކަށް މޮޓޯގައިޑް ވެރިމެކްސް V55SW ޓްރޯލިން މޮޓޯ އިންޖީނެއް ހަސަން މެރިން އިންޖީނިއަރިން ސޮލިއުޝަންސް އިން ވަނީ ހުށަހަޅައިފައެވެ.

ރަމަޟާން މަހުގެ ކޮންމެ ހޮނިހިރު ދުވަހުގައި މަސްރޭސް ބޭއްވުމަށް ހަމަޖެހިފައި ވާއިރު މަސްރޭހުގެ ހަރަކާތްތައް ޓީވީއެމް މެދުވެރިކޮށް ލައިވްކުރާނެއެވެ.

މިއީ މިމުބާރާތް ކުރިއަށްގެންދާ ފަސް ވަނަ ފަހަރެވެ.