ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުން މުހައްމަދު ނިމާލް މިއަދު ވަކިކޮށްފި އެވެ.

ޕްރައިވެޓައިޒޭޝަން ބޯޑުގެ ރައީސް މުހައްމަދު އަމްޖަދު ވިދާޅުވީ ނިމާލް މަގާމުން ވަކިކުރީ، މަގާމުގެ ނުފޫޒުގެ ބޭނުންކޮށްގެން ކުންފުނީގެ ވަޒީފާތަކަށް މީހުން ވައްދާ ކަމުގެ ޝަކުވާ ލިބިގެން ކަމަށެވެ.

"އަޅުގަނޑުމެންނަށް އެކަން އެންގުމާ ގުޅިގެން އޭނާ މިއަދު ވަޒީފާއިން ވަކިކުރިކަން އަންގާފައިވާނީ. އަދި އެ މަގާމަށް މީހަކު އައްޔަނެއް ނުކުރަން،" އަމްޖަދު ވިދާޅުވި އެވެ.

މިކަމާ ގުޅޭ ގޮތުން ނިމާލްގެ ބަހެއް ލިބޭ ގޮތެއްނުވި އެވެ.

ޕީޕީއެމްގެ ކައުންސިލްގެ މެމްބަރު ނިމާލް މެނޭޖިން ޑިރެކްޓަރަކަށް ހަމަޖައްސާފައި ވަނީ މިދިޔަ އަހަރުގެ ޖޫން 18، ގަ އެވެ.

ފެނާއި ނަރުދަމާއި ކަރަންޓުގެ ހިދުމަތް މާލެ ފިޔަވައި އެހެން ހުރިހާ ރަށަކަށް ފޯރުކޮށް ދިނުމަށް ސަރުކާރުން އުފެއްދެވި ފެނަކަ ކޯޕަރޭޝަނަކީ ސައްތައިން ސައްތަ ސަރުކާރު ހިއްސާވާ ކުންފުންޏެކެވެ.

އެ ކުންފުންޏަކީ މާލެ ފިޔަވައި ރާއްޖޭގެ އެހެން ސަރަޙައްދުތަކަށް ކަރަންޓާއި، ފެނާއި، ނަރުދަމާގެ ހިދުމަތް ދިނުމުގެ އިތުރުން ތިމާވެއްޓަށް ގެއްލުން ކުޑަ ގޮތެއްގައި ކުނި ނައްތާލުމުގެ ޚިދުމަތް ދޭން އުފެއްދި ކުންފުންޏެކެވެ.

ފެނަކަ އުފެއްދީ ކުންފުންޏާބެހޭ ޤާނޫނު 95 ވަނަ މާއްދާއިން ރައީސަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން މިދިޔަ އަހަރުގެ ޖޫން މަހު އެވެ.