މިސްރުގެ އެންމެ މަތީ ކޯޓު ކަމަށްވާ ކޮންސްޓިޓިއުޝަނަލް ކޯޓުގެ އުއްތަމަ ފަނޑިޔާރުގެ މަގާމުގައި ހުންނެވި އަދުލީ މަންސޫރު އެ ގައުމުގެ ވަގުތީ ރައީސްގެ މަގާމުގެ ހުވާކުރައްވައިފި އެވެ.

މިސްރުގެ އަސްކަރިއްޔާއިން އެ ގައުމުގެ ރައީސް މުހައްމަދު މޫރުސީގެ ވެރިކަން ވައްޓާލައި، މޫރުސީ ގޭބަންދުގައި ހިފަހައްޓާފައިވަނިކޮށް މިސްރު ސިފައިންގެ ބެރެކްސްއެއްގައި ކުރިއަށް ދިޔަ ކޮންސްޓިޓިއުޝަނަލް ކޯޓުގެ ބައްދަލުވުމެއްގައި މަންސޫރު ވަގުތީ ރައީސްކަމުގެ ހުވާކުރައްވާފައި ވަނީ މިއަދު މެންދުރުގެ ވަގުތެއްގަ އެވެ.

ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މަންސޫރު ވިދާޅުވީ ވެރިކަން ކުރާ މީހާއަށް "އަޅުކަންކުރުމުގެ" ޒަމާން ނިމިގެން ގޮސްފައިވާ ކަމަށާއި ކުރިއަށް ދާން އޮތް ހަމައެކަނި ގޮތަކީ ވީހާވެސް އަވަހަކަށް އިންތިހާބެއް ބޭއްވުން ކަމަށެވެ.

މިސްރުގެ އަސްކަރިއްޔާއިން އެ ގައުމުގެ ވެރިކަން ވައްޓާލައި ގާނޫނު އަސާސީއަށް އަމަލުކުރުން ހުއްޓާލާފައި ވަނީ ރޭގެ ވަގުތެއްގައި އެ ގައުމުގެ އަސްކަރިއްޔާގެ ވެރިޔާ ޖެނެރަލް އަބްދުލް ފައްތާހު އަލް ސީޒީ ދެއްވި ތަގުރީރެއްގަ އެވެ.

ވަގުތީ ރައީސްގެ މަގާމުގެ ހުވާ އަދުލީ މަންސޫރު ކުރައްވާފައިވާއިރު، މަންސޫރު މިސްރުގެ އުއްތަމަ ފަނޑިޔާރުގެ މަގާމާ ހަވާލުވެފައި ވަނީ މިމަހުގެ އެއް ވަނަ ދުވަހު އެވެ.

މަގާމުން ދުރުކުރެވިފައިވާ ރައީސް މޫރުސީ ވިދާޅުވެފައި ވަނީ އެމަނިކުފާނުގެ ވެރިކަމާ ދެކޮޅަށް ބަޣާވާތެއް ކޮށްފައިވާ ކަމަށާއި އެބަޣާވާތް ބަލައިނުގަތުމަށް މޫރުސީ ވަނީ ގޮވާލައްވާފަ އެވެ.

މޫރުސީގެ މުޝްތަޝާރެއް ކަމަށްވާ ގެހާދު އަލް ހައްދާދު ވިދާޅުވެފައި ވަނީ މޫރުސީ ވަނީ އަސްކަރިއްޔާއިން ބަންދުކޮށްފައި ކަމަށާއި މޫރުސީ އެމަނިކުފާނުގެ އިސް އެހީތެރިންނާއެކު އަސްކަރީ މަރުކަޒެއްގައި ހިފަހައްޓާފައިވާ ކަމަށެވެ.