04 Jul 2013, 17:54
ސިފައިން ނުކުމެ، މިސްރުގެ ވެރިކަން ބަދަލުކޮށް، މިހާރު އެ ގައުމުގައި އުފައްދާފައިވާ ވެރިކަން ބަލައި ނުގަތުމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިނަލްއަގުވާމީ މުޖުތަމައުއަށް ގޮވާލައްވައިފި އެވެ.
ރައީސް ނަޝީދުގެ ވެބްސައިޓްގައި މިއަދު އާންމުކޮށްފައިވާ ބަޔާނެއްގައި ވިދާޅުވެފައި ވަނީ ޑިމޮކްރެޓިކް އުސޫލުން އިންތިހާބުކޮށްފައިވާ ވެރިއަކު ގާނޫނީ ގޮތުން ވެރިކަމުން ދުރުކުރެވޭނެ ހަމައެކަނި މަގަކީ އިންތިހާބު ކަމަށާއި އެއްވާ މީހުން ނުވަތަ ސިފައިން ނުކުމެގެން ނޫން ކަމަށެވެ. މިސްރަށް ގެނައި ބަޣާވާތުގެ ސަބަބުން އެ ގައުމުގެ ޑިމޮކްރަސީ މަގުން ކައްސާލާފައި ނުވާ ކަމަށް ގަބޫލުކޮށްގެން ނުވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި އެވެ.
"މިސްރުގައި ފުރިހަމަވަމުން އައި ޑިމޮކްރަސީ، ބަޣާވާތުގެ ސަބަބުން މަގުން ކައްސާލާފައި ނުވާ ކަމަށް ގަބޫލުކުރުމުގެ މޮޔަ ދުނިޔެއިން ހަދައިގެން ނުވާނެ،" ރައީސް ނަޝީދުގެ ބަޔާނުގައިވެ އެވެ.
މިސްރަށް ޑިމޮކްރަސީ އަނބުރައި ގެނައުމަށްޓަކައި އަވަސް އިންތިހާބެއްގެ މުހިއްމުކަން އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވެ، މިސްރުގައި އަވަސް އިންތިހާބެއް ބޭއްވުމަށް ވެސް ނަޝީދު ވަނީ ގޮވާލައްވާފަ އެވެ.
"ބަޣާވާތެއްގެ ތަޖުރިބާ އަމިއްލައަށް ކުރެވިފައި ވާތީ، ޑިމޮކްރަސީ އަނބުރައި ގެނައުމަށްޓަކައި އާ އިންތިހާބެއް އަވަހަށް ބޭއްވުމަކީ ކިހާ މުހިއްމުކަމެއްކަން އަޅުގަނޑަށް ވިސްނޭ،" ނަޝީދު ވިދާޅުވެފައިވެ އެވެ.
މިސުރުގެ ވެރިކަން ބަދަލު ކުރީ ބަޣާވާތަކުން ކަމަށް ނަޝީދު ވިދާޅުވި އިރު، ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީ، އެމެެރިކާ އިން އެއީ ބަޣާވާތެއް ކަމަށް ބުނުމަށް ވަނީ ފަސްޖެހިފަ އެވެ. ނަމަވެސް އެމެރިކާ ސަރުކާރުން ބުނީ ކަންބޮޑުވާ ކަމަށެވެ.