ށ. ފީވަކުގައި ޕޮލިސް ސްޓޭޝަނެއް ހުޅުވައިފިއެވެ.

އިއްޔެ އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ޕޮލިސް ސްޓޭޝަން ހުޅުއްވައި ދެއްވީ ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ސަލީމް އާއި ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ރިޔާޒު އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ރިޔާޒު ވިދާޅުވީ ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ހަމަހަމަކަމާއެކު ފުލުހުންގެ ޚިދުމަތް ދިނުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމަށް ވިދާޅުވިއެވެ. އަދި ފުލުހުންގެ މަރުކަޒެއް ފީވަކުގައި ހުޅުވިގެން މިދިޔައީ ގިނަ ރައްޔިތުންތަކެއް ކުރި މަސައްކަތުންކަން ފާހަގަކުރައްވަމުން ކޮމިޝަނަރު ވިދާޅުވީ ރަށުގެ ރައްޔިތުންގެ ފަރާތުން ފުލުހުންނަށް އެއްބާރުލުމާއި އެހީތެރިކަން ލިބިގެންދާނެކަމަށް އުއްމީދު ކުރައްވާކަމަށެވެ.

އެ ރަސްމިއްޔާތުގައި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ސަލީމް ދެއްކެވި ވާހަކަ ފުޅުގައި ފުލުހުންގެ މުއައްސަސާ މިއަދު މަސައްކަތްކުރަމުންދަނީ ވަރަށް ޕްރޮފެޝަނަލްކަމާއެކުކަން ފާހަގަކުރެއްވިއެވެ. އަދި ރަށުގެ ރައްޔިތުންގެ ފަރާތުން ފުލުހުންނަށް އެއްބާރުލުމާއި އެހީތެރިކަން ދެއްވާނެކަމަށް އުއްމީދު ކުރައްވާކަމަށް ވެސް ސަލީމް ވިދާޅުވިއެވެ.