ވައިގެ ދަތުރުފަތުގެ ހިދުމަތް ދޭ އަމިއްލަ ކުންފުނި، ވިލާއެއާގެ ފްލައިމީގެ ދަތުރުތައް އަވަސް މުއްދަތެއްގެ ތެރޭގައި ރާއްޖޭގެ އިތުރު މަންޒިލުތަކަށާއި ސްރީ ލަންކާގެ ކޮލަމްބޯއަށް ފެށުމަށް ހަމަޖައްސައިފި އެވެ.

ސީ ޕްލޭން ހިދުމަތްތައް ވެސް ކައިރި މުސްތަގުބަލެއްގައި ފެށުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

ވިލާ އެއާއިން މިއަދު މެންދުރު ފަހު މޫކައިގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި، އެ ކުންފުނީގެ މެނޭޖިންގެ ޑިރެކްޓަރު ރިޟްވާން ޝަރީފް ވިދާޅުވީ، ފްލައިމީގެ ދަތުރުތައް މިހިނގާ ޖުލައި މަހުގެ ތެރޭގައި، ގދ. ކާޑެއްދު އާއި، ލ. ކައްދޫއަށް ފެށޭވަރު ވާނެ ކަމަށާއި އަދި އޯގަސްޓް މަހުގެ ތެރޭގައި ހދ. ހަނިމާދޫއަށް ޝެޑިއުލް ދަތުރުތައް ފެށުމުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ. އަދި އޭގެ ފަހުން ވަރަށް އަވަހަށް ގއ. ކޫއްޑޫއަށް ވެސް ފްލައިމީގެ ދަތުރުތައް ފެށުމަށް ހަމަޖެހިފައިވާ އޭނާ ވިދާޅުވި އެވެ.

ވިލާ އެއާއިން ބުނީ، އެމެރިކާގެ އެންމެ ބޮޑު އެއާކްރާފްޓް އުފައްދާ އެއް ކުންފުނި ކަމަށްވާ ސެސްނާގެ ސީޕްލޭނެއް ރާއްޖެ ގެނެސް، އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެ ކުންފުނީގެ ސީ ޕްލޭން ދަތުރުތައްވެސް ފެށުމަށް ހަމަޖެހިފަވާ ކަމަށެވެ.

މިއަދުގެ އެ ބައްދަލުވުމުގައި ވިލާ ގްރޫޕްގެ ޗެއާމަން ގާސިމް އިބްރާހީމް އާއި، އެމެރިކާއިން ރާއްޖެއާއި ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ އެމްބެސެޑަރު، މިޝޭލް ސިޒޯން ބައިވެރިވެ ވަޑައިގަތެވެ.

ވިލާ އެއާގެ ދަތުރުތައް ފުޅާކުރުމުގެ ގޮތުން އެކުންފުނިންވަނީ އާ މަންޒިލްތަކަށް ދަތުރު ކުރުމަށް، ATR72-600 މަރުކާގެ އެއާކްރާފްޓެއް ގެނައުމަށް ނިންމާފަ އެވެ. އަދި އަންނަ އޮކްޓޫބަރުގައި އެ ބޯޓު ގެނައުމުން ފްލައިމީގެ ދަތުރުތައް ކޮލަމްބޯއަށް ފެށޭވަރު ވާނޭ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ވިލާ އެއާއިން ބުނީ، އެ ކުންފުނީގެ ދެވަނަ "ސެސްނާ ކެރަވަން" ގެނައުމުން އެ ކުންފުނިން، ޓޫރިސްޓުންނަށާއި އަދި ރާއްޖޭގެ ރަށްރަށަށް "އެއާ އެމްބިއުލެންސް"ގެ ހިދުމަތް ފަށާނޭ ކަމަށެވެ. ވިލާ އެއާއަށް ގެންނަ ދެވަނަ ސީ ޕްލޭންއަކީ، ދިހަ މީހުންގެ ޖާގަ ހިމެނޭ، އެއްގަމަށް ވެސް ޖެއްސޭ ގޮތަށް ފަރުމާކޮށްފައިވާ ބޯޓެކެވެ.