04 Jul 2013, 16:59
މި އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނާ އެކު ބަހުސަކަށް ވަޑައިގަތުމަށް ކޮންމެ ވަގުތެއްގައި ވެސް ހުންނެވީ ތައްޔާރަށް ކަމަށް ރައީސް މުހައްމަދު ވަހީދު ވިދާޅުވެއްޖެ އެވެ.
ރައީސް ވަހީދު އައްޑުއަށް މިއަދު ފުރާވަޑައިގަތުމުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ސަން އިން ސުވާލަކަށް ޖަވާބު ދެއްވަމުން ވިދާޅުވީ އެހެން ކެންޑިޑޭޓުންނާ އެކު ބަހުސަކަށް ދާން ހުންނެވީ ތައްޔާރަށް ކަމަށެވެ.
"އާދެ އާދެ. ކޮންމެ އިރަކަށްވެސް ތައްޔާރު (ރިޔާސީ ކެންޑިޑޭޓުނާއި އެކު) ބަހުސަކަށް ދިއުމަށް، " ވަރަށް ކުރުކޮށް ރައީސް ވިދާޅުވި އެވެ.
ަރައީސް ވަހީދު ވިދާޅުވީ އެމަނިކުފާނުގެ އެ ދަތުރުފުޅަކީ ހިތަދޫ ޝަރަފުއްދީން ސްކޫލުގެ އިނާމުދިނުމުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. އަދި ޖަލްސާގައި އެމަނިކުފާނުގެ ތައުލީމީ ސިޔާސަތާއި ބެހޭ ގޮތުން މިރޭ ވާހަކަ ދައްކަވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އެ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރައީސް ވަހީދު މިރޭ މާލެ ވަޑައިގަންނަވާނެ އެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ހަތަރު ކެންޑިޑޭޓުންގެ ބަހުސް އަންނަ ސެޕްޓެމްބަރު އެއް ވަނަ ދުވަހު ބާއްވާނެ ކަމަށް ޕަބްލިކް ބްރޯޑްކާސްޓަރު، މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީ) އިން ވަނީ ބުނެފަ އެވެ.