އެފްއޭއެމް އިން ފިއުޗާ ފީފާގެ ނަމުގައި ރެފްރީން ތަމްރީނު ކުރާ ކޯހެއް ފަށައިފި އެވެ.

އެފްއޭއެމްގެ ރެފްރީޒް ޑައިރެކްޓަރު އިސްމާއީލް އިޒްހާން މިއަދު ވިދާޅުވީ، އެ ކޯހަކީ ދެ މަސް ދުވަހުގެ މުއްދަތައް ކުރިއަށް ގެންދާ ކޯހެއް ކަމަށާއި ކޯހުގައި ޖުމްލަ 15 ރެފްރީއަކު ބައިވެރިވާ ކަމަށެވެ.

"މިދިޔަ ހަފުތާގައި ފެށި ކޯހުގައި ޖުމްލަ 15 ރެފްރީއަކު ބައިވެރިވޭ. މިއީ ދެ މަސްދުވަހުގެ ކޯހެއް،" އިޒްހާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޯސް ފުރިހަމަކުރާ ރެފްރީންގެ ތެރެއިން އެންމެ ރަނގަޅު ރެފްރީން ހޮވައި ފީފާ އަށް ފޮނުވާނެ ކަމަށެވެ. އަދި ފީފާއަށް ފޮނުވާ ރެފްރީން ކަނޑައަޅާނީ އެފްއޭއެމްގެ ރެފްރީޒް ކޮމެޓީން ކަމަށް އިޒްހާން ވިދާޅުވި އެވެ.

މިކޯހުގައި ބައިވެރިންނަށް ކިޔަވާދެއްވަނީ ފީފާ ރެފްރީ އަހުމަދު އަމީޒް އާއި ކުރީގެ ފީފާ ރެފްރީ އަހުމަދު އަބީރު އިސްމާއީލް އަދި އެފްއޭއެމުގެ ރެފްރީޒް ޑައިރެކްޓަރު އިސްމާއީލް އިޒްހާނެވެ.