ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން މިއަދު އިއުލާނުކުރި "ކޮކާކޯލާ ވޯލްޑް ރޭންކިން" ލިސްޓުން ދިވެހި ރާއްޖެއަށް ތިން ދަރަޖައިގެ ކުރިއެރުމެއް ލިބިއްޖެ އެވެ. މިކުރިއެރުމާއެކު ސާކް ސަރަހައްދުގައި ރާއްޖެ އަދި އޮތީ ހަތަރު ވަނައިގަ އެވެ.

ދުނިޔޭގެ ރޭންކިންގައި ރާއްޖެ އޮތީ 154 ވަނައިގަ އެވެ. އަދި އޭޝިއާ ޝަރަހައްދުގައި ރާއްޖެ އޮތީ 29 ވަނަ މަގާމްގަ އެވެ.

ފީފާއިން މިއަދު އިއުލާން ކުރި މިމަހުގެ ރޭންކިން ލިސްޓަށް ބަލާއިރު ސަރަހައްދުގެ އެއް ވަނަ މަގާމުގައި އޮތީ އަފްގާނިސްތާން އެވެ. ދުނިޔޭގެ ރޭންކިންގައި އަފްގާނިސްތާން އޮތީ 140 ވަނަ މަގާމްގަ އެވެ. ސަރަހައްދުގެ ދެ ވަނަ މަމާގްގައި އޮތީ އިންޑިއާ އެވެ. ދުނިޔޭގެ ރޭންކިންގައި އިންޑިއާ އޮތީ 146 ވަނަ މަގާމުގަ އެވެ.

ސަރަހައްދުގެ ތިން ވަނައިގައި އޮތީ ބަންގްލަދޭޝް އެވެ. އަދި ދުނިޔޭގެ ރޭންކިންގައި ބަންގްލަދޭޝް އޮތީ 152 ވަނައިގަ އެވެ.

ރާއްޖޭގެ ފަހަތުން ސަރަހައްދުގެ ފަސް ވަނައިގައި އޮތީ އެއް ދަރަޖައިގެ ކުރިއެރުމެއް ހޯދި ޕާކިސްތާނެވެ. ދުނިޔޭގެ ރޭންކިންގައި ޕާކިސްތާން އޮތީ 167 ވަނަ މަގާމްގަ އެވެ. ސަރަހައްދުގެ ހަވަނަ މަގާމް ގައި އޮތީ ދެ ދަރަޖައިގެ ކުރިއެރުމެއް ހޯދި ނޭޕާލެވެ. ދުނިޔޭގެ ރޭންކިންގައި ނޭޕާލް އޮތީ 169 ވަނައިގަ އެވެ. ސްރީ ލަންކާ ވަނީ އެއް ދަރަޖައިގެ ކުރިއެރުމަކާ އެކު ދުނިޔޭގެ ރޭންކިންގެ 171 ވަނަ މަގާމަށް ކުރިއަށް ޖެހިލައިފަ އެވެ.

ސަރަހައްދުގެ ފުލުގައި އަދި ވެސް އޮތީ ޕޮއިންޓެއް އަދި ކުރިއެރުމެއް ވެސް ލިބިފައިނުވާ ބޫޓާނެވެ. އެ ގައުމު އޮތީ ދުނިޔޭގެ 207 ވަނައިގަ އެވެ.