ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު މުހައްމަދު ޖިންސީގުޅުން ހިންގާކަމަށް ތުހުމަތު ކުރެވޭ ވީޑިއޯގެ މައްސަލަ ތަހުގީގު ކުރިމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ޚާއްސަ ކޮމެޓީއެއް އުފައްދައިފި އެވެ.

ޖޭއެސްސީން މިއަދު ބުނީ ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ އެ ކޮމެޓީ އުފައްދާފައި ވަނީ މިއަދު ބޭއްވި ކޮމިޝަންގެ 66 ވަނަ ބައްދުވުމުގައި ކަމަށެވެ.

އެ ކޮމެޓީ އުފައްދަން ފާސްކޮށްފައި ވަނީ މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ ތެރެއިން ރިޔާސަތުފިޔަވައި ދެންތިއްބެވި 8 މެންބަރުންގެ އިއްތިފާގުން ކަމަށް ވެސް ޖޭއެސްސީން ބުންޏެވެ.

އެ ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ އެ ކޮމިޝަންގެ ނާއިބުރައީސް އަބްދުﷲ ދީދީއާއި ކޮމިޝަންގެ މެމްބަރު ލަތީފާ ޤާސިމާއި ކޮމިޝަންގެ މެންބަރު އަހްމަދު ރަޝީދުގެ އިތުރުން ކޮމިޝަނުން ބޭރު ދެ ބޭފުޅުންގެ ގޮތުގައި ގާނޫނީ ވަކީލު ހުސައިން ސިރާޖާއި ގާނޫނީ ވަކީލު މުހައްމަދު އަނިލް ކަމަށް ޖޭއެސްސީން ބުންޏެވެ.

ޖޭއެސްސީން ބުނީ އެ ކޮމެޓީ އެކުލަވާލާފައި ވަނީ މޯލްޑިވްސް ޕޮލިސް ސާވިސް އިން އެކަމާ ބެހޭގޮތުން ފޮނުވި ސިޓީއަކާ ގުޅިގެން ކަމަށެވެ.