04 Jul 2013, 14:27
ތިރީސް ތިން ވަނަ ގައުމީ ބާސްކެޓް ބޯޅަ މުބާރާތުގައި ރޭ ކުޅުނު މެޗް ދިވެހި ސިފައިންގެ ކުލަބުން ކާމިޔާބު ކޮށްފި އެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ރޭ ކުޅުނު މެޗް ސިފައިން ކާމިޔާބު ކުރީ ހަރިކޭން ބީސީއާ ވާދަކޮށް 78 ޕޮއިންޓް 76 ޕޮއިންޓުންނެވެ. ރޭގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ހަރިކޭންގެ ބިދޭސީ ކުޅުންތެރިޔާ މަރުކޯ ސަވަނިކު އެވެ.
ރޭގެ މޮޅާ އެކު ސިފައިންގެ ކުލަބު ވަނީ މުބާރާތުގެ ތިން ވަނަ ސެމީއަށް ދަތުރު ކޮށްފަ އެވެ. ތިން ވަނަ ސެމީގައި ސިފައިން ވާދަކުރަން ޖެހޭނީ މިރޭ 8:30 ގައި ރެޑްލައިން ކްލަބާ އެވެ. މިރޭގެ މެޗުން މޮޅުވާ ޓީމަކަށް އަންނަ ހޮނިހިރު ދުވަހުގެ ރޭ 8:30 ގައި ކުޅޭ ފައިނަލުން ފުރުސަތު ލިބޭނެ އެވެ. އަދި ރޭ ބަލިވި ހަރިކޭން ވަނީ މުބާރާތުން ކަޓައިފަ އެވެ.
މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފައިވަނީ ޓީރެކްސް ބީސީ އެވެ. އެ ޓީމު ފައިނަލަށް ދިޔައީ އަންގާރަ ދުވަހުގެ ރޭ ކުޅުނު ސެމީގެ ފުރަތަމަ މެޗުން ރެޑްލައިން އަތުން 85 ޕޮއިންޓު 73 ޕޮއިންޓުން މޮޅުވެގެންނެވެ.
މުބާރާތުގައި ވާދަކުރާ ހަތަރު ޓީމަކީ ގައުމީ ބާސްކެޓް ބޯޅަ ލީގުގެ ގަދަ ހަތަރު ޓީމެވެ.