ކުރިއަށް ހުރި އިންތިހާބުތައް އެމްޑީޕީ އާއި ޑީއާރުޕީ އަށް ކާމިޔާބު ކުރެވޭނީ ކުދި ޕާޓީތަކުގެ ތާއީދު ލިބިގެން ކަމަށް ނައިބު ރައީސް އަދި ގައުމީ އިއްތިހާދުގެ ލީޑަރު ޑރ. މުހަންމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.


ސިޔާސީ ބައިބައިވުމުން އެއްކިބާކޮށް، ރަހުމަތްތެރި ވެއްޓެއްގައި ހިޔާލު ބަދަލުކުރުމުގެ މަގުސަދުގައި ގައުމީ އިއްތިހާދު ޕާޓީން ރޭ ގިޔާސުއްދީން ސްކޫލްގައި ބޭއްވި ފަރިއްކޮޅެއްގައި، ސަން އޮންލައިނަށް ދެއްވި އިންޓަވިއުއެއްގައި ޑރ. ވަހީދު ވިދާޅުވީ، ރާއްޖޭގެ ސިޔާސީ މައިދާނުގައި ކުދި ޕާޓިތަކަށް ވަރަށް ބޮޑެތި ފުރުސަތުތައް އެބަހުރި ކަމަށާއި ރާއްޖޭގެ ޑިމޮކްރެސީގެ ޅަފަތުގައި ވެސް ފެންނަމުން ދާ ހަގީގަތަކީ އެއީ ކަމަށެވެ.


"އިންތިހާބެއް ކުރިމަތިވަމުން އަންނަ އިރު އާބާދީގެ ތެރޭގައި ތަފާތު ހިޔާލުގެ މީހުން ތިބޭނެ.  ތަފާތު ހިޔާލުގެ މީހުން އިސްކަންދޭ ކަންތައްތަކާއި އެ މީހުން ބޭނުން ކަންތައް އެމީހުން ރުހޭ ބަޔަކު ފަހަރެއްގައި ހަމަ ބޮޑު މައި ދެ ޕަޓީގައި ނެތި ވެސް ހިނގައިދާނެ. އެހެންވީމަ ކުދި ޕާޓީތަކަށް ސަޕޯޓު މި ލިބެނީ،" ވަހީދު ވިދާޅުވި އެވެ.    


އެ މަނިކުފާނު އިތުރަށް ވިދާޅުވީ، ރިޔާސީ އިންތިހާބުގައި އިދިކޮޅު ފަރާތްތަކަށް ލިބިގެން ދިޔަ ކާމިޔާބީއަކީ ވަކި ބައެއްގެ ކާމިޔާބީއެއް ނޫން ކަމަށާއި އެއީ ހަމަ ގައުމީ އިއްތިހާދަށް ވެސް ލިބިގެންދިޔަ ކާމިޔާބީއެއް ކަމަށެވެ. އަދި ކުދި ޕާޓީތަކުން ސިޔާސީ މައިދާނުގައި މުހިންމު ރޯލެއް ކުޅޭކަން ރާއްޖޭގެ ޑިމޮކްރަސީގެ ކުރު ތާރީހުން ފެންނަން އޮތް ކަމުގައި ވެސް ނައިބު ރައީސް ވިދާޅުވި އެވެ.


"ކުދި ޕާޓިތަކުގެ ތާއީދު ލިބިގެން މިހާތަނަށް އިންތިހާބުތައް ކާމިޔާބު ކުރެވިފައި ހުރީ، ދެން އަދި މުސްތަގުބަލުގައި ވެސް އެހެން ވާނީ. އަޅުގަނޑަކަށް ހިޔެއްނުވޭ ރިއާސީ އިންތިހާބުގައި  އެލިބުނު ކާމިޔާބީ އަކީ... ބައެއްގެ ހިތްހެޔޮކަމުން އަޅުގަނޑުމެންނަށް ހޯދުނު ކާމިޔާބީއެއް ކަމެއް. އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެންގެ ޕާޓީއަކީ ވެސް ކުޑަ ޕާޓީ އަކަށް ވިޔަސް ޕާޓީގައި ތިބި މީހުންގެ ވެސް ކޮންމެވެސް ވަރެއްގެ އަގެއް ހުރީމަ އެ ކާމިޔާބު އެގޮތަށް އެ ކުރެވުނީ.  މުސްތަގުބަލުގައި ކުރިއަށް އޮތް ތާނގައި އެކަން ދަންނަ ބަޔަކު، އެ އަގު ވަޒަން ކުރާ ބަޔަކު އުޅޭނެ، އެގޮތުން ކުދި ޕާޓީތަކަށް ހަމަ ފުރުސަތު އެބަ އޮތް."  


ކުރިއަށް އޮތް ރިއާސީ އިންތިހާބުގައި ވާދަކުރައްވާނަންތޯ ދެންނެވުމުން އެމަނިކުފާނު ވިދާޅުވީ، އެކަމާ މެދު އެއްޗެއް ވިދާޅުވާން އަދި މާ އަވަސް ކަމަށެވެ. އެހެންނަމަވެސް، ލޯކަލް ކައުންސިލް އިންތިހާބުގައި ގައުމީ އިއްތިހާދު ޕާޓިގެ ކެންޑިޑޭޓުން ވާދަކުރައްވާނެ ކަމަށެވެ.


ގައުމީ އިއްތިހާދު ޕާޓީން އިންތިޒާމް ކުރި މި ފަރިއްކޮޅުގައި ހުރި ކާއެއްޗެއްސަށް ވަނީ "ސިޔާސީ ނަންނަން" ދީފަ އެވެ. އޭގެ ތެރޭގައި ވޯޓް ފޮށި ޝެލަޑް، ޑިމޮކްރަސީ ރައީސް ފަދަ ބަސްތައްދީފައި ހުރި ކާއެއްޗެތި ހުއްޓެވެ.


ރޭގެ ފަރިއްކޮޅުގައި އެ ޕާޓީގެ އިސްވެރިންނާއި ޕާޓީގެ އާންމު މެންބަރު ބައިވެރިވި އެވެ.