ކިތަންމެ ފިއްތުންތަކެއް އެމްޑީޕީން ކުރިމަތިކުރިވިޔަސް، ސަރުކާރު ޒިންމާދާރުކޮށް، ހަމަ މަގަށް އެޅުވުމުގައި ފަސްނުޖެހޭނެ ކަމަށް އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ވިދާޅުވެއްޖެ އެވެ.


އިސްލާމިކް އެފެއާޒުގެ ސްޓޭޓް މިނިސްޓަރު އަދި އާދަލު ޕާޓީގެ އިސް ތަރުޖަމާން އައްޝައިހް މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވީ އެމްޑީޕީގެ ޖަލްސާތަކުގައި އަދާލަތު ޕާޓީއަށާއި އިސްލާމިކް އެފެއާޒަށް އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕްގެ މެންބަރުން މިހާރަކަށް އައިސް ތަފާތު ފާޑުކިޔުންތައް ކުރިމަތިކުރާ ކަމަށާއި ނަމަވެސް ސަރުކާރަށް ފާޑުކިޔަންޖެހޭ ދަޑިވަޅުތަކުގައި އިސްލާމިކް އެފެއާޒުން ނުވަތަ އަދާލަތު ޕާޓީން ފަސް ނުޖެހޭނެ ކަމަށެވެ. އަދި ދީނުގައި ހިޔާލުތަފާތުވާ ކަންތައްތަކާއި، ކަޑައެޅިގެން ދީނުގައި ކުރުން މަނާކޮށްފައިވާ ކަންތައްތަކަށް ހިއްވަރު ލިބޭގޮތަށް ސަރުކާރުގެ އަމަލްތައް ބަހައްޓާ ކަމުގައި ވާނަމަ އެކަމުގެ ހަގީގަތް ހާމަކުރުމާއި ސަރުކާރު ހަމަ މަގަށް އެޅުވުމަށްޓަކައި ކުރަންޖެހޭ ހުރިހައި މަސައްކަތެއް އިސްލާމިކް އެފެއާޒުން ކުރާނެ ކަމަށް ވެސް ޝެއިހް ޝަހީމް ވިދާޅުވި އެވެ.


ހުޅުމާލޭގައި ދާދި ފަހުން ބޭއްވި އެމްޑީޕީގެ ޖަލްސާގައި، އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަލްހާން ފަހުމީ އިސްލާމިކް އެފެއާޒަށާއި އަދާލަތު ޕާޓީއަށް ފާޑުވިދާޅުވެފައިވާތީ ޝެއިހް ޝަހީމް ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތައް ކުރިއަރުވައި އެ ސިޔާސަތުތައް ދެމެހެއްޓުމަށް އިސްލާމިކް އެފެއާޒުން މިންނަތް މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އަލްހާން ވިދާޅުވީ އަދާލަތު ފާޓީއާއި އިސްލާމިކް އެފެއާޒުން، ދީން ނިވާފަތްގަނޑަކަށް ހަދައިގެން ނާޖާއިޒް ފައިދާ ނަގަމުންދާ ކަމަށެވެ. އަދި ދީން ހިމާޔަތް ކުރުމަށްޓަކައި ސަކާރުން ކުރަމުންދާ ކަންތައްތައް އޮޅޭ ގޮތަށް ތަފާތު އެއްވުންތަކާއި ދީނީ ފަތުވާތަކުގައި އަދާލަތު ޕާޓީ އާއި އިސްލާމިލް އެފެއާޒުން އަމަލް ކުރަމުންދާ ކަމަށް އަލްހާން ތުހުމަތު ކުރެއްވި އެވެ.


މިކަމާ ގުޅިގެން ޝެއިހް ޝަހީމް ވިދާޅުވީ ސަރުކާރުން އިސްލާމިކް އެފެއާޒް މިނިސްޓްރީއާ ހަވާލުކޮށްފައިވާ ޒިންމާ ތެދުވެރިކަމާއި އިހްލާސްތެރިކަމާ އެކު އަދާކުރާނެ ކަމަށެވެ.