ލ.އަތޮޅު ކައުންސިލްގެ އިދާރާ ހިންގުމަށް ސަރުކާރުން އެކަށީގެންވާ އެއްބާރުލުން ނުދޭ ކަމަށް ބުނެ ކައުންސިލްގެ އިދާރާ ބަންދުކުރުމަށް އެކައުންސިލުން ގަރާރެއް ފާސްކޮށްފި އެވެ.

ލ.އަތޮޅު ކައުންސިލްގެ ފަސް މެމްބަރުން ސޮއިކުރައްވައި ފާސްކުރި ގަރާރުގައި މިމަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށް އެކައުންސިލަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކޮށް ނުދީފިނަމަ ކައުންސިލްގެ އިދާރާގެ މަސައްކަތްތައް ހުއްޓާ ލުމަށްފަހު އިހުތިޖާޖް ކުރާނެ ކަމަށް ވަނީ ބުނެފަ އެވެ. އެގޮތުން އެކައުންސިލް އުފެދުނު އިރު އަތޮޅު ރައްޔިތުންގެ ފައިސާގެ ގޮތުގައި ތަފާތު އެކައުންޓްތަކުގައި ހުރި ފައިސާ މި މަހުގެ ހަތް ވަނަ ދުވަހުގެ ކުރިން އެކައުންސިލްގެ އެކައުންޓަށް ބަދަލުކޮށްދިނުމަށާއި ގަން ފޮނަދޫ މަގުހަދާ ޔުނިޓާއި އިސްދޫ މަގު ހަދާ ޔުނިޓްގެ ފައިސާ އެކައުންސިލްގެ ބަޖެއްޓަށް އެތާރީހުގެ ކުރިން ބަދަލުކުރުމަށް ވެސް ވަނީ އެދިފަ އެވެ.

ލ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު މިއަދު ވިދާޅުވީ ކައުންސިލުން އެގޮތަށް ގަރާރުފާސްކޮށްފައި ވަނީ ކައުންސިލަށް ކުރިމަތިވެފައިވާ ދަތިތަކާ ގުޅިގެން ކަމާ ބެހޭ ފަރާތްތަކާ އެކު މަޝްވަރާކުރުމަށް ފަހު އެކަންކަން ހައްލުކޮށްދިނުމަށް އެދި ލިޔެކިޔުމުން ހުށަހަޅައިގެން ވެސް ހައްލުނުވުމުން ކަމަށެވެ.

"ކައުންސިލް އުފެދުނު އިރު އަތޮޅު ކޮމިޓީގެ ފައިސާގެ ގޮތުގައި ހުރި ފްރީޒްކޮށްފައި ހުރި 4.2 މިލިއަން ރުފިޔާ ހޯދުމަށް މިއަދާ ހަމަލަށް ވެސް މިމަސައްކަތް ކުރަނީ އެއިން އެއްވެސް ފައިސާއެއް ލިބޭ ގޮތެއް ނުވޭ، އަނެއްކޮޅުން ގަމު ފުނަދޫގެ މަގު ހަދާ ޔުނިޓަށް ބަޖެޓް ނުލިބޭ މުވައްޒަފުންގެ މުސާރަދޭން، މިއަހަރުގެ ކައުންސިލް ބަޖެޓް ލިބުނިއިރު ނުލިބުނީމަ އެކި ފަހަރު މަތިން ވާނީ މިނިސްޓްރީއާ ބައްދަލުކޮށްފައި އެކަން ހައްލުކޮށްދިނުމަށް އެދިފައި، ނަމަވެސް އެއްވެސް ހައްލެއް ނައި، އެހެންވެ އަޅުގަނޑުމެންނަށް މިކަންކަން ހައްލުނުކުރެވޭހާ ހިނދަކު އޮފީސް ހުޅުވައިގެން ތިބެ ކޮށްދެވޭނެ ކަމެއް ނޯންނާނެ،" ރަޝީދު ވިދާޅުވި އެވެ.

އަތޮޅުގައި ހިމެނޭ ފަޅުރަށްރަށުން ލިބޭ ކުލި އަތޮޅު ކައުންސިލްގެ އާމްދަނީ އަށް ލިބޭނެ ގޮތް ހަމަޖައްސައި ދިނުމަށާއި އަތޮޅު ކައުންސިލުން ދޫކުރާ ލައިސަންސް ފޮތް މެދު ނުކެނޑި ކައުންސިލަށް ލިބޭނެ ކަމުގެ ލިޔުމެއް ފޮނުވައިދިނުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ލިޔުމުން އެންގުމަށް ވެސް އެ ގަރާރުގައި ފާސްކޮށްފައި އެވެ.

އަތޮޅު ކައުންސިލް އިދާރާގެ ސިވިލް ސާވިސް މުވައްޒަފުންގެ މުސާރައިން އުނިކުރި ފައިސާގެ ތެރެއިން މިހާތަނާށް ލިބިފައިނުވާ ފައިސާ އެ ތާރީހުގެ ކުރިން ޖަމާކޮށްދޭނެ ކަން އަންގައިދޭ ލިޔުމެއް ކައުސިލަށް ފޮނުވައިދިނުމަށް އެދި ލިޔުމުން އެންގުމަށް ވެސް އެ ގަރާރުގައި ވަނީ ފާސްކޮށްފަ އެވެ.

މީގެއިތުރުން އެ އަތޮޅަށް މޯލްޑިވްސް ދޯނި ސާވިސް އިން ދެމުންގެންދާ ފެރީގެ ހިދުމަތް ދުވަހުން ދުވަހަށް ދަށަށްދާ ކަމަށް ބުނެ އެ ކުންފުންޏާ އެކު ސަރުކާރުން ވެފައިވާ އެއްބަސްވުމާ އެއްގޮތަށް އަމަލުކުރުމަށް ސަރުކާރުގެ ފަރާތުން އެ ކުންފުންޏަށް އަންގައި އެލިޔުމުގެ ކޮޕީއެއް ކައުންސިލަށް ފޮނުވައިދިނުމަށް އެދުމަށް ވެސް އެ ގަރާރުގައި ފާސްކޮށްފައިވެ އެވެ.